ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 78،000ށް ވުރެ މައްޗަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން މިހާތަނަށް 78،130 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ބުރާސްފަތި ދުވަހުގެ އިރުއޮއްސި 06:00ން ހުކުރު ދުވަހުގެ އިރުއޮއްސި 06:00ށް ޖުމްލަ 131 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން 21 މީހުން ޕޮޒިޓިވްވެފައިވާއިރު ރަށްރަށުން ޕޮޒިޓިވްވެފައިވަނީ 92 މީހެކެވެ. އަދި ރިސޯޓުތަކުން 18 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އެކްޓިވް ކޭސްތަކުގެ އަދަދު 2،543ށް އަރާފައިވާއިރު 24 މީހަކަށް ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެވެ. 75،353 މީހުން ބަލިން ފަސޭހަވެފައިވާއިރު މިހާތަނަށް 222 މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖެއިން މިހާރު ފެންނަ ކޭސްތަކުގެ އަދަދު މަދުވެފައިވާއިރު ސަރުކާރުގެ ފަރާތުން ވަނީ ލުއިތައް ވެސް ދޭން ފަށާފައެވެ. އެގޮތުން ކެފޭ ރެސްޓޯރަންޓުތައް ހުޅުވާ ގަޑިތައް, ކުރިންވެސް އާންމުކޮށް ހުޅުވާ ގަޑިތަކަށް ބަދަލުކުރުމުގެ ހުއްދަ ވަނީ މިހާރު ދީފައެވެ. އަދި މީހުންގެ އަދަދު ކަނޑައެޅުމެއް ނެތި, ހަފްލާތަކާއި ޕާޓީތައް ބޭއްވުމުގެ ހުއްދަ ދިނުމަށްވެސް ވަނީ ނިންމާފައެވެ. ނަމަވެސް މިފަދަ ހަފްލާތައް ބާއްވަން ޖެހޭނީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށެވެ. މިގޮތުން, މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި އޯޕަން އެއަރ ތަންތަނުގައި ހަފްލާތައް ބޭއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މާލެ ސަރަހައްދުގެ ކޮވިޑް-19ގެ ކޭސްތައް މަދުވާން ފެށުމާއެކު ތަފާތު ގިނަ ލުއިތައް ދެމުންދާ އިރު، އަލަށް މިދެވުނު ލުއިތަކާއި ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މިހާރު ވަނީ ލުއިދީފައެވެ. މިލުއިތަކާއެކު ވެކްސިނޭޝަން ޕްރޮގްރާމް މިއަށްވުރެ ހަލުވި ސްޕީޑުގައި ކުރިއަށް ގެންގޮސް, ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އައު އާންމު ހާލަތުގައި މަސައްކަތްކުރުމަށް ކަމާބެހޭފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.