ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އޮގަސްޓް 16 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މި މަހުގެ 16 ވަނަ ދުވަހު ބާއްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާއިރު، ދެ ވަނަ ދައުރުގެ ފަހު ޖަލްސާ ބާއްވާފައި ވަނީ ޖުލައި 8 ވަނަ ދުވަހުއެވެ.
މި އަހަރުގެ މަޖިލީހުގެ ދެ ވަނަ ދައުރު ގައި ޖުމްލަ 22 ޖަލްސާ ބޭއްވުމަށްފަހު މަޖިލިސް ޗުއްޓީއަށް ދިޔައިރު ދެވަނަ ދައުރުގައި މަޖިލީހުން ކުރުމަށް 104 މަސައްކަތެއް އޮތެވެ. އެއީ ފުރަތަމަ ދައުރުން ދެވަނަ ދައުރަށް އައިސްފައިވާ 54 މަސައްކަތާއި، ދެވަނަ ދައުރަށް ހުށަހަޅާފައިވާ 50 މަސައްކަތެވެ. މީގެތެރެއިން ނިމިފައިވަނީ 41 މަސައްކަތެވެ. ނުނިންމާ 63 މަސައްކަތެއް ވެއެވެ.
މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ކުރިޔަށް ގެންދިޔަ ޖަލްސާތަކުގައި ފާސްކޮށްފައިވާ މުހިންމު ބިލްތަކަށް ބަލާއިރު، އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ވަކި ގެކޮޅެއް ހަމަޖެއްސުމާއި، ސެކިޔުރިޓީ އާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކުރި ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހުގެނައުމަށް ފާސްކުރި ބިލް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން އާމްދަނީ އިތުރުކުރުމަށް ރާއްޖެއިން ފުރާ ފަތުރުވެރިންގެ އަތުން ޓެކްސް އާއި ފީ ނެގުމަށް، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް ގެނައި އިސްލާހަކީ ވެސް މިދައުރުގައި ފާސްކުރި މުހިންމު ބިލުތަކެކެވެ. މީގެއިތުރުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވެސް ވަނީ ފާސްކޮށްފައެވެ.
މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، ދިން ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެއްވުމަށް ރާއްޖެއިން ބޭރުގައި ހުންނެވުމާގުޅިގެން ދެވަނަ ދައުރުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ނައިބު ރައީސް އީވާ ޢަބްދުﷲގެ އިތުރުން ރިޔާސަތު ބެލެހެއްޓެވުމަށް ކަނޑައަޅާފައިވާ މެމްބަރުންނެވެ.
މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.