ކ. މާލެ
|
29 ޖުލައި 2021 | ބުރާސްފަތި 12:30
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރ ޑރ. ސްޓެލާ ބަލްޓޮވާއާ ބައްދަލުކުރެއްވުން
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރ ޑރ. ސްޓެލާ ބަލްޓޮވާއާ ބައްދަލުކުރެއްވުން
ޝާހިދު ބަލްގޭރިއާއަށް ކުރައްވާ ދަތުރުފުޅު
މިނިސްޓަރ ޝާހިދު ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވައިފި
ފަތުރުވެރިކަން އިތުރުކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި
ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި
ގައުމުތަކުން އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވި

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރ ޑރ. ސްޓެލާ ބަލްޓޮވާއާ ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރ ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވާފައިވަނީ އެ މަނިކުފާނު ބަލްގޭރިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ބަލްގޭރިއާގެ ފޮރިން މިނިސްޓްރީގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ފޮރިން މިނިސްޓަރުން ވަނީ ރާއްޖެއާއި ބަލްގޭރިއާގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ދެ ގައުމުން ގުޅިގެން ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ބަލްގޭރިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި މި އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރ ޑރ. ސްޓެލާ ބަލްޓޮވާއާ ބައްދަލުކުރެއްވުން

ކޮވިޑް-19 އާ ގުޅިގެން ދެ ގައުމުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކާ ގުޅޭގޮތުން ވެސް ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މި ޕެންޑަމިކުން އަރައިގަތުމަށް ހަރުދަނާ ސިޔާސަތުތަކެއް އޮތުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަފުޅުދެއްކެވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެންމެ ޚާއްސަ އިސްކަމެއް ދެއްވާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައި މިނިސްޓަރ ވިދާޅުވީ މުޅި ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ކޮވިޑް-19 ގެ ޕެންޑަމިކުން އަރައިގަތުމަށް ހުރިހާ ގައުމަކުން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަކީ މިހާރު އެންމެ އިސްކަން ދޭންވީ ކަން ކަމަށެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރ ޑރ. ސްޓެލާ ވަނީ ފަތުރުވެރިކަމުގެ ރޮނގުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ބަލްގޭރިއާއާއި ރާއްޖެއާ ދެމެދު އިތުރު ދަތުރުތައް ބޭއްވުން މުހިންމުކަން ފާހަގަކުރައްވާފައެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ބަލްގޭރިއާއަށް ވަޑައިގެންފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. މިއީ އދ.ގެ އިންތިޚާބީ ރައީސެއްގެ ހައިސިއްޔަތުން މިނިސްޓަރ ޝާހިދު ބޭރު ގައުމަކަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މި ސިލްސިލާގެ ދަށުން އެމަނިކުފާނު އެންމެ ފުރަތަމަ ދަތުރުފުޅު ކުރައްވާފައިވަނީ ވަނީ ޖުލައި 22ން 24ށް އަވައްޓެރި އިންޑިއާއަށެވެ.

- ކޮމެންޓް