ކ. މާލެ
|
31 ޖުލައި 2021 | ހޮނިހިރު 17:53
އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ވަނީ ލިބިފައި، ރައީސްގެ އިލްތިމާސަކީ އެންމެން ވެކްސިން ޖެހުން
އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ވަނީ ލިބިފައި، ރައީސްގެ އިލްތިމާސަކީ އެންމެން ވެކްސިން ޖެހުން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ވެކްސިން ވެސް ލިބިއްޖެ، ދެން ކުރާނީ ކޮން ޝަކުވާއެއް؟
 
ސަރުކާރުގެ އަމާޒަކީ އޮގަސްޓްގެ ނިޔަލަށް އާބާދީގެ 90 އިންސައްތައަށް ވެކްސިން ޖެހުން
 
ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް އެސްޓްރަޒެނިކާ ޖެހޭނެ

ކޮވިޑްގެ އާލަމީ ވަބާއިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް އޮތް ހަމައެކަނި ފަރުވާއަކީ ވެކްސިނެވެ. ވެކްސިން އުފައްދައި ބޭނުންކުރަން ފެށުމާއެކު އުއްމީދުގެ ހުޅުކޮޅެއް ރޯވިނަމަވެސް ބަލިމަޑުކަން ދިޔައީ ކުރި ހޯދަމުންނެވެ. ވެކްސިން ލިބޭނެ ކަމުގެ އުއްމީދު ކުޑަވެގެން ދިޔަ ގައުމުތަކުގެ ތެރޭގައި ފަގީރު ގައުމުތަކާއި ވެކްސިން ނުއުފައްދާ ގައުމުތައް ހިމެނިގެންދިޔައެވެ.

ރާއްޖެއަށް ވެކްސިން ހޯދުމަށް ސަރުކާރުން ދުރާލާ ފެށި މަސައްކަތާއެކު ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ދެއްވި އުފާވެރި ޚަބަރަކީ ހުރިހާ އެންމެނަށް ބޭނުންވާ ވަރަށް ވެކްސިން ލިބުނު ކަމުގެ އުފާވެރި ޚަބަރެވެ. ވެކްސިން ހުސްވެގެން ނުޖެހި ތިބެން ޖެހި ދުވަސްކޮޅެއްވެސް ދިޔައެވެ.

މިއާއެކު އާންމުންގެ އެންމެ ބޮޑު ސުވާލަކަށް އަދި ޝަކުވާއަކަށް ވެސް ވެގެން ދިޔައީ މިކަމުގައި ދެން ހަދާނީ ކިހިނެއްތޯއެވެ. ސަރުކާރުން މިކަން ކުރުމުގައި ފެއިލްވީތޯއެވެ. ނަމަވެސް ކަމުގެ ހަގީގަތަށް ބަލާލާއިރު އެއްކަލަ ވެކްސިން ނުއުފައްދާ ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނެއެވެ. ވެކްސިން ބައްކުރާ މުއްސަނދި ގައުމަކަށް ވެސް ރާއްޖެ ނުވިއެވެ.

އެހެންނަމަވެސް ރާއްޖޭގެ ސަރުކާރުން ދިޔައީ ރައްޔިތުންނަށް އުއްމީދުގެ ވައުފަށެއް ފޯރުކޮށްދެމުންނެވެ.

ވެކްސިން ގަންނަން ޖެހުނަސް އެކަން ކުރާނެ ކަމުގެ ޔަގީންކަމާއެކުގައެވެ. މި އުއްމީދު ހަގީގަތަކަށް ނުވެ ދިގުލައިގެން ދިޔުމުން ބައެއް މީހުން ޝަކުވާތައް ބަންޑުންކޮށްލިއެވެ. ގައުމުގެ އިސްވެރިންނާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ހެއްދެވި ނެހެއްދެވިއަށް ގޮވިއެވެ. ނަމަވެސް ސަރުކާރުން ވަކިން ޚާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްވަމުން ގެންދެވީ އުއްމީދެވެ.

އެންމެ ފަހުން ސަރުކާރުން އަންދާޒާ ކުރި ތާރީޚުގެ ތެރޭގައި ވެކްސިން ލިބިއްޖެއެވެ. ހުރިހާ ދިވެހިންނާއި މިގައުމުގެ ހަފޮޅުން އެތެރޭގައި ދިރިއުޅެމުން ދާ އެންމެނަށް ބޭނުންވާ ވަރަށް ވެކްސިން ލިބުނު ކަމުގެ އުފާވެރި ޚަބަރު އެމަނިކުފާނު ދެއްވިއެވެ.

ކޮވިޑް-19 ގެ ކުރިން ގައުމު އޮތް ހާލަތަށް ރުޖޫއަވުމަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ރައްޔިތުން ވެކްސިން ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިކަމާ ގުޅިގެން ރައީސް ވިދާޅުވީ އާންމު ހާލަތަކަށް ދިއުމަށް ލިބިފައިވާ އެންމެ ބޮޑު ހަތިޔާރަކީ ވެކްސިން ކަމަށާއި ވެކްސިން ނުޖަހާ ތިބި އެންމެން ވެކްސިން ޖެހުން އަވަސް ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި މިއީ ގައުމީ ކަމެއްގެ ގޮތުގައި ދެކި މުޅި މުޖްތަމައުގެ ހެވާއި ލާބައަށް މިކަން ކުރުމަށް އެދޭ ކަމަށެވެ.

ސަރުކާރުން ބުނެފައިވަނީ އާބާދީގައި ހިމެނޭ އެންމެނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ހޯދުނު މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. މި ޕެންޑަމިކުގެ ކުރިން ގައުމު އޮތް ހާލަތަށް އަނބުރާ ވާސިލްވުމަށް މުޖުތަމައުގެ އެންމެންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށެވެ. ވަކިން ޚާއްސަކޮށް މިހާރު ފަށާފައިވާ ވެކްސިން ޕްރޮގްރާމަށް އެންމެންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށެވެ.

ރާއްޖެ ބަރޯސާވެގެން އޮންނަ ފަތުރުވެރިކަން ކުރިއަރުވައި ގައުމުގެ އިގްތިސާދު ރަނގަޅުކުރުމަށް ސަރުކާރުން ނިންމި އެންމެ މުހިންމު ނިންމުމަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ފޯރުކޮށްދިނުމެވެ. އެއްވެސް އަގަކާއި ނުލައި ހިލޭ އެ ޖެހޭނެ އިންތިޒާމް މަދު ސިއްހީ އެހީތެރިންނާއެކު ކުރުމެވެ.

އެހެން ގައުމުތަކުގައި ވެކްސިން ނުލިބި އެގައުމެއްގެ ރައްޔިތުންނަށް އެކަނި ވެކްސިން ޖަހާ ހިސާބުގައި ކަންކަން އެބަހުއްޓެވެ. ނަމަވެސް ދުރުރާސްތާ ޕްލޭނާއެކު ރައީސް ސާލިހުގެ ދުރުވިސްނުންފުޅާއެކު ނަސްލަކަށް ގިންތިއަކަށް ނުބަލައި އެކަން ކުރައްވަން ނިންމެވި ކަމީ ވެރިކަން ކުރުމުގައި ހަމަހަމަކަން ގެންގުޅުއްވާ ކަމުގެ ލާމަސީލު ނަމޫނާއެކެވެ.

ވެކްސިން ލިބުން ދަތިވުމާއި އާންމުންގެ ޝަކުވާއެކު ވެކްސިން ވެސް ސިޔާސީ ކުރަން ބައެއް ފަރާތްތަކުން މަސައްކަތް ކުރިއެވެ. ނަމަވެސް ސަރުކާރުން ނެގި ސްޓޭންޑާއެކު އެ ސިޔާސީ ވާހަކަތަކީ ޚިޔާލީ ފޮލާއަކަށް ވެއްޖެއެވެ.

ދެން އުފެދޭ ސުވާލަކީ ވެކްސިން ޖަހަން ފަސްޖެހޭނީތޯ ނުވަތަ ވެކްސިން އެއްވެސް ގޮތަކަށް ނުޖަހާ ތިބި 27 އިންސައްތަ މީހުންގެ ޒިންމާއެއް ނެތީތޯއެވެ. މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ 70 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. 50 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

ވެކްސިން ނެތިގެން ޝަކުވާކުރި މީހުންނަށް އެކަން ލުއިފަސޭހަ ގޮތަކަށް ކުރެވޭނެ އިންތިޒާމްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. ކިއުގައި ނުޖެހި އެޕޮއިންޓްމެންޓް އުސޫލުން ބޭނުން ގަޑިއަކު ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ދެން ވެސް ނުދާންވީ ސަބަބެއް ނެތެވެ. އެއިރު ކުރި ޝަކުވާތަކަށް ހައްލު ހޯދައިދީ އެކަން ވެސް ނިމުކަމަށް ގެނެސްފިއެވެ.

ހަމަ އެންމެ ސުވާލެކެވެ. ވެކްސިން ވެސް ލިބިއްޖެއެވެ. ދެން އޮތީ ކޮންޝަކުވާއެއް ހެއްޔެވެ.

ކޮމެންޓް