ކ. މާލެ
|
9 އޯގަސްޓް 2021 | ހޯމަ 09:54
ކޮވިޑް-19 އާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް ހަދިޔާ ކުރި ސިއްހީ ސާމާނުތަކެއް
ކޮވިޑް-19 އާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް ހަދިޔާ ކުރި ސިއްހީ ސާމާނުތަކެއް
އެމެރިކާ އެމްބަސީ
ކޮވިޑް-19 އަށް ކުރާ ޚަރަދު
ކޮވިޑާ ގުޅިގެން ގެންނަންޖެހޭ ސާމާނު ގެނައުމަށް 1 ބިލިއަން ރުފިޔާ ޚަރަދުކޮށްފި
 
އިކޮނޮމިކް ރެސްޕޮންސްގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ވަނީ މިހާތަނަށް ޚަރަދުކޮށްފައި
 
ކޮވިޑް-19 އާ ގުޅުންހުރި ސިއްހީ އަދި އިޖުތިމާއީ އެކި ކަންކަމަށް ޚަރަދުކޮށްފައި ވަނީ 1.10 ބިލިއަން ރުފިޔާ
 
އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން

ކޮވިޑް-19 އާ ގުޅިގެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނަށް 1 ބިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން މިހާތަނަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާއިރު، ބަލިމަޑުކަމާ ގުޅިގެން ސިއްހީ އަދި އިޖުތިމާއީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޖުލައި 29ގެ ނިޔަލަށް 1.10 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ސަރުކާރުން ޚަރަދުތައް ކޮށްފައިވާ ދާއިރާތަކަށް ބަލާއިރު، ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނަށް ހޭދަކުރި 1 ބިލިއަން ރުފިޔާގެ އިތުރުން ކެޕިޓަލް އިކުއިޕްމެންޓަށް 201.8 މިލިއަން ރުފިޔާ އަދި އޮޕަރޭޝަނަލް ސަރވިސަސްއަށް 201.3 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އޭގެ އިތުރުން މުވައްޒަފުންނަށް އެލަވަންސް ދިނުމަށް 170 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު، ގްރާންޓްސް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީޒްގެ ގޮތުގައި 153 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ސަރުކާރުގެ އެކި އިދާރާތަކުން ކޮވިޑާ ގުޅިގެން ޚަރަދުކޮށްފައިވާ ގޮތަށް ބަލާއިރު، އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ. އެއީ 868.8 މިލިއަން ރުފިޔާއެވެ. ހެލްތު މިނިސްޓްރީން 729.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ޚަރަދުކޮށްފައި ވަނީ 151.6 މިލިއަން ރުފިޔާއެވެ.

އިތުރު މިނިސްޓްރީތަކުން ކޮވިޑާ ގުޅިގެން ކޮށްފައިވާ ޚަރަދުތަކަށް ބަލާއިރު، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ޖުލައި 29 ގެ ނިޔަލަށް 40.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން 28.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ފޮރިން މިނިސްޓްރީން 6.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ޖެންޑަރ މިނިސްޓްރީން ޚަރަދުކޮށްފައި ވަނީ 4.5 މިލިއަން ރުފިޔާއެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން 3.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.

އޭގެ އިތުރުން އެމްއެންޑީއެފް އިން 67.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ފުލުހުންގެ އިދާރާއިން ޚަރަދުކޮށްފައި ވަނީ 31.6 މިލިއަން ރުފިޔާއެވެ. ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 41.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ނެޝަނަލް ޑްރަގް އެޖެންސީން 1.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު، ހުޅުމާލެ ހޮސްޕިޓަލުން 2.2 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި އިމިގްރޭޝަނުން ޚަރަދުކޮށްފައި ވަނީ 9 ލައްކަ ރުފިޔާއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރަމުންދާ ޚަރަދުތަކުގެ ތެރެއިން އިކޮނޮމިކް ރެސްޕޮންސްގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ވަނީ މިހާތަނަށް ޚަރަދުކޮށްފައެވެ. އޭގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ދޫކުރި ލޯނުތައް ހިމެނެއެވެ. އޭގެ އިތުރުން ސަރުކާރުން ވަނީ ޖުލައި އެއް ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 421 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ޖުލައި 27ގެ ނިޔަލަށް 169.98 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ފެން އަދި ކަރަންޓު ބިލްތަކުގެ ސަބްސިޑީގެ ގޮތުގައި ޖޫން މަހު 172.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް