ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 08:20
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށި އޮންލައިން
ކުޅުދުއްފުށި ކޮވިޑްގެ ހާލަތު
ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު 60ށް އަރައިފި
 
އެރަށުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ސިޓީ ކައުންސިލުން ވަނީ ނިންމާފައި
 
ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް
 
ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ 76 އިންސައްތައަކީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުން

ހދ. ކުޅުދުއްފުށިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 60ށް އަރައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ކުރިން ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ 5 މީހެއްގެ ސާމްޕަލް ބުދަ ދުވަހު ނަގައި ޓެސްޓް ކުރި އިރު، އޭގެ ތެރެއިން 2 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މިއާއެކު މިހާތަނަށް އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 60ށް އަރައިފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ބުދަ ދުވަހު އެރަށުން 134 ރެންޑަމް ސާމްޕަލްއެއް ނަގާފައިވާ ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފައިވެއެވެ. މީގެ ތެރެއިން ނަތީޖާ ލިބުނު 120 ސާމްޕަލް ނެގެޓިވް ވެފައިވާކަމަށް ވަނީ ބުނެފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ، އެރަށުން މިވަގުތު ޕޮޒިޓިވްވެފައިވާ މީހުންގެ 76 އިންސައްތައަކީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުން ކަމަށެވެ. އިތުރު ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ކުޅުދުއްފުށިން ކޮވިޑް-19 ގެ ޕޮޮޒިޓިވް ކޭހެއް ފެނި އެރަށް މޮނިޓަރިންނަށް ލާފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހެވެ. މިހާތަނަށް އެރަށުން 60 މީހުން ޕޮޒިޓިވްވެފައިވާއިރު، އެރަށުގެ 60 އަށްވުރެ ގިނަ ތަންތަން މިވަގުތު ވަނީ ކަރަންޓީންކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވް ކޭސްތައް ފެނިގެން ކަރަންޓީންކޮށްފައިވާ ގެތަކާއި، ޑައިރެކްޓް ކޮންޓެކްޓުން ދިރިއުޅޭތީ ކަރަންޓީން ކޮށްފައިވާ ގެތަކާއި އުޅަނދުފަހަރެވެ.

ކުޅުދުއްފުށިން ފެންނަ ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ އެރަށުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު ބޭނުން ކުރުމާއި, ޓެކްސީ ޑްރައިވަރުންނާއި ފިހާރަތަކުގައި މަސައްކަތް ކުރާ މީހުން ވެސް މާސްކު އެޅުން ހިމެނެއެވެ. އަދި ޕާކު ތަކާއި އާންމު އެންމެހާ ތަނެއް ބަންދު ކުރެވިފައިވާތީ މިފަދަ ތަންތަނަށް ނުދިއުމާއި، ގްރޫޕް ހަދައިގެން މޫދަށް ނުދިއުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން މަގުމަތީގައި ގުރޫޕް ހަދައިގެން ނޫޅުމާއި ކޮންމެހެން ނުކުންނަން ޖެހިގެންނޫނީ ގެއިން ބޭރަށް ނުދިއުމަށް އަންގާފައިވާ އިރު، ޒަރޫރީ ހާލަތެއްގައި މެނުވީ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމަށް ވަނީ އަންގާފައެވެ. އަދި ކަރަންޓީންގައި ތިބޭ މީހުން ކަރަންޓީންގެ އުސޫލުތަކަށް ތަބާވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް