ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 15:31
ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަޖުރިބާކާރު ގޯލްކީޕަރު އެލިސަން ބެކާ
ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަޖުރިބާކާރު ގޯލްކީޕަރު އެލިސަން ބެކާ
ގެޓީ އިމޭޖަސް
އެލިސަން އެއްބަސްވުން އާކުރުން
ލިވަޕޫލުގެ އެއްބަސްވުން އެލިސަން އާކޮށްފި
 
އެލިސަން ލިވަޕޫލާ ގުޅުނީ 2018 ވަނަ އަހަރު ރޯމާއިން
 
2027 ގެ ނިޔަލަށް އެލިސަން ލިވަޕޫލުގައި މަޑުކުރާނެ

ލިވަޕޫލާއެކު ހަދާފައި އޮތް އެއްބަސްވުން ބްރެޒިލުގެ ތަޖުރިބާކާރު ގޯލްކީޕަރު އެލިސަން ބެކާ އާކޮށްފިއެވެ.

އުމުރުން 28 އަހަރުގެ ގޯލްކީޕަރު ލިވަޕޫލާ ގުޅުނީ 2018 ވަނަ އަހަރު ރޯމާ ދޫކޮށް އޭރު ދުނިޔޭގެ ރިކޯޑު ޓްރާންސްފާ ފީއެއް ކަމަށްވާ 66.8 މިލިޔަން ޕައުންޑަށެވެ. މިއީ ގޯލްކީޕަރެއް ހޯދުމަށް އޭރު ކުލަބަކުން ކުރި އެންމެ ބޮޑު ޚަރަދެވެ. އެކަމަކު ފަހުން ޗެލްސީން ވަނީ އެ ރިކޯޑު މުގުރާލައި ސްޕެއިނުގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާގެ ސޮއި ހޯދާފައެވެ.

ބުދަ ދުވަހުގެރޭ ލިވަޕޫލުން ވަނީ އެލިސަން އެ ކުލަބުގެ އެއްބަސްވުން އާކުރިކަން އިއުލާން ކޮށްފައެވެ. ލިވަޕޫލުގެ އެއްބަސްވުން އެލިސަން ދިގު މުއްދަތަކަށް އާކުރިއިރު، ރިޕޯޓުތައް ބުނާ ގޮތުން އައު އެއްބަސްވުމާއެކު 2027 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އެލިސަން ލިވަޕޫލުގައި މަޑުކުރާނެއެވެ.

ފީފާއިން 2019 ވަނަ އަހަރު ހޮވި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމުވެސް ހޯދާފައިވާ އެލިސަން އަކީ މި ފަހުން ލިވަޕޫލުން ހޯދި ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެވެ. މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ބްރޮމްވިޗް އެލްބިއަން އަތުން ލިވަޕޫލް ފަހު ވަގުތު މޮޅުކޮށްދިން ލަނޑު އެލިސަން ބޮލުން ކާމިޔާބުކުރިއިރު، މިއީ މިދިޔަ ސީޒަނުގައި ގޯލްކީޕަރެއް ކާމިޔާބުކުރި ހަމައެކަނި ލަނޑެވެ. އަދި މިއީ ލިވަޕޫލުގެ ދިގު ތާރީޚުގައި އެ ޓީމުގެ ގޯލްކީޕަރަކު މެޗެއްގައި ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

މިހާތަނަށް އެލިސަން ލިވަޕޫލުގެ ޖާޒީގައި 130 މެޗު ކުޅެފައިވާއިރު، އޭނާ ވަނީ ލިވަޕޫލާއެކު އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ލިވަޕޫލުގެ އެއްބަސްވުން އެލިސަން އާކުރިއިރު، އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ތަރި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑާއި ބްރެޒިލުގެ މިޑްފީލްޑަރު ފަބީނިއޯވެސް ވަނީ ދާދި ފަހުން އެއްބަސްވުން ދިގު މުއްދަތަކަށް އާކޮށްފައެވެ. އަދި ލިވަޕޫލުގައި މި ވަގުތު ތިބި ގިނަ ކުޅުންތެރިންތަކެއްގެ އެއްބަސްވުން އާކުރަން އެ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
50%
50%
0%
0%
0%
0%
ކޮމެންޓް