ހއ. ދިއްދޫ ހޮސްޕިޓަލުގައި މަސައްކަތްކުރާ ދެ ނަރުހުން ކޮވިޑް-19 އަށް ޕޮޒިޓްވްވެ ހޮސްޕިޓަލުގެ މަސައްކަތްތައް ހުއްޓިއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ދިއްދޫ ހޮސްޕިޓަލުގެ މެނޭޖަރ އުސްމާން އަޝްރަފް ވިދާޅުވީ އެރަށުން ޕޮޒިޓިވްވި ދެ ނަރުހުންނާއެކު މިހާތަނަށް ތިން މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ.
ދެ ނަރުހުން ޕޮޒިޓިވްވުމާއެކު ގިނަ އަދަދެއްގެ ނަރުހުން ކަރަންޓީންކޮށްފައިވާކަމަށް އުސްމާން ވިދާޅުވިއެވެ. އަދި ހޮސްޕިޓަލުގެ ގިނަ ނަރުހުންތަކެއް މިވަގުތު ކަރަންޓީނުގައި ތިބުމުން ހޮސްޕިޓަލުގެ މަސައްކަތްތައް ހުއްޓުުމަކަށް އައިސްފައިވާކަމަށް ވެސް އުސްމާން ވިދާޅުވިއެވެ.
އެހެންކަމުން އެ އަތޮޅުގެ އެހެން ރަށްރަށުން ދިއްދޫއަށް ނަރުހުން ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އުސްމާން ވިދާޅުވިއެވެ.
ހއ. ދިއްދޫއިން ކޮވިޑް-19 ގެ ކޭސްއެއް ފެނިގެން މި މަހުގެ 26 ވަނަ ދުވަހު އަނެއްކާވެސް އެ ރަށް ވަނީ މޮނިޓަރިންނަށް ލާފައެވެ. އެއީ އެ ރަށުން ފްލޫ ކްލިނިކަށް ދެއްކި މީހެއް ކަމަށް ދިއްދޫ ހޮސްޕިޓަލުން މީގެ ކުރިން ބުނެފައިވެއެވެ.
ދިއްދޫ ހޮސްޕިޓަލުން ވަނީ އެމީހާގެ ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ވެސް ކޮށްފައެވެ.
މިއީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދިއްދޫ މޮނިޓަރިންނަށް ލީ 4 ވަނަ ފަހަރެވެ. އެންމެ ފަހުން އެރަށް މޮނިޓަރިންއަށް ލާފައި ވަނީ ޖޫން 24 ވަނަ ދުވަހުއެވެ. އަދި މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.