ކ. މާލެ
|
31 ޖުލައި 2021 | ހޮނިހިރު 10:57
ލިވަޕޫލަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ތަރި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް
ލިވަޕޫލަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ތަރި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް
ގެޓީ އިމޭޖަސް
އާނޯލްޑް އެއްބަސްވުން އާކުރުން
ދިގު މުއްދަތަކަށް އާނޯލްޑް ލިވަޕޫލުގައި މަޑުކުރަނީ
2025 ވަނަ އަހަރުގެ ނިޔަލަށް އާނޯލްޑް ލިވަޕޫލުގައި މަޑުކުރާނެ
އާނޯލްޑް ކެރިއަރު ފެށީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު

ލިވަޕޫލާއެކު ހަދާފައި އޮތް އެއްބަސްވުން އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ތަރި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ދިގު މުއްދަތަކަށް އާކޮށްފިއެވެ.

ލިވަޕޫލުގެ އެކެޑަމީން ވިދާލި އުމުރުން މިހާރު 22 އަހަރުގެ ޑިފެންޑަރު ފުޓްބޯޅަ ކެރިއަރު ފަށާފައިވަނީ ލިވަޕޫލުގެ ސީނިއާ ޓީމުން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން ލިވަޕޫލް ޓީމުގައި އާނޯލްޑުގެ ދައުރު ބޮޑުވިއިރު، މި ފަހުން ލިވަޕޫލުން ހޯދި ކާމިޔާބީތަކުގައި އޭނާގެ ހިއްސާ ބޮޑެވެ.

ހުކުރު ދުވަހުގެ ވަގުތެއްގައި ލިވަޕޫލުން ވަނީ އާނޯލްޑުގެ އެއްބަސްވުން ދިގު މުއްދަތަކަށް އާކުރިކަން އިއުލާން ކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އައު އެއްބަސްވުމާއެކު 2025 ވަނަ އަހަރުގެ ނިޔަލަށް އާނޯލްޑް އެ ޓީމުގައި މަޑުކުރާނެއެވެ.

އެއްބަސްވުން އާކުރުމަށްފަހު އާނޯލްޑް ބުނީ ލިވަޕޫލުގެ އެއްބަސްވުން ދިގު މުއްދަތަކަށް އާކުރަން ނިންމީ އެ ޓީމު މިހާރު އޮތް ހާލަތަށް ބެލުމަށްފަހު، ޓީމާއެކު އިތުރު ކާމިޔާބީތަކެއް ހޯދުމުގެ އަޒުމުގައި ކަމަށެވެ. އަދި ލިވަޕޫލަކީ އޭނާއާ ހާއްސަ ގުޅުމެއް އޮންނަ ޓީމެއް ކަމަށާއި، އެ ފަދަ ޓީމެއްގައި ދިގު މުއްދަތަކަށް މަޑުކުރަމަކީ އޭނާ އާއި އޭނާގެ އާއިލާއަށްވެސް އޮތް ބޮޑު އުފަލެއް ކަމަށް އާނޯލްޑް ވަނީ ބުނެފައެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމަށް ލިވަޕޫލުން މިހާރު ކުރިއަށްގެންދަމުން އަންނަ ފަރިތަކުރުންތަކުގައި އާނޯލްޑް ބައިވެރިވަމުން އަންނައިރު، އަނިޔާގެ ސަބަބުން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އޭނާއަށް ގެއްލުނެވެ. ޔޫރޯގެ ފުރުސަތު އާނޯލްޑަށް ގެއްލުނީ އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގެ ތެރެއިން ފައިގެ ފަލަމަސްގަނޑަށް އަނިޔާވުމުންނެވެ.

ލިވަޕޫލުގައި އާނޯލްޑް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 179 މެޗުގައި 10 ލަނޑު ޖަހާފައެވެ. އަދި ވަނީ ލިވަޕޫލާއެކު އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ. އަދި ވަނީ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި 2019-2020 ވަނަ އަހަރުގެ ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

- ކޮމެންޓް