ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 18:51
ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ދިވެހި ރެފުރީން
ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ދިވެހި ރެފުރީން
އެފްއޭއެމް
އަތޮޅުތަކުން ރެފުރީން ތަމްރީނުކުރުން
ދިވެހި ޕްރިމިއާ ލީގާ ދިމާކޮށް އަތޮޅުތަކުން 100 ރެފުރީން ތަމްރީނުކުރަނީ
 
ލީގުގެ އައު ފޯމެޓަށް އަމަލުކުރާނީ 2023-2024 ގެ ސީޒަނުގައި
 
އައު ފޯމެޓާއެކު ދިވެހި ޕްރިމިއާ ލީގުގައި 12 ޓީމު ފެނިގެންދާނެ
 
ރެފުރީން ތަމްރީނުކުރުމުގައި ފޯކަސް ކުރަން ޖެހެނީ ތިން ޒޯނަކަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އަމާޒަކީ އަލަށް ތައާރަފުކުރާ ދިވެހި ޕްރިމިއާ ލީގާ ދިމާކޮށް އަތޮޅުތަކުން 100 ރެފުރީން ތަމްރީނުކުރުން ކަމަށް ލީގުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން އަންނަ މުޙައްމަދު އާދަމް ވިދާޅުވެއްޖެއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި އެފްއޭއެމުން ވަނީ މުޅި ރާއްޖެއިން ޕްރިމިއާ ލީގުގައި ވާދަކުރެވޭނެ ފޯމެޓް ދައްކާލާފައެވެ. އެފްއޭއެމުން އިއުލާންކުރި އައު ފޯމެޓުގައިވާ ގޮތުން ދިވެހި ޕްރިމިއާ ލީގު 2023-2024 ވަނަ އަހަރުގެ ސީޒަން ފަށާނީ މިހާރުވެސް ލީގުގައި ހިމެނޭ އަށް ޓީމާއެކުއެވެ. އޭގެ އިތުރުން ދެން ހިމެނޭނީ ހަތަރު ޒޯނުގެ ޗެމްޕިއަނުންނެވެ. މާލެ ޒޯނުގެ ޗެމްޕިއަން ގޮތުގައި އަންނަ އަހަރުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނަށް ޖާގަ ދޭއިރު، ދެން އޮތް ތިން ޖާގަ ދޭނީ ޒޯން ޗެމްޕިއަނުންނަށެވެ.

ކޮންމެ ޒޯނެއްގައިވެސް ލީގެއް ކުޅުމަށް ނިންމާފައިވާއިރު، ކޮންމެ ލީގެއްގައިވެސް ހަތަރު ޑިވިޝަން ހެދުމަށް ވަނީ ނިންމާފައެވެ. އެއީ ފުރަތަމަ ޑިވިޝަނާއި، ދެވަނަ ޑިވިޝަނާއި، ތިންވަނަ ޑިވިޝަނުގެ އިތުރުން އޯޕަން ޑިވިޝަނެކެވެ. އޯޕަން ޑިވިޝަނުގެ ބޭނުމަކީ ކޮންމެ ރަށެއްގައި ވެސް އޮންނަ ކޮންމެ ޓީމަކަށް ނުވަތަ ކޮންމެ ޖަމިއްޔާއަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމެވެ.

އައު ފޯމެޓާއެކު ދިވެހި ޕްރިމިއާ ލީގުގައި 12 ޓީމު ފެނިގެންދާއިރު، ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަނުގައި އަބަދުވެސް ކުޅެން ޖެހޭނީ އެންމެ ފުލަށްދާ ހަތަރު ޓީމެވެ. އެ ހަތަރު ޓީމު ކުޅޭނީ ޒޯންތަކުން އަންނަ ޗެމްޕިއަނުންނާއެކު ދެ ލެގުގެ އުސޫލުން ޕްލޭއޮފް މެޗެކެވެ. އަދި ޕްލޭއޮފްތަކުން ބަލިވާ ޓީމުތައް ކުޅެން ޖެހޭނީ އެ ޓީމެއް ހިމެނޭ ޒޯނެއްގެ ފުރަތަމަ ޑިވިޝަނުގައެވެ.

ދިވެހި ޕްރިމިއާ ލީގުގެ ހަތަރު ޒޯން:

  • ޒޯން 1: ހއ، ހދ، ށ، ނ، ރ
  • ޒޯން 2: ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ
  • ޒޯން 3: ތ، ލ، ގއ، ގދ، ޏ، ސ
  • ޒޯން 4: މާލެ، ހުޅުމާލެ، ވިލިމާލެ

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މުޙައްމަދު އާދަމް ވިދާޅުވީ އޮފިޝަލުންނަށް ބަލާއިރު ޒޯނަކަށް ހަތް ސެޓު ބޭނުންވާނެ ކަމަށާއި، އެހެންކަމުން އެއީ ޒޯނަކަށް 35 އޮފިޝަލުން ކަމަށެވެ. އަދި މުބާރާތް ބާއްވާ ކޮންމެ ތަނެއްގައި ސްޓޭޑިއަމް އޮފިޝަލުންނާއި ކޯޑިނޭޓަރުން ތައްޔާރުކުރަން ޖެހޭ ކަމަށާއި، އެކަމަކު އެކަމަށް މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުޙައްމަދު އާދަމް ވިދާޅުވީ ރެފުރީން ތަމްރީނުކުރުމުގައި ފޯކަސް ކުރަން ޖެހެނީ ތިން ޒޯނަށް ކަމަށާއި، އެގޮތުން މާލެ ހިމެނޭ ހަތަރުވަނަ ޒޯނުގައި މިހާރުވެސް ރެފުރީން އެބަތިބި ކަމަށެވެ. އެހެންކަމުން އެފްއޭއެމުގެ އަމާޒަކީ 100 ރެފުރީން ތަމްރީނުކުރުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރެފުރީން ކަނޑައަޅާއިރު އެ ރަށެއް ތަމްސީލުކުރާ ރެފުރީއަކު މެޗަށް ނޭރުވޭނެ ކަމަށާއި، އެހެންކަމުން އެ ޒޯނުތަކަށް ނިއުޓްރަލް ރެފުރީންތަކެއް ގެންނަން ޖެހޭ ކަމަށްވެސް މުޙައްމަދު އާދަމް ވިދާޅުވިއެވެ.

މުޙައްމަދު އާދަމް އިތުރަށް ވިދާޅުވީ މިހާރުވެސް ރަށްރަށުގައި ރަނގަޅު ރެފުރީން އެބަތިބި ކަމަށާއި، އެ މީހުންގެ ފެންވަރު ރަނގަޅު ކުރެވޭނީ ގިނަ މަޗުތަކެއް ތަޖުރިބާކޮށްގެން ކަމަށެވެ. އަދި ރެފުރީންގެ ދަތިވާ ހާލަތެއްގައި ބޭރުން ރެފުރީން ގެނެސްގެން މިކަން ކުރުމަށް އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވާ ކަމަށާއި، އެކަމަކު ވިސްނުމަކީ ކޮންމެ ޒޯނަކަށް ރަނގަޅު ފެންވަރުގެ ދެ ބޭރު ރެފުރީން ގެނެސް، ނުވަތަ ބޭރު މީހެއްގެ ބަދަލުގައި ރާއްޖޭގެ ސީނިއާ ރެފުރީން ހިމަނައިގެން މިކަން ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހި ޕްރިމިއާ ލީގާ ދިމާކޮށް ރެފުރީން ތަމްރީނުކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ. އެފްއޭއެމުން މިހާރު ތާވަލުކޮށްފައިވާ ގޮތުން ލީގުގެ ޒޯން ބުރުގެ ޑިވިޝަންތަކުގެ މެޗުތައް ކުޅޭނީ ސެންޓްރަލައިޒް ދަނޑުތަކެއްގައެވެ. އަދި ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅޭނީ ޕްރިމިއާ ލީގުގައެވެ.

އެފްއޭއެމުން ބުނީ ލީގު ފަށާއިރު ކޮންމެ ޒޯނެއްގައި ރީޖަނަލް އޮފީހެއް ހުންނާނެ ކަމަށެވެ. އެންމެ ފުރަތަަމަ ލީގުގެ އިންތިޒާމުތައް ކުރިއަށްގެންދާނީ އެފްއޭއެމާއި އެ ޒޯން އޮފީހެއް ގުޅިގެން ކަމަށާއި، ޒޯން އޮފީހުން ކަންތައްތައް ދަސްކޮށް އެކަމަށް ފަރިތަވާ މިންވަރަށް ބެލުމަށްފަހު މުސްތަގުބަލުގައި ޒޯން ލީގު އިންތިޒާމުކުރުމުގެ ފުރިހަމަ ބާރު ޒޯން އޮފީހަށް ދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ޕްރިމިއާ ލީގަށް ހާއްސަ ބޯޑެއް އެކުލަވާލެވި ސީއީއޯ އެއްވެސް ހަމަޖެހިގެންދާނެ ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް