އޮގަސްޓު 10 ވަނަ ދުވަހުން ފެށިގެން އުމުރާގެ އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދޭން ސައުދީ އަރަބިއްޔާ އިން ނިންމައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން އާދިއްތަ ދުވަހު ސައުދީން ވަނީ އޮގަސްޓު 10 ވަނަ ދުވަހުން ފެށިގެން ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އުމުރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތުދޭން ނިންމާފައެވެ. އަދި ސައުދީގައި އުޅޭ ރައްޔިތުންނަށް މިހާރު އުމުރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ އެގައުމުން ވަނީ ދީފައެވެ.
އުމުރާގެ އަޅުކަން ކުރުމަށް އަލުން ހުޅުވާލާފައިވާ އިރު، އިންޑިއާ، ޕާކިސްތާން، އިންޑޮނޭޝިއާ، މިސްރު، ތުރުކީ އަދި އަރޖެންޓީނާ އާއި ބްރެޒިލްގެ އިތުރުން ސައުތު އެފްރިކާ އާއި ލެބަނޫނުން ސައުދީއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން އެހެން ގައުމެއްގައި 14 ދުވަސް ހަމަކޮށްފައި ނޫނީ ސައުދީއަށް ދަތުރުނުކުރެވޭނެއެވެ. އަދި އުމުރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ ސައުދީން ދޭނީ ފައިޒަރ، މޮޑާނާ އަދި އެސްޓްރަޒެނެކާ ނުވަތަ ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑަށް އުފައްދާފައިވާ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. ޗައިނާގެ ކުންފުނިތަކުން އުފައްދާފައިވާ ވެކްސިނެއް ޖަހާފައިވާ މީހެއް ނަމަ، ފައިޒަރ، މޮޑާނާ އަދި އެސްޓްރަޒެނެކާ ނުވަތަ ޖޯންސަން އެންޑް ޖޯންސަންގެ ބޫސްޓަރ ޝޮޓެއް ޖަހަންޖެހެއެވެ.
އުމުރުން 18 އަހަރުން މަތީގެ މީހުންނަށް އުމުރާގެ އަޅުކަން ކުރުމަށް އެގައުމު ހުޅުވާލަން ސައުދީން ނިންމާފައިވާއިރު، މިއަހަރު ހައްޖު އަޅުކަން ކުރުމުގައި ބައިވެރިވި އެއްވެސް މީހެއް ކޮވިޑް-19ށް ޕޮޒިޓިވްވެފައި ނުވާކަމަށް ސައުދީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ކޮވިޑް-19ގެ ސަބަބުން މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައި ވަނީ 60،000 މީހުންނަށެވެ. މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައި ވަނީ 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވެކްސިން ޖަހާފައިވާ މީހުންނެވެ. އަދި ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.