ކ. މާލެ
|
25 ޖުލައި 2021 | އާދީއްތަ 15:39
އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް (ނަބާ)
އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް (ނަބާ)
ފޭސްބުކް
ޓޯކިއޯ އޮލިމްޕިކްސް
ދުނިޔޭގެ ރޭންކިންގެ ނުވަވަނަ އަތުން ނަބާއަށް ރަނގަޅު ތަޖުރިބާއެއް
 
ބިންގްޖިއާއޯ އަތުން ނަބާ ބަލިވީ 21-06 އަދި 21-03 ން
 
ދެވަނަ މެޗުގައި ނަބާ ބައްދަލުކުރަން ޖެހޭނީ އީރާނުގެ ސޮރާޔާ

މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ކަމަށްވާ ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގައި ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް (ނަބާ) ކުޅުނު ފުރަތަމަ މެޗުން ޗައިނާގެ ހީ ބިންގްޖިއާއޯ އަތުން ބަލިވެއްޖެއެވެ.

ބިންގްޖިއާއޯ އަކީ މި ވަގުތު ދުނިޔޭގެ ރޭންކިންގެ ނުވަވަނައިގައި އޮތް ކުޅުންތެރިޔާއެވެ. އާދީއްތަ ދުވަހުގެ ހެނދުނު ކުޅުނު މެޗުން ނަބާ ބަލިވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-06 އަދި 21-03 ންނެވެ. ޖުމްލަ 20 މިނިޓުން ނިމިގެންދިޔަ މި މެޗުން ނަބާ ބަލިވި ނަމަވެސް، މިއީ ދުނިޔޭގެ ރޭންކިންގެ ނުވަވަނައިގައި އޮތް ކުޅުންތެރިއެއްގެ އަތުން ދުނިޔޭ ރޭންކިންގެ 252 ވަނައިގައި އޮތް ނަބާއަށް ލިބިގެންދިޔަ ރަނގަޅު ތަޖުރިބާއެކެވެ.

އޮލިމްޕިކްސްގެ ފުރަތަމަ މެޗުން ނަބާ ބަލިވިއިރު، ދެވަނަ މެޗުގައި ހޯމަ ދުވަހު ނަބާ ބައްދަލުކުރަން ޖެހޭނީ ދުނިޔޭގެ ރޭންކިންގެ 111 ވަނައިގައި އޮތް އީރާނުގެ ސޮރާޔާ އަގޭއިއާ ދެކޮޅަށެވެ. ނަބާ ވަނީ މީގެ ކުރިން ސޮރާޔާއާ ދެކޮޅަށް ކުޅެފައެވެ. އެ ގޮތުން 2019 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގައި ސޮރާޔާއާ ވާދަކުރިއިރު، އެ މެޗުން ސޮރާޔާ މޮޅުވީ 21-11 އަދި 21-11 ންނެވެ.

މި ފަހަރުގެ ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާލުމުގެ ޝަރަފުވެސް ނަބާއަށް ލިބިގެންދިޔައިރު، ނަބާ އަކީ ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ ފުރަތަމަ އަންހެން ކުޅުންތެރިޔާއެވެ.

މި ފަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނަބާ ރަނގަޅު ކުރިއެރުންތަކެއް ހޯދާފައިވާއިރު، ބައިނަލްއަގުވާމީ މައިދާނުގައި ނަބާގެ އެންމެ ބޮޑު ކާމިޔާބީއަކީ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ މިކްސް ޑަބަލްސް އިވެންޓުން ހޯދި ދެ ރަން މެޑެއްޔެވެ. އެގޮތުން އެ މުބާރާތުގެ އަންހެން ޑަބަލްސް ބައިން ނަބާ އާއި އޭނާގެ ކޮއްކޮ އައިމިނަތު ނަބީހާ ރަން މެޑަލް ހޯދިއިރު، އެ މުބާރާތުގެ މިކްސް ޑަބަލްސް އިން ނަބާ އާއި ޒަޔާން ޒަކީގެ ޕެއާވެސް ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި 2019 ވަނަ އަހަރު އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަންހެން ޑަބަލްސް ބައިން ނަބާ އާއި ނަބީހާ ވަނީ ރިހި މެޑަލް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
50%
0%
0%
0%
50%
ކޮމެންޓް
25 ޖުލައި 2021 | އާދީއްތަ 20:19
ޢަހުމަދު
ސުރުހީ ސަޅި އެކައްޗެއްވެސް ނޭންގުނު