ކ. މާލެ
|
31 ޖުލައި 2021 | ހޮނިހިރު 16:36
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
ރައީސްގެ ނުރަސްމީ ދަތުރުފުޅު
ރައީސް ޞާލިޙް ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފި
ރާއްޖެ ވަޑައިގަތީ ހޮނިހިރު ދުވަހުގެ މެންދުރުފަހު
އެމަނިކުފާނުގެ ކޮއްކޯފުޅު އަވަހާރަވުމާ ގުޅިގެން ޖޫން 21ގައި ވެސް ދުބާއީއަށް ވަޑައިގެންނެވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެންފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ރައީސް ދުބާއީއަށް ވަޑައިގަތީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އަމިއްލަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ ކޮއްކޯފުޅު އަލްހާފިޒް އަހުމަދު މުހައްމަދު ސާލިހު އަވަހާރަވުމާ ގުޅިގެން ޖޫން 21 ގައި ވެސް ރައީސް ސާލިހު ދުބާއީއަށް ވަޑައިގެންނެވިއެވެ. އަދި ޖުލައި 20 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވެސް ވަޑައިގެންނެވިއެވެ. ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

ރައީސް ސާލިހު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވެއެވެ. މި ބައްދަލުވުން އޮތީ، ކޮލަމްބޯގައި ހުންނަ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ފެސިލިޓީތަކަށް ބުރަނުވާނެގޮތަށް އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަކުރުމަށް ކަމުގައި ދެ ގައުމުގެ ވެރިން ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުލައި މަހުގެ 16ން 18ށް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ވެސް ވަޑައިގެންފައެވެ.


Advertisement
- ކޮމެންޓް