އިންޑަސްޓްރިއަލް ވިލެޖުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އަށް ދޫކޮށްފައިވާ ބިމެއް މާލެ ސިޓީ ކައުންސިލުން ހުސްކުރި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅައިފިއެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގު ޓީމެއް ވަނީ އެސަރަހައްދަށް ގޮސް ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށްފައެވެ.
މިމައްސަލައާ ގުޅިގެން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖުން އެކުންފުންޏަށް ދޫކޮށްފައިވާ 21000 އަކަފޫޓުގެ ބިމަކީ ބެކަޕް ޕަވަރ ޕްލާންޓް އެޅުމަށް ދޫކޮށްފައިވާ ބިން ކަމަށެވެ. މިބިމުގައި ގިނަ ޕްލޭންތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ, ތިލަފުށީގައި 150 މެގަވޮޓުގެ ޕަވަރ ޕްލާންޓެއް ގާއިމްކުރެވިގެންދާއިރު، އެއިން އުފައްދާ ކަރަންޓު މާލެއާއި ހަމައަށް ގެނައުމަށް މިބިމުގައި 132 ކޭބީ ސަބްސޭޝަނެއް ހުންނަން ޖެހޭ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެސަބްސޭޓަޝަނާއެކު ތިލަފުށީ ބްރިޖުގެ ކޭބަލް އަޅާގޮތަށް ޑިޒައިން ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޖޮއިންޓް ވޭވްތަކާއި ހުރިހާ ތަކެތި ޑިޒައިން ކުރެވިފައިވާ ކަމަށެވެ. އޭގެ އިތުރުން މިބިމުގައި މާލޭގެ މާފަންނު ސަރަހައްދުގެ ގްރިޑް މެއިންޓެއިން ކުރުމަށް ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން އުފައްދާ ކަރަންޓު ނުވަތަ ބެޓެރީ ބެކަޕް ސިސްޓަމެއް ގާއިމްކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެހެންކަމުން މިތަނަކީ ސްޓެލްކޯއަށާއި މާލޭގެ ގްރިޑް ސްޓެބިލިޓީއަށް ވަރަށް މުހިންމު ބިމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި އިންޓަރކަނެކްޝަން ގާއިމްވެގެން އަންނައިރު އެބިމުގައި ސަބްސްޓޭޝަނެއް ބެހެއްޓެން ނެތްކަމަށްވާނަމަ ގިނަ ދަތިތަކާ ކުރިމަތިވާނެ ކަަމަށެވެ.
މިބިމަކީ ވަރަށް ޚާއްސަ ގޮތަކުން ސްޓެލްކޯއަށް މުހިންމުވާ ބިމެއް. އެއީ ސަރުކާރުގެ މާސްޓަރ ޕްލޭންގައި ވާ ގޮތުން ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަން ޕްރޮޖެކްޓް މިއަންނަނީ މިހާރު ފޭސް -1 ނިމިފައި އޮތީ މާލެއާއި ހުޅުމާލޭގެ އިންޓަރކަނެކްޝަން ގާއިމް ކުރެވިފަ. ނަމަވެސް މިއީ މުޅި ޕްރޮޖެކްޓް ނިމުނީކީ ނޫން. މިޕްރޮޖެކްޓްގެ ދެވަނަ ފޭސްގައި މިއަންނަނީ ތިލަފުއްޓާއި މާލެއާއި އިންޓަރކަނެޓްވެގެން އަންނަ ހިސާބު. ދާދި ފަހުން ސަރުކާރުން އަޅުގަނޑުމެންނަށް އަންގާފައި އޮތީ ތިލަފުށީގައި 150 މެގަވޮޓުގެ ޕަވަރ ޕްލާންޓެއް އެޅިގެން އަންނާނެ ކަމަށް. މިދެންނެވި 150 މެގަވޮޓުގެ ޕަވަރ ޕްލާންޓުން އުފައްދާ ކަރަންޓު މާލެއާއި ހަމައަށް ގެނައުމަށްޓަކައި އިންޓަސްޓްރިއަލް ވިލެޖްގެ މިބިމުގައި ހުންނަން އެބަ ޖެހޭ 132 ކޭބީ ސަބްސޭޝަނެއް. އެސަބްސޭޓަޝަން ގާއިމް ކުރާ ގޮތަށް މިހާރު ތިލަފުށީ ބްރިޖުގެ ކޭބަލް އަޅާގޮތަށް ޑިޒައިން ކުރެވިފައި ވަނީ. އޭގެ ޖޮއިންޓް ވޭވްތަކާ ހުރިހާ އެއްޗެއް ޑިޒައިން ކުރެވިފައި ވަނީ.ސްޓެލްކޯގެ އޮފިޝަލް
މާލެ ސިޓީ ކައުންސިލުން މިބިން ހުސްކޮށްފައިމިވަނީ ސްޓެލްކޯއާ އެއްވެސް މަޝްވަރާ ކުރުމެއްނެތިއެވެ. މިސަރަހައްދު ހުސްކޮށްފައިވަނީ ފެންސް ޖަހައި ބަންދުކޮށްފައިވަނިކޮށެވެ. އަދި ބިމުގައި ހުރި މަސައްކަތްތަކަށް ބޭނުންވާ ބައެއް އާލާތްތައް ނެތްކަން ވެސް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ. ގާތްގަނޑަކަށް ފަސްލައްކައެއް ހާ ރުފިޔާ ޚަރަދުކޮށްގެން ބިން ލެވަލްކޮށް ސާފުކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.