ވެކްސިން ނުޖަހާ މީހުންނަށް އެތެރޭގެ އުދުހުންތަކުން ވެސް ދަތުރުނުކުރެވޭ ގޮތަށް ނިންމުމަށް ސަރުކާރުން މަޝްވަރާތައް ފަށައިފިއެވެ.
ރާއްޖެއެމްވީއަށް "ސަރުކާރުގެ އޮފިޝަލަކު" ވިދާޅުވީ ސަރުކާރުން މިކަމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. މިގޮތަށް އުސޫލު ކަނޑައެޅުމުގެ މަޝްވަރާތައް ކުރަމުންދާއިރު މި ނިންމުމަށް އަމަލު ކުރާނެ ތާރީޚު ސަރުކާރުން އަދި ކަނޑައަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން މިގޮތަށް ނިންމައިފިނަމަ ވެކްސިން ނުޖަހާ މީހުންނަށް އެއްރަށުން އަނެއް ރަށަށް (އުޅަނދުފަހަރުގައި އާއި ފްލައިޓުގައި ވެސް) ދަތުރުނުކުރެވޭނެއެވެ.
އީދު ބަންދާ ދިމާކޮށް ވަރަށް ގިނަ އަދަދެއް އާންމުން ވަނީ ރަށްތަކަށް ދަތުރުކޮށްފައެވެ. ކުރިއަށް އޮތްނތާގައި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ އިރު ޕީސީއާރު ޓެސްޓު ހެދުމަކާ ނުލައި ދަތުރުކުމުގެ ހުއްދަ ދެވިގެންދާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗއީއޯސީ)އިން ވަނީ ބުނެފައެވެ.
އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ, ރާއްޖޭގެ ކޮވިޑް-19 ވެކްސިނޭޝަން ރޭޓަށާއި ކޮވިޑަށް ޕޮޒިޓިވްވާ މިންވަރަށް ބަލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު ޕީސީއާރު ޓެސްޓެއް ނުހަދާ ދަތުރުކުރެވޭނެ ގޮތަށް, ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހެދުމަށް ނިންމާފައިވާ ކަމަށެވެ.
މި ލުއި ދެވިގެންދާނީ ވަކިވަކި ރަށްރަށުގައި ކޮވިޑަށް ޕޮޒިޓިވްވާ މިންވަރަށާއި ވެކްސިންޖަހާ މިންވަރަށް ބެލުމަށް ފަހު ކަމަށާއި, ރަށުގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ ދެ ޑޯޒް ދީނިމުމުން، އެރަށަށް ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް އުޅޭ އިތުރު ރަށްރަށުން ދަތުރުކުރުމުގައި އިތުރު ލުއިތަކެއް ދެވިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު 5 އިންސައްތައިން ދަށުގައި ހުރި ރަށްރަށުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްގެން ދަތުކުރާ މީހުން މިހާރު ހަދަން ޖެހޭ ޕީސީއާރު ޓެސްޓު ނުހަދާ ދަތުރުކުރުމުގެ ހުއްދަ ދެވިގެންދާނެ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިގޮތަށް ޕީސީއާރު ޓެސްޓު ނުހަދާ ދަތުރުކުރުމުގެ ހުއްދަ ދެވޭނީ އާބާދީގެ ބޮޑު އިންސައްތައެއް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖެހުމުން ކަމަށެވެ. އެއީ އެ ރަށެއްގެ 12 އަހަރުން މަތީގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމާއި، 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެސް 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމާއި, އަދި ގެސްޓު ހައުސް ހިންގާ ރަށެއް ނަަމަ އެޞިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ 95 އިންސައްތަ މުވައްޒަފުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމުންނެވެ.
އެހެން ކަމުން ޕީސީއާރު ޓެސްޓު ނުހަދާ ދަތުރުކުރެވޭނީ, ފުރާ ރަށެއްގައި ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު 5 އިންސައްތައިން ދަށުގައި އޮވެ، އާބާދީގެ ބޮޑުބައެއް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވުމާއި ދާން ބޭނުންވާ ރަށުގެ ވެކްސިން ކަވަރޭޖު ފުރިހަމަ ވުމުންނެވެ.
އޭގެ އިތުރުން ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަހުން, ވެކްސިން ނުޖަހައި ދަތުރުކުރާ ފަރާތްތަކުގެ ރިލީޒް ސާމްޕަލް ދެން ހިލޭ ހަދައި ނުދޭނެ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. އަދި ބަލި އުޅޭ ރަށަކުން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ދަތުރުކުރާ ނަމަ ކަރަންޓީންވާން ޖެހޭ ޖެހުމަށް ބަދަލެއް ނާންނާނެ ކަމަށާއި, ކަރަންޓީނު ވުމަށް ފަހު ނަގާ ރިލީޒް ސާމްޕަލް ދެން ނެގޭނީ އަމިއްލަ ޚަރަދުގައި ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމުގެ އަމާޒުގައި ސަރުކާރުން މަސައްކަތްކުރަމުންދާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ފައިޒަރ ވެކްސިން ޖަހަން ފެށުމުން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ގޮތުގައި ގުނަމުން ދާނީ 12 އަހަރުންގެ މަތީގެ އާބާދީއެވެ. އަދި މިހާރު 18 އަހަރުން މަތީގެ މީހުންނަށް އެސްޓްރަޒެނެކާ ވެކްސިންގެ ޑޯޒްތައް ޖެހުމުގެ މަސައްކަތްކުރަމުންދާއިރު، ފައިޒަރ ވެކްސިންގެ ޑޯޒްތައް ޖެހުމަށް ހަމަޖެހިފައި ވަނީ ވަކި ޚާއްސަ ކެޓެގަރީއެއްގެ ބަޔަކަށެވެ.
އެއީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި, މާބަނޑު މީހުންނަށާއި, ދިފާއީ ނިޒާމު ބަލިކަށިކޮށްލާފަދަ ބޭހެއް ކަމުންދާ މީހުންނާއި, ރާއްޖެއިން ބޭރުން ފައިޒަރގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ރާއްޖެ އައިސް ދެވަނަ ޑޯޒް ޖަހަންޖެހޭ މީހުންގެ އިތުރުން, ރާއްޖެއިން ބޭރު ގައުމަތަކަށް ކިޔަވަން ދާ ދަރިވަރުންގެ ތެރެއިން އެ ދާ ގައުމަކުން ފައިޒަރ ނޫން އެހެން ވެކްސިނެއް ގަބޫލުނުކުރާ ދަރިވަރުންނަށެވެ. އަދި ރާއްޖޭގައި ފައިޒަރ ވެކްސިން ޖަހައި، ދެ ވަނަ ޑޯޒް ނުޖަހާ ތިބި ފަރާތްތަކަށް ވެސް މި ވެކްސިން ޖަހާނެއެވެ.