ކ. މާލެ
|
2 އޯގަސްޓް 2021 | ހޯމަ 10:57
ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ލީޑަރުކަމަށް ދެވަނަ ފަހަރަށް ހޮވުނު އިސްމާޢިލް ހަނިއްޔާ
ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ލީޑަރުކަމަށް ދެވަނަ ފަހަރަށް ހޮވުނު އިސްމާޢިލް ހަނިއްޔާ
ރޮއިޓަރސް
ހަމާސް ޖަމާއަތުގެ ލީޑަރަކަށް ހަނިއްޔާ
ހަމާސް ޖަމާއަތުގެ ލީޑަރަކަށް އަނެއްކާވެސް އިސްމާޢިލް ހަނިއްޔާ
ހަމާސް ޖަމާއަތުގެ ލީޑަރަކަށް ހަނިއްޔާ އެންމެ ފުރަތަމަ އިންތިޚާބުވެގެން ދިޔައީ 2017 ވަނަ އަހަރު
ހަނިއްޔާ އިންތިޚާބުވެފައި މި ވަނީ ހަތަރު އަހަރަށް
ހަމާސްގެ އެތެރޭގެ މެމްބަރުންގެ ތެރޭގައި ނެގި މި ވޯޓުގައި ހަނިއްޔާއާ ދެކޮޅަށް އެއްވެސް ވޯޓެއް ލައިފައެއް ނުވޭ

ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ލީޑަރަކަށް އަނެއްކާވެސް އިސްމާއިލް ހަނިއްޔާ ހަމަޖައްސައިފިއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުން ހަމާސް އިން ނެގި ވޯޓަކުން ހަނިއްޔާ ވަނީ އިތުރު ހަތަރު އަހަރު އެ ޖަމާއަތުގެ ލީޑަރަކަށް ހޮވިފައެވެ. ހާމާސްގެ އެތެރޭގެ މެމްބަރުންގެ ތެރޭގައި ނެގި މިވޯޓުގައި ހަނިއްޔާއާ ދެކޮޅަށް އެއްވެސް ވޯޓެއް ލައިފައެއް ނުވެއެވެ.

ގާޒާގައި ވެރިކަންކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ލީޑަރަކަށް ހަނިއްޔާ އެންމެ ފުރަތަމަ އިންތިޚާބުވެގެން ދިޔައީ 2017 ވަނަ އަހަރުއެވެ. އަދި ހަތަރު އަހަރަށް ފަހު ހަމާސް އިން ނެގި ވޯޓުން ކާމިޔާބު ހޯދާ އަނެއްކާވެސް އިތުރު ހަތަރު އަހަރު އެ މަގާމުގައި ހުރުމުގެ ފުރުސަތު ހަނިއްޔާ މި ވަނީ ކަށަވަރުކޮށްފައެވެ. އެހެންނަމަވެސް ފާއިތުވި ދެ އަހަރު ހަނިއްޔާ އުޅެމުން ދިޔައީ ތުރުކީ އަދި ގަތަރުގައެވެ. އަދި މަގާމާ ހަވާލުވިފަހުން ގަޒާއިން ބޭރުގައި ހުރެ އެ ތަނުގައި ހަމާސް އިން ހިންގަމުންދާ ކަންތައްތައް ނިންމަމުން ދިޔަ އިރު، އަލުން ލީޑަރުކަމަށް ހޮވުމުން އަނބުރާ ގައުމަށް އަންނާނެ ކަމުގެ އިޝާރާތެއް އަދި ނުދެއެވެ.

ހަމާސް ޖަމާއަތުގެ ފައުންޑަރ، ޝެއިޚް އަހުމަދު ޔާސިން 2004 ވަނަ އަހަރު މަރާލެވުމާ ހަމައަށް އޭނާގެ އެންމެ އަރިސް މީހެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔައީ މިހާރު އުމުރުން 58 އަހަރުގެ ހަނިއްޔާއެވެ. ފަލަސްތީނުގެ ސިޔާސީ ދާއިރާއަށް ހަމާސް ވަނުމުގައި އެެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ ހަނިއްޔާއެވެ. އެގޮތުން 2006 ވަނަ އަހަރު ފަލަސްތީނުގައި ބޭއްވި މަޖިލިސް އިންތިޚާބު ހަމާސް އިން ކާމިޔާބުކޮށް އެ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހަނިއްޔާ ވަނީ ގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެފައެވެ. ނަމަވެސް ހަމާސް އަކީ އިސްރާއިލުގެ އިތުރުން އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަނުން ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ލޭބަލްކޮށްފައިވާތީ ފަލަސްތީނުގެ ބޮޑު ވަޒީރުގެ ގޮތުގައި ބައިނަލްއަގުވާމީ މަޝްރަހުގައި ހަނިއްޔާ ބަލައެއް ނުގަނެއެވެ.

އޭގެ ފަހުން ފަލަސްތީނުގައި ހަމާސް އަދި ފަތަހަ ޖަމާއަތާ ދެމެދު ހިނގާދިޔަ ދާޚިލީ ހަނގުރާމައަކަށް ފަހު ހަމާސްގެ ދަށަށް ގާޒާ ގެންގޮސް ގާޒާގެ ހުޅަނގު އައްސޭރީގައި ހަމާސްގެ އަމިއްލަ ވެރިކަމެއް ފެށިއެވެ.

- ކޮމެންޓް