ކ. މާލެ
|
26 ޖުލައި 2021 | ހޯމަ 13:02
ސޮރާޔާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް (ނަބާ)
ސޮރާޔާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް (ނަބާ)
ގެޓީ އިމޭޖަސް
ޓޯކިއޯ އޮލިމްޕިކްސް
އީރާނުގެ ސޮރާޔާ އަތުން ނަބާ ބަލިވެއްޖެ
 
ސޮރާޔާ އަތުން ނަބާ ބަލިވީ 21-14 އަދި 21-7 ން
 
ފުރަތަމަ މެޗުން ނަބާ ބަލިވީ ޗައިނާގެ ބިންގްޖިއާއޯ އަތުން

މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ކަމަށްވާ ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގައި އީރާނުގެ ސޮރާޔާ އަގޭއި އަތުން ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް (ނަބާ) ބަލިވެއްޖެއެވެ.

ސޮރާޔާ އަކީ މި ވަގުތު ދުނިޔޭގެ ރޭންކިންގެ 111 ވަނައިގައި އޮތް ކުޅުންތެރިޔާއެވެ. ހޯމަ ދުވަހުގެ ހެނދުނު ކުޅުނު މެޗުން ސޮރާޔާ އަތުން ނަބާ ބަލިވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-14 އަދި 21-7 ންނެވެ. މި މެޗުގައި ނަބާ ކުރިއެރުންތަކެއް ހޯދިއިރު، އޮލިމްޕިކްސްގައި ކުޅުނު ފުރަތަމަ މެޗުން އޭނާ ބަލިވީ ދުނިޔޭގެ ރޭންކިންގެ ނުވަވަނައިގައި އޮތް ޗައިނާގެ ހީ ބިންގްޖިއާއޯ އަތުން 21-6 އަދި 21-3 ންނެވެ.

އޮލިމްޕިކްސްގެ ދެވަނަ މެޗުން ސޮރާޔާ އަތުން ނަބާ ބަލިވިއިރު، ނަބާ ވަނީ މީގެ ކުރިންވެސް ސޮރާޔާއާ ދެކޮޅަށް ކުޅެފައެވެ. އެ ގޮތުން 2019 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގައި ސޮރާޔާއާ ވާދަކުރިއިރު، އެ މެޗުން ސޮރާޔާ މޮޅުވީ 21-11 އަދި 21-11 ންނެވެ.

މި ފަހަރުގެ ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާލުމުގެ ޝަރަފުވެސް ނަބާއަށް ލިބިގެންދިޔައިރު، ނަބާ އަކީ ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އަންހެން ކުޅުންތެރިޔާއެވެ.

މި ފަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނަބާ ރަނގަޅު ކުރިއެރުންތަކެއް ހޯދާފައިވާއިރު، ބައިނަލްއަގުވާމީ މައިދާނުގައި ނަބާގެ އެންމެ ބޮޑު ކާމިޔާބީއަކީ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ މިކްސް ޑަބަލްސް އިވެންޓުން ހޯދި ދެ ރަން މެޑެއްޔެވެ. އެގޮތުން އެ މުބާރާތުގެ އަންހެން ޑަބަލްސް ބައިން ނަބާ އާއި އޭނާގެ ކޮއްކޮ އައިމިނަތު ނަބީހާ ރަން މެޑަލް ހޯދިއިރު، އެ މުބާރާތުގެ މިކްސް ޑަބަލްސް އިން ނަބާ އާއި ޒަޔާން ޒަކީގެ ޕެއާވެސް ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި 2019 ވަނަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަންހެން ޑަބަލްސް ބައިން ނަބާ އާއި ނަބީހާ ވަނީ ރިހި މެޑަލް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
33%
0%
67%
0%
0%
ކޮމެންޓް