ކ. މާލެ
|
29 ޖުލައި 2021 | ބުރާސްފަތި 17:10
އައްޑޫ ފްލައިންގ ސްކޫލުގައި ބޭނުންކުރި ބޯޓެއް
އައްޑޫ ފްލައިންގ ސްކޫލުގައި ބޭނުންކުރި ބޯޓެއް
ރާއްޖެއެމްވީ
އައްޑޫ ފްލައިންގ ސްކޫލް
ފްލައިންގ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ކޯސް ނުނިމި އޮތީ ދަރިވަރުންގެ ސަބަބުން ކަމަށް ބުނެ ހަދަނީ ދޮގު
 
ދަރިވަރުންގެ ކިޔެވުން ހުއްޓުމާއެކު، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަރިވަރުންތަކެއް ވަނީ ސިވިލް ކޯޓަށްވަނީ މައްސަލަ ހުށަހަޅާފައި
 
ވިޔަފާރި ވިއްކާނުލެވޭނެ ކަމަށާއި، އެކަންކަން ދައުލަތުގެ އިދާރާތަކުގައި ރަޖިސްޓްރީ ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ކޯޓުގައި އެދިފައި
 
އެންމެ ގިނަވެގެން 18 މަސް ދުވަހުން ނިމޭ ކޯހެއް ނުނިމި ތާށިވެގައި އެތައް ދަރިވަރުން އެބަތިބި

ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ކޯސް ނުނިމި އޮތީ ދަރިވަރުންގެ ސަބަބުން ކަމަށް ބުނެ ހަދަނީ ދޮގު ކަމަށް އެތަނުގައި ކިޔަވަމުންދާ ދަރިވަރުން ބުނެފިއެވެ.

ކިޔެވުން މެދުކެނޑިފައި އޮތުމަށްފަހު، އެވިޑް ކޮލެޖުން އެތަނުގެ މިލްކިއްޔާތު ގަނެ, ކިޔެވުން ފަށާފައިވާ ކަމަށްވަނީ ބުނެފައެވެ.

ދަރިވަރުންގެ ކިޔެވުން ހުއްޓި, ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް 48 ދަރިވަރުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. މައްސަލައިގެ ފުރަތަމަ އަޑު އެހުން ބާއްވާފައިވާއިރު، އެ އަޑުއެހުމުގައި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ ފަރާތުން ބުނެފައިވަނީ، ދަރިވަރުންގެ ކޯސް ނުނިމި އޮތީ ދަރިވަރުންގެ ސަބަބުން ކަމަށެވެ. އެކަން ދޮގުކޮށް ދަރިވަރުން ބުނީ، ކޯސް ނުނިމި އޮތީ ދަރިވަރުންގެ ސަބަބުން ނޫން ކަމަށާއި، އޭއޭއޭއިން ދަރިވަރުންނަށް ކޮށްދޭންޖެހޭ ކަންކަން ނުކޮށްދިނުމުގެ ސަބަބުން ކަމަށެވެ. ދަރިވަރުން ބުނީ، އިމްތިހާނުތައް ނިންމުމަށްފަހު، އުދުހުމުގެ ގަޑިތައް ހަމަކުރުމަށް ވަކި މުއްދަތެއް އޮންނައިރު، އެ މުއްދަތުގެ ތެރޭގައި، އެކަން އޭއޭއޭއިން ފަހި ކޮށްދީފައިނުވާ ކަމަށެވެ.

ކަންބޮޑުވުންތައް "ރާއްޖެއެމްވީ"އާ ހިއްސާ ކުރަމުން ދަރިވަރުން ބުނީ، އެވިޑް ކޮލެޖުން އޭއޭއޭ ގަތްކަމަށް ބުނެ އެއީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. އެވިޑް ކޮލެޖްގެ ފަރާތުން ދަރިވަރުން އެ ކޮލެޖްގައި ރަޖިސްޓްރީ ވުމަށް ފޯމް ފޮނުވި އިރު، އެ ކޮލެޖަކީ ފްލައިން ސްކޫލެއް ހިންގުމުގެ ލައިސަންސް އޮތް ބައެއް ނޫން ކަމަށެވެ. ދަރިވަރުން ބުނީ އޭގެ ފަހުން އަނެއްކާ އޭއޭއޭގައި ރަޖިސްޓްރީ ވުމަށް އަލުން އެހެން ފޯމެއް ފޮނުވި ކަމަށާއި، އޭއޭއޭގައި މިހާރުވެސް ރަޖިސްޓްރީވެފައި ތިބި ދަރިވަރުން އަލުން ރަޖިސްޓްރީވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އައްޑޫ ސިޓީގައި 2009 ވަނަ އަހަރުން ފެށިގެން އޮޕަރޭޓު ކުރަމުން އަންނަ ސްކޫލުގައި ގެންގުޅުނު 14 ބޯޓު ވެސް އޮތީ ހަލާކުވެފައެވެ. އެ ބޯޓުތައް މެއިންޓެއިން ނުކުރުމުގެ ސަބަބުން އެއްވެސް ބޯޓެއް މިހާރު ބޭނުމެއް ނުކުރެއެވެ. އެވިޑުން އައު ބޯޓެއް ގެންނަ ކަމަށް ބުނަމުންދާއިރު ދަރިވަރުން ބުނީ، އެވިޑުން ގެންނަ ކަމަށް ބުނާ ބޯޓަކީ، އޭއޭއޭއިން ފައިސާ ދެއްކި ބޯޓެއް ކަމަށެވެ. އެއީވެސް ދަރިވަރުންގެ ކަންބޮޑުވުންތަަކާއެކު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކޮށް ކުރި މަސައްކަތުން ލިބުނު އެއްޗެއް ކަން ދަރިވަރުން ފާހަގަކުރިއެވެ.

އެންމެ ގިނަވެގެން 18 މަސް ދުވަހުން ނިމޭ ކޯހެއް ނުނިމި ތާށިވެގައި އެތައް ދަރިވަރުން އެބަތިއްބެވެ. ކޯހަށް 45،000 ޑޮލަރު ދައްކައިގެން ފުރިހަމަވި ނަމަވެސް އެއަށްވުރެ އިތުރަށް ދަރިވަރުން އަތުން ލާރި ނަގަމުން އަންނަ މައްސަލަވެސް ދަރިވަރުން ފާހަގަކުރިއެވެ.

ކޯޓުގައި ދަރިވަރުން އެދިފައިވަނީ، ތަމްރީނު ދިނުމަށް އޭއޭއޭއިން ދަރިވަރުންނާއެކުވީ އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. ތަމްރީނުގެ ނަމުގައި ހައްގު ނޫން ފައިސާތަކެއް ނަގާފައިވާތީ އެ ފައިސާތައް އަނބުރާ ހޯދުމަށެވެ.

ތަމްރީނުދިނުމަށް އެކަށީގެންވާ ފެންވަރުގެ ޓްރޭނިންގ އެއާކްރާފްޓް ނެތުމުގެ ސަބަބުން އެކިފަހަރުގެ މަތިން އެހެން އެއާކްރާފްޓްތައް ބޭނުންކުރަން މަޖުބޫރުކުރުމުންނާއި އެކަމުގެ ސަބަބުން އެކަމަށް އިތުރަށް ދޭން ޖެހުނު ފައިސާއަކީ އޭއޭއޭއިން އަނބުރާ ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅަންވެސް އެދިފައިވެއެވެ.

ދައުވާގައި ދަރިވަރުން އިތުރަށް އެދިފައިވަނީ ޕައިލެޓްކަން ކިޔެވުމަށް އޭއޭއޭއަށް ދަރިވަރުން ދެއްކި 1,835,090.12 ޑޮލަރު، އެއީ ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދަރިވަރުންނަށް ނަގައިދޭން ޖެހޭ އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ދަރިވަރުންނަށް ބަދަލު ނުލިބެނީސް އޭއޭއޭގެ ވިޔަފާރި ވިއްކާނުލެވޭނެ ކަމަށާއި، އެކަންކަން ދައުލަތުގެ އިދާރާތަކުގައި ރަޖިސްޓްރީ ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށްވެސް މައްސަލާގައިވަނީ ހުށަހަޅާފައެވެ.

މިކަމާ ގުޅޭ ގޮތުން އެވިޑް ކޮލެޖުގެ ޗެއާރމަން ޢަބްދުﷲ މުޝްތާޤު ރަޝާދަށް ދެދުވަހުގެ މަތިން ގުޅައިގެންވެސް ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
20%
0%
0%
80%
0%
0%
ކޮމެންޓް