ކ. މާލެ
|
25 ޖުލައި 2021 | އާދީއްތަ 18:28
އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒާހިރު ޢަލީ ދެއްވި އިންޓަވިއުގެ ތެރެއިން
ވަޤުފް އިމާރާތް
ދާރުލްއީމާނުގެ މައްސަލާގައި ލިބެންޖެހޭ ހުރިހާ ފައިސާއެއް ވަނީ ލިބިފައި: އިސްލާމިކް މިނިސްޓަރ
އައިލެންޑް އޭވިއޭޝަނަށް ކުއްޔަަށް ދޫކުރީ އިމާރާތުގެ 6 ފަންގިފިލާ، 5 އަހަރު ދުވަހަށް

ދާރުލްއީމާނުގެ މައްސަލާގައި ލިބެންޖެހޭ ހުރިހާ ފައިސާއެއް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ދާރުލް އީމާނުގެ މައްސަލާގައި ލިބެންޖެހޭ ފައިސާ ކުރިން ނުލިބި ހުރި ކަމަށެވެ. އައިލެންޑް އޭވިއޭޝަނުން ދައްކަން ޖެހޭ ފައިސާ އޭރު ހުރި ކަމަށާއި، އެ ކުންފުނީގެ އައު މެނޭޖްމަންޓާ ވާހަކަ ދައްކައިގެން ފައިސާ މިހާރު ހޯދާފައިވާ ކަމަށެވެ. އަދި މިހާރު އެކުންފުނިން އިސްލާމިކް މިނިސްޓްރީއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނެތް ކަމަށެވެ.

ދާރުލްއީމާނު އިމާރާތުގެ 6 ފަންގިފިލާ، 5 އަހަރު ދުވަހަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ކުއްޔަށް ދިނުމަށް 16 ނޮވެމްބަރު 2016 ގައި މިނިސްޓްރީއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައި ވަނީ، ކުލީގެ ގޮތުގައި ޖުމްލަ 8 މިލިޔަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ތިން ދުވަސް ތެރޭގައި މިނިސްޓްރީގެ މިސްކިތުފަންޑަށް 6 މިލިޔަން ރުފިޔާ ޖަމާކުރަންވާނެ ކަމަށާއި، ބާކީ 2 މިލިޔަން ރުފިޔާ، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި އެ ފަންޑަށް ޖަމާކުރަންވާނެ ކަމަށެވެ.

މިސްކިތްތަކަށް އެހީވާން ހެދި ވަޤުފު ބިނާ "ދާރުލް އީމާން'' ހުޅުވީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. 23 މިލިއަން ރުފިޔާ ހޭދަކޮށްގެން ހަދާ އެ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

އެ އިމާރާތް ބިނާކޮށްފައި ވަނީ މިސްކިތު ފަންޑުގެ ފައިސާއިން ބަޔަކާއި އަދި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ.

- ކޮމެންޓް