ކ. މާލެ
|
7 އޯގަސްޓް 2021 | ހޮނިހިރު 23:30
ކޮމިއުނިޓީ ޝީލްޑާއެކު ލެސްޓާގެ ކުޅުންތެރިން އުފާފާޅުކުރަނީ
ކޮމިއުނިޓީ ޝީލްޑާއެކު ލެސްޓާގެ ކުޅުންތެރިން އުފާފާޅުކުރަނީ
ގެޓީ އިމޭޖަސް
ކޮމިއުނިޓީ ޝީލްޑް
ސިޓީ ބަލިކޮށް ލެސްޓާއިން ޝީލްޑް ކާމިޔާބުކޮށްފި
 
ސިޓީ އަތުން ލެސްޓާ މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
މިއީ ލެސްޓާއިން ޝީލްޑް ކާމިޔާބުކުރި ދެވަނަ ފަހަރު

އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް އެފްއޭ ކަޕުގެ ޗެމްޕިއަން ލެސްޓާ ސިޓީން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފިއެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މެޗުން ލެސްޓާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު ލެސްޓާއިން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެ ޓީމުން މީގެ ކުރިން މި މެޗު ކާމިޔާބުކޮށްފައިވަނީ 1971 ވަނަ އަހަރެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ލެސްޓާއިން ލީޑު ނަގާފައިވަނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކެލެޗީ އިހެނާޗޯއެވެ. މިއީ އޭރިއާ ތެރެއިން އިހެނާޗޯއަށް ސިޓީގެ ނަތަން އަކޭ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގެ 65 ވަނަ މިނެޓުގައި ސިޓީން ވަނީ 100 މިލިޔަން ޕައުންޑް ޚަރަދުކޮށްގެން ދާދި ފަހުން އެ ޓީމަށް ގެނައި އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް ކުޅެން އަރުވާފައެވެ. މިއީ ގްރީލިޝް ސިޓީއަށް ކުޅެދިން ފުރަތަމަ މެޗެވެ. އެކަމަކު މި މެޗުގައި އޭނާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ.

ބްރެންޑަން ރޮޖާސްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލެސްޓާއިން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރިއިރު، އެ ޓީމުން މިދިޔަ ސީޒަނުގެ އެފްއޭ ކަޕުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލް މެޗުގައި ޗެލްސީ ބަލިކޮށްގެންނެވެ. މިއީ ލެސްޓާގެ ތާރީޚުގައި އެ ޓީމުން އެފްއޭ ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު ހޮނިހިރު ދުވަހުގެރޭ ކުޅުނުއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް