ހދ. ކުޅުދުއްފުށިން ޕޮޒިޓިވްވި ކުއްޖާގެ 23 ޑައިރެކްޓް ކޮންޓެކްޓުން އެބަތިބި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްއެއް ފެނިގެން މި މަހުގެ 24 ވަނަ ދުވަހު އެރަށް ވަނީ އަނެއްކާވެސް މޮނިޓަރިންނަށް ލާފައެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިސަރ މުހައްމަދު މޫސާ ވިދާޅުވީ މި މަހުގެ 23 ވަނަ ދުވަހު 13 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ޓެސްޓުކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާގެ ޓެސްޓުގެ ނަތީޖާ ލިބިފައިވަނީ 24 ވަނަ ދުވަހު ކަމަށާއި، ނަތީޖާ ޕޮޒިޓިވްވުމުން އެ ރަށް މޮނިޓަރިންނަށް ލާފައިވާ ކަމަށެވެ.
އެ ކުއްޖާގެ 23 ޑައިރެކްޓް ކޮންޓެކްޓުން ފާހަގަކުރެވިފައިވާކަމަށާއި، އެމީހުންގެ ސާމްޕަލްތައް ނަގާފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ. މި ސާމްޕަލްތަކުގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މީހުންގެ ނަތީޖާއަށް ބަލައި، އިތުރު ސާމްޕަލްތައް ނަގާނެ ކަމަށާއި، ގިނަ ކޭސްތަކެއް ފެނިއްޖެނަމަ ރަށުގައި ބަލި ފެތުރިފައި އޮތް މިންވަރު ދެނެގަންނަން ރެންޑަމް ސާމްޕަލް ވެސް ނަގާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
މީގެ އިތުރުން އެޗްޕީއޭގެ ގަވައިދުގެ މަތިން އެރަށް މޮނިޓަރިންނަށް ލުމާއެކު ރޭގަނޑު 09:00 އިން ފަތިހު 04:00 އަށް ކާފިއު ހިންގާނެ ކަމަށް ވެސް މޫސަ ވަނީ ވިދާޅުވެފައެވެ.
މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ވެސް ކުޅުދުއްފުށި ސިޓީ ވަނީ މޮނިޓަރިންނަށް ލާފައެވެ. އެއީ އެރަށުން ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެގެންނެވެ. އަދި މެއި މަހު ވެސް ކުޅުދުއްފުށި ސިޓީ މޮނިޓަރިންނަށް ލާފައިވެއެވެ.