ކ. މާލެ
|
31 ޖުލައި 2021 | ހޮނިހިރު 22:23
ށ. ނޫމަރާ
ށ. ނޫމަރާ
މުހައްމަދު އަފްރާހް
އަތޮޅުތެރޭގައި ކޮވިޑު ފެތުރުން
އަތޮޅުތެރެއަށް ކޮވިޑް ފެތުރުމުގެ ޒިންމާ ނަގާނީ ކާކު؟
 
ލިބުނު ލުއިތަކާއެކު އަތޮޅުތެރެއަށް ކޮވިޑުގެ ރާޅެއް ވަނީ ބިންދާލާފައި
 
ކޮންމެ މީހަކީވެސް ފަރުދީ ޒިންމާ އަދާކުރާ މީހަކަށް ވާންޖެހޭ

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވުމުން އީދު ބަންދުގެ ކުރިން ސަރުކާރުން ވަނީ ގިނަ ލުއިތަކެއް ދީފައެވެ. ލުއިތަކުގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު އަތޮޅުތެރެއަށް ދަތުރުކުރުމުގެ ހުއްދަ ދިނެވެ. މި ހުއްދައާއެކު ގިނަ ބަޔަކު ވަނީ އީދު ޗުއްޓީއަށް އަތޮޅުތެރެއަށް ގޮސްފައެވެ.

އެހެންނަމަވެސް އީދު ޗުއްޓީއަށްފަހު ހަފުތާއެއް ފާއިތުވެގެން ގޮސްފައިވާއިރު، މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ އަތޮޅުތެރޭގައި އަނެއްކާވެސް ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނަ ވާހަކައެވެ. ރަށަކަށް ފަހު ރަށެއް މޮނިޓަރިިންގެ ހާލަތަށް ގެންނަ ވާހަކައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ އީދަށް ދިން ލުއިތަކާއެކު ނިކުތް ހިތި ނަތީޖާއެވެ.

އަތޮޅުތެރެއިން ފެންނަ ކޮވިޑް-19ގެ ކޭސްތައް އަނެއްކާވެސް އިތުރުވާންފެށުމުން، މީގެ ކުރިން އަމަލުކުރި ގޮތަށް ބަދުނާމު ކުރަންވީ ސަރުކާރުން ދިން ލުއިތައްހެއްޔެވެ؟ ނޫނީ މިކަން މެދުވެރިވުމުގައި ތިމާގެ އަމިއްލަ އަތެއް ވޭތޯ ބަލާނީހެއްޔެވެ؟

ފަރުދީ ޒިންމާ އަދާކުރުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެކެވެ. ޗުއްޓީއަށް ރަށްރަށަށް ދާ މީހުންގެވެސް ޒިންމާއެއް ވެއެވެ. އަދި ރަށްރަށުގައި އުޅޭ މީހުންނަށް ބަަލިން ރައްކާތެރިވެ ތިބުމަށް ކުރެވޭނެ ކަންކަން ވެސް ހުރެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެކުލަވާލާފައިވާ އުސޫލުގައި ވާގޮތުން މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގެ ރަށްރަށުގައި ބޭރަށް ނިކުމެ އުޅޭއިރު މާސްކު އަޅައި، ގައިދުރުކަން ބަހައްޓަންޖެހެއެވެ. ގިނަ ފަހަރަށް މިވަރުވެސް ކޮށްލެވޭ ތަނެއް ނުފެނެއެވެ. ބަލިން ރައްކާތެރިވެވޭނީ ރަށުގައި ދިރިއުޅޭ މީހުންނާއި، ރަށްރަށަށް ދާ މީހުންވެސް އުސޫލުތަކަށް ތަބާވެ އެއަށް އަމަލުކޮށްގެންނެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ, އަތޮޅުތެރެއަށް ބަލި ފެތުރޭ އެންމެ ބޮޑު އެއް ސަބަބަކީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން ފުރިހަމައަށް ފިޔަވަޅުތަކަށް އަމަލުނުކުރުން ކަމަށެވެ. މާސްކު އެޅުން ފަދަ ކަންކަމަކީ ކުޑަ ކަމެއް ކަމުގައި ފާހަގަކުރެވުނަސް މިއީ ބަލިން ރައްކާތެރިކޮށްދޭ ކަންކަން ކަމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަތޮޅުތެރެއަށް ބަލި ފެތުރޭ އެހެން ސަބަބެއްގެ ގޮތުގައި ޑރ. ނަޒްލާ ދެން ފާހަގަކުރެއްވީ އޮޑިދޯނިފަހަރުގެ ފަޅުވެރިންގެ ފަރާތުން ބަލި ފެތުރުމެވެ. އެމީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުނަސް ޓެސްޓު ނުކޮށް ތިބުމާއި، ބަލި ޖެހިފައިވާކަން އެނގޭއިރުވެސް ގިނަ ބަޔަކާ ބައްދަލުވެ އުޅޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެކުލަވާލާފައިވާ އުސޫލުގައި ވާގޮތުން ރަށްރަށުން މާލެއަށް ދަތުރުކުރާ އޮޑިދޯނިފަހަރުގައި އުޅޭ ފަޅުވެރިން މާލެ ތެރެއަަށް ފޭބުމަކީ މަނާ ކަމެކެވެ. އަދި މާލެއިން ރަށްރަށަށް ދަތުރުކުރާ އޮޑިދޯނިފަހަރުގައި އުޅޭ ފަޅުވެރިން ރަށްރަށަށް ފޭބުމަކީ މަނާ ކަމެކެވެ.

އެހެންނަމަވެސް މި އުސޫލާ އެއްގޮތަށް އަމަލުކުރާ ތަން ވަރަށް މަދުން ނޫނީ ނުފެނެއެވެ. މާލޭގެ ބަނދަރު ސަރަހައްދަށް ނިކުމެލިޔަސް ފެނިގެންދަނީ އުސޫލާ ޚިލާފުވާ މަންޒަރެވެ. އެއާ ޚިލާފަށް ރައްޓެހިންނާއި އާއިލާގެ މީހުންނާ ދިމާކޮށްލަން މާލެ ތެރެއަށް ވަދެ އުޅޭ މީހުންވެސް ފެނެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ފަރުދީ ޒިންމާ އޮންނަ ފަދައިން ފަޅުވެރިންގެ ފަރުދީ ޒިންމާއަކީ މިއީއެވެ. މިފަދައިން ފަރުދީ ޒިންމާ އަދާނުކުރެވި، އެނބުރި ރަށަށް ދިއުމަށްފަހު ގިނަ ފަހަރަށް އޮންނަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ފަރުދީ ޒިންމާ އެކަނި އަދާކޮށްގެން އަދި ނިމުނީއެއް ނޫނެވެ. އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް ރައްޔިތުން އަމަލުކުރޭތޯ ބަލަން ހަވާލުކޮށްފައި އޮންނަނީ ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކާއެވެ. ދެން އުފެދޭ ސުވާލަކީ ކައުންސިލްތަކުން އެމީހުންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރޭތޯއެވެ؟

ގިނަ ބަޔަކަށް ހީވާ ގޮތުގައި އަތޮޅުތެރެއަށް ދެވުނީމައި އެހިސާބުން މިިނިވަންވީއެވެ. ދެން ކޮންމެ ގޮތަކަށް އުޅުނަސް ބަލާނެ މީހަކު ނުހުންނާނެއެވެ. ގިނަ ފަހަރު ވަނީ ވެސް އެހެންނެވެ. އެމީހަކު ބޭނުން ގޮތަކަށް އުޅެފައި އެނބުރި މާލެ އަންނަނީއެވެ. ވަރަށް މަދު ރަށެއްގައި ނޫނީ މިކަންކަން ބަލާނެ ބަޔަކު ނުތިބެއެވެ. ދެން އުފެދޭ ސުވާލަކީ ކައުންސިލްތަކުން މިކަންކަން ބަލާތޯ، ނޫނީ މޮނިޓަރ ކުރާނެ ބަޔަކު ތިބޭތޯއެވެ؟ މިހެންގޮސް އެތައް ބައެއްގެ ޒިންމާ މިކަމުގައި އޮންނާނެކަން ޔަގީނެވެ.

އަތޮޅުތެރޭގެ ހުރިހާ ހޮސްޕިޓަލްތަކަކީ ގިނަ ބަޔަކަށް ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ދެވެން އޮތް ތަނަކަށް ނުވާއިރު، އަނެއްކާވެސް އަތޮޅުތެރެއަށް ކޮވިޑް ފެތުރުނަ ނުދޭން އެންމެން އެކުވެގެން މަސައްކަތް ކުރަންޖެހެއެވެ. ކަމާބެހޭ މުއައްސަސާތަކުން ވެސް އަތޮޅުތެރޭގެ ހާލަތު އިހުނަށްވުރެ ބޮޑަށް މޮނިޓަރ ކުރަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
14%
29%
14%
43%
ކޮމެންޓް
31 ޖުލައި 2021 | ހޮނިހިރު 23:22
ނަސީދު
ޗުއްޓީއަށް މީހުން ގޮސްގެން ކޮވިޑު ޖެހުނުކަމަށް ވަންޔާ ތި ހެދި ޕީސީއާރު ތައްގޯސް. ޭޭެޭ އިތުބާރު ހިފޭ އެއްޗަކަށް ޕީސީއާރު ނުވީތާ..