"ދަ ކަޕިލް ޝަރްމާ ޝޯ"ގެ ދެ ވަނަ ސީޒަން ޕްރިމިއަރ ކުރާނީ އޯގަސްޓް 21 ގައި ކަމަށް ހާމަވެއްޖެއެވެ.
މިކަން ކަޕިލް ޝަރްމާ ޝޯގެ ފަރާތުން ވެސް އަދި މި ޝޯ ދައްކަން ހަމަޖެހިފައިވާ ސޮނީ އެންޓަޓެއިންމެންޓް ޗެނަލްއިން ވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެހެންމަވެސް، ކަޕިލް ޝަރްމާ ޝޯގެ ފުރަތަމަ ޓީޒަރ ސޮނީ ޓީވީއިން ވަނީ ޖުލައި 25 ވަނަ ދުވަހު އާންމުކޮށްފައެވެ. 2016 ވަނަ އަހަރު ސޮނީ ޓީވީން ދައްކަންފެށި "ދަ ކަޕިލް ޝަރުމާ ޝޯ" މި އަހަރުގެ ކުރީކޮޅު މެދުކަނޑާލުމަށްފަހު އަނެއްކާވެސް އަންނަ އޯގަސްޓް މަހު އަލުން ފަށާނެކަމަށް ޝޯގެ ހޯސްޓް އަދި ކޮމޭޑިއަން ކަޕިލް ޝަރުމާ ޓީޒާއިން ވަނީ ހާމަކޮށްފައެވެ.
45 ސިކުންތުގެ މި ޓީޒާއިން ޝޯގެ ކޮމީޑިއަނުންގެ ގޮތުގައި މި ފަހަރު ފެންނަ ތަރިން ކޮންމެވެސް ވަރަކަށް ތަފާތުކަން ފާހަގަވެއެވެ. އެގޮތުން ދެ ވަނަ ސީޒްންގައި ޓީޒާއިން ފެނިގެން ދަނީ އިންޑިއާގެ މަޝްހޫރު ކޮމީޑިއަނުން ކަމުގައިވާ ކްރިޝްނާ އަބީޝެކް، ސުދޭޝް ލެހެރީ، ބާރްތީ ސިންގް، ކީކޫ ޝަރްދާ އަދި ޗަންދަން ޕްރަބާޝްކަރާއެވެ. މި ފަހަރުގެ ސީޒަނުން "ދާދީ" ނުވަތަ މާމަގެ ރޯލުން އާންމުންގެ ބޮޑު މަޤުބޫލުކަމެއް ހޯދި އަލީ ސާގަރާއި ކަޕިލްގެ އަނބިމީހާގެ ރޯލުން ފެނުނު ސުމޯނާ ޗަކްރަވަރްތީއާއި، ސުގަންދާ މިޝްރާ ވެސް ފެނިގެނެއް ނުދެއެވެ. ކަޕިލް ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމްގައި ޙިއްޞާކުރަމުން ކަޕިލް ބުނީ ކުރީގެ މޫނުތަކަކާއެކު އައު ފެށުމަކަށް ޝޯ ވަރަށް އަވަހަށް އަންނަ ކަމަށެވެ. ފުރަތަމަ ސީޒަންގެ މެދުތެރެއިން "މީޓޫ މޫވްމަންޓް"ގެ މައްސަލަ ހޫނުވެ ނަވްޖޯތް ސިންގް ސިއްދޫ ޝޯއިން ވަކިކޮށް އޭނާގެ ބަދަލުގައި ޝޯގެ ޖަޖްއަކަށް އައި އަރުޗްނާ ޕުރަން ސިންގ މިފަހަރު ވެސް ޝޯގެ ޖަޖެއްގެ ގޮތުން ފެނިގެންދާނެއެވެ.
ފުރަތަމަ ޓީޒާގައި ފެނިގެންދަނީ ޝޯގެ ތަރިން ކޮވިޑް-19އިން ރައްކާތެރިވުމަށް ޚާއްސަ މެސެޖްތަކެއް ދޭތަނެވެ. އަދި މި ސީޒަން ތަފާތު ވާނެ އެއް ސަބަބަކީ ވެސް މިއީކަމަށް ބުނެފައިވެއެވެ.
އަލުން ފަށާ އެޕިސޯޑްގެ ޕްރޮމޯގެ ޝޫޓިން ޖުލައި މަހު ނަގާފައިވާއިރު، ޝޯގެ ޝޫޓިން ވެސް މިހާރު ވަނީ ފަށާފައެވެ. މި އަހަރުގެ ކުރީކޮޅު 307 އެޕިސޯޑް ފުރިހަމަކުރުމަށް ފަހު ސީޒަން ބްރޭކަށް ދިޔައީ، ކަޕިލްގެ އާއިލާއަށް ވަގުތު ދިނުމަށް ކަމަށް ކަޕިލް ބުނެފައިވެއެވެ. މި ޝޯގެ ދެވަނަ ސީޒަން ފެށުމަށް މަސައްކަތް ކުރާތާ 3 މަސް ފަހުން މި ޝޯގެ ޝޫޓިން ފަށާފައިވާއިރު، ޝޯގެ ބައިވެރިންގެ ފީ ބޮޑު ކުރުމަކީ ވެސް ޝޯ ފެށުން ލަސްވެގެންދިޔަ ސަބަބުކަމަށް ޚަބަރުތައް ބުނެއެވެ.
މި ޝޯ އަލުން ދައްކާނީ ވެސް ކުރިން ވެސް ދެއްކި ގަޑީގައި ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ އިންޑިއާ ގަޑިން 09:30 ގައި ނުވަތަ ރާއްޖެ ގަޑިން ރޭގަނޑު 9:00 ގައެވެ. "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ މަޝްހޫރު ކޮމެޑީއަން ކަޕިލް ޝަރުމާއާ އެކު ގެނެސްދޭ ޝޯއެކެވެ. ފެބްރުއަރީގައި މެދުކަނޑައިލި ޝޯ އަލުން ފަށާއިރު، މި ޝޯއަކީ ސޮނީގެ އެންމެ މަޤުބޫލު އަދި އެންމެ މަތީ ޓީއާރްޕީ ހޯދާ އެއް ޝޯއެވެ. މިފަހަރުގެ ސީޒަންއަށް ވެސް އާންމުން ދިގު އިންތިޒާރެއްކުރަމުންދާއިރު، މި ސީޒަންއަށް ވެސް މަތީ ޓީއާރްޕީއެއް ލިބި ޗެނަލްގެ މަޤުބޫލުކަން އިތުރުކޮށްދޭނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
މި ޝޯގެ ފުރަތަމަ ސީޒަން ޕްރިމިއަރކޮށްދީ ނުވަތަ ފުރަތަމަ ސީޒަންގެ ފުރަތަމަ ޝޯ ފަށާދީފައިވަނީ ބޮލީވުންޑްގެ ކިންގް ޚާން ޝާރުކް ޚާނެވެ. މި ސީޒަންގެ ޕްރިމިއަރ ޝޯއަކީ ވެސް ތަފާތު އަދި ޚާއްސަ އެޕިސޯޑަކަށް ވާނެކަމަށް ކަޕިލް ޝަރްމާ ވަނީ ބުނެފައެވެ. މިދިޔަ ސީޒަންއެކޭ އެއްގޮތައް މިފަހަރުވެސް ބޮލީވުޑާއި، އިންޑިއާގެ އެހެން އިންޑަސްޓްރީތަކުގެ ތަރިން ބައިވެރިވާއިރު، މި ޝޯއާ ވާދަކުރުމަށް ޒީޓީވީއިން ވެސް ހަމަ އެ ގަޑީގައި "ކޮމެޑީ ފެކްޓްރީ"ގެ ނަމުގައި ޝޯއެއް ވަނީ ދައްކަން ފަށާފައެވެ. މި ޝޯއިން ކަޕިލް ޝަރްމާ ޝޯގެ ފުރަތަމަ ސީޒަންއިން ފެނުނު އަލީ ސާގަރް އަދި ސުގަންދާ މިޝްރާގެ އިތުރުން އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު ތަރިން ފެނިގެންދެއެވެ. މިހާރު އުފެދޭ ސުވާލަކީ އައު ޝޯތަކެއް ޓީވީއިން ފެނިގެންދާ މިދުވަސްވަރު "ދަ ކަޕިލް ޝަރްމާ ޝޯ"ގެ އެނބުރިއައުން ކާމިޔާބު ވާނެތޯ އުފެދޭ ސުވާލެވެ. މިކަމަށް ދެން އިންތިޒާރުކޮށްލަމާ ހިނގާށެވެ.