ކ. މާލެ
|
30 ޖުލައި 2021 | ހުކުރު 19:26
އަމާން ވެއްޓަށް ބަދަލުކުރި ބައެއް ކުދިން
އަމާން ވެއްޓަށް ބަދަލުކުރި ބައެއް ކުދިން
މިނިސްޓްރީ އޮފް ޖެންޑާ
އަމާންވެށީގެ ކުޑަކުދިން
"އަމާންވެށިތަކަށް ކުދިން ބަދަލުކުރި ފަހުން ކުދިންގެ އުޅުމަށް ހެޔޮ ބަދަލު އައިސްފައިވޭ"
 
ކުދިންނަކީވެސް މުޖުތަމައުން ބަލައިގެންފައިވާ ބައެއްކަމުގެ އިހުސާސް ކުރެވެން ޖެހޭ
 
ކުޑަކުދިންގެ ހިޔާ މިހާރު ވަނީ ހުސްކޮށްފައި
 
އަމާންވެށިތައް ގާއިމުކޮށްފައި ހުރި ރަށްރަށުން ކުދިން ބަލައިގަތް

އަމާންވެށިތަކަށް ކުދިން ބަދަލުކުރުމުން އެ ކުދިންގެ އުޅުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ރިޝްމީ އާމިރު ވިދާޅުވީ، އަމާންވެށިތައް ޤާއިމުކޮށްފައި ހުރި ރަށްތަކުން ކުދިން ބަލައިގަތް ގޮތުގެ ސަބަބުންވެސް ކުދިންނަށް އޭގެ ރަނގަޅު އަސަރުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުދިންނަކީވެސް މުޖުތަމައުން ބަލައިގަނެފައިވާ ބައެއްކަމުގެ އިހުސާސް ކުރެވިގެންދިޔަކަމަށް ރިޝްމީ ވިދާޅުވިއެވެ.

އޭގެ އިތުރުން، ކުޑަކުދިންގެ ހިޔާގައި ތިބި ކުދިން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ އަމާންވެށިތަކަށް ބަދަލުކޮށްފައިވާއިރު، އެއީ އެކުދިންނަށް އާއިލާއެކު ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދެވުނު މަސައްކަތެއް ކަމަށް ރިޝްމީ ވިދާޅުވިއެވެ. އަދި ކުދިން ބަދަލު ކުރުމުގެ ކުރިން ރަށްރަށުގެ ކަމާބެހޭ ފަރާތްތަކާ ބައްދަލު ކުރައްވާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ބ އަތޮޅު އޭދަފުއްޓަށް ބަދަލުކުރި ކުދިންނަކީ އެ ރަށުގެ ރައްޔިތުންގެ ގޮތުގައި ބަލައިގަނެ، ރައްޔިތުންގެ ފަރާތުންވެސް އެ ލޯތްބާއި ޤަދަރު ކުދިންނަށް ދެމުން ގެންދާކަން ރިޝްމީ ފާހަގަ ކުރެއްވިއެވެ.

ކުޑަކުދިންގެ ހިޔާ މިހާރު ވަނީ ހުސްކޮށްފައެވެ. އެތަނުގައި މިހާރު އެއްވެސް ކުއްޖެއް ނޫޅޭކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ހަޔާތުގައި ކުރިމަތިވެފައިވާ ބައެއް ހާދިސާތަކާއި ޙާލަތްތަކުގެ ސަބަބުން އެ ފަދަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެ ކުދިން މުޖުތަމައަށް ރުޖޫޢަކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ޤަބޫލުކުރަން ޖެހޭ ކަމަށާއި މިފަދަ ގޮންޖެހުތައް ޙައްލުކުރުމުގައި، ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ދައުރުގެ އިތުރުން މުޅި މުޖުތަމަޢުގެ ޒިންމާތަކެއް ވާކަމަށް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
50%
50%
0%
0%
0%
0%
ކޮމެންޓް