ކ. މާލެ
|
28 ޖުލައި 2021 | ބުދަ 18:56
އީގަލްސްއާ ގުޅުނު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި ގޯލްކީޕަރު މުޙައްމަދު ފައިސަލް
އީގަލްސްއާ ގުޅުނު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި ގޯލްކީޕަރު މުޙައްމަދު ފައިސަލް
އެފްއޭއެމް
އަކޫ އާއި ފައިސަލް އީގަލްސްއާ ގުޅުން
އަކޫ އާއި ފައިސަލްވެސް އީގަލްސްގެ ފަރިތަކުރުންތަކަށް
 
އަކޫ އާއި ފައިސަލް މިދިޔަ ސީޒަނުގައި ކުޅުނީ ވެލެންސިއާއަށް
 
އީގަލްސްއިން އަންނަނީ އޭއެފްސީ ކަޕަށް ޓީމު ވަރުގަދަކުރަމުން

އަންނަ އޯގަސްޓް މަހު ކުޅުމަށް ނިންމާފައިވާ އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗާ ދިމާކޮށް ކުލަބު އީގަލްސްގެ ފަރިތަކުރުންތަކުގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި ގައުމީ ޓީމުގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ބައިވެރިވާން ފަށައިފިއެވެ.

އެގޮތުން ބުދަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި އީގަލްސްއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި އަކޫ އާއި ފައިސަލް ވަނީ ބައިވެރިވެފައެވެ.

އީގަލްސްގެ ފަރިތަކުރުންތަކުގައި އަކޫ އާއި ފައިސަލް ބައިވެރިވިއިރު، ދާދި ފަހުން އެ ޓީމުން ވަނީ އޭއެފްސީ ކަޕަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި، ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަދި ތަޖުރިބާކާރު ދެ މިޑްފީލްޑަރުން ކަމަށްވާ މުޙައްމަދު އާރިފް (ބަކާ) އާއި އިސްމާޢީލް އީސަ (މެސީ) ގެ ގެނެސްފައެވެ.

އަކޫ އާއި ފައިސަލް އީގަލްސްއާ ގުޅުނުއިރު، މި ދެ ކުޅުންތެރިން މިދިޔަ ސީޒަނުގައި ކުޅުނީ ކުލަބު ވެލެންސިއާއަށެވެ. މި ކުޅުންތެރިން އީގަލްސްއާއެކު ރަސްމީ އެއްބަސްވުމެއް ނުހަދާނެ ކަމަށާއި، އެފްސީ ކަޕަށް ފަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަންވާއިރަށް މި ކުޅުންތެރިން ދާއިމީ އެއްބަސްވުމުގެ ދަށުން އެހެން ކުލަބުތަކަށް ބަދަލުވާނެ ކަމަށް އީގަލްސްއިން މައުލޫމާތުދެއެވެ.

އޭއެފްސީ ކަޕަށް އަކޫ އީގަލްސްއާ ގުޅުނުއިރު، އަކޫ އެންމެ ފުރަތަމަ އޭނާގެ ކެރިއަރު ފެށި 2006 ވަނަ އަހަރު ވެލެންސިއާއިންނެވެ. ވެލެންސިއާގެ އިތުރުން އަކޫ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ވީބީ އައްޑޫ އެފްސީއަށްވެސް ކުޅެފައެވެ. މި ކުލަބުތަކާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އަކޫގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީ އަކީ ގައުމީ ފުޓްބޯޅަ ޓީމާއެކު 2008 އަދި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ. އެގޮތުން 2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ އަކޫގެ ކެޕްޓަންކަމުގެ ދަށުންނެވެ.

މީގެ އިތުރުން އީގަލްސްއާ ގުޅުނު ގައުމީ ޓީމުގެ ގޯލްކީޕަރު ފައިސަލް ކެރިއަރު ފެށީ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އިންނެވެ. ފައިސަލް ވަނީ އޭގެ ފަހުން ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ވެލެންސިއާ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށްވެސް ކުޅެފައެވެ. އަދި އޭނާ ވަނީ މީގެ ކުރިން 2014 ވަނަ އަހަރު އީގަލްސްގެ ގޯލުވެސް ބަލަހައްޓާފައެވެ. ފައިސަލް އަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބުކުރިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާއެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗަށް ޓީމު ވަރުގަދަކުރުމުގެ މަސައްކަތް އީގަލްސްއިން ކުރަމުން އަންނައިރު، ޕްލޭއޮފް މެޗު ކުޅޭނީ އަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހުއެވެ. އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ މާޒިޔާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް