އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ވަށައިގެން ހުރި ބަންޑާރަ ގޯތިތައް، ކައިރި އެހެން ހިސާބުތަކަށް ބަދަލުކުރަން ނިންމާފައިވާ ނިންމުމަކީ އަދުލުވެރި ނިންމުމެއްކަމަށް ގަބޫލުނުކުރާނަމަ ކޯޓަށް ދިއުމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު އެދިއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މޭޔަރު ވިދާޅުވީ އޭއީއެޗް ސަރަހައްދަކީ އިޤްތިޞާދީ، އަދި އިޖްތިމާއީ ގޮތުން މުހިންމު ސަރަހައްދެއް ކަމަށާއި، އެސަރަހައްދު ތަރައްގީ ކުރާނެ ޚާއްސަ ޕްލޭނެއް އެބައޮތް ކަމަށެވެ. ޕްލޭނާ އެއްގޮތަށް އެސަރަހައްދު ތަރައްގީ ކުރެވިއްޖެނަމަ އެކަމުގެ ފަންމާ އައްޑޫ ސިޓީގެ އިތުރުން، މުޅި ރާއްޖެއަށް ކުރާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ އެސަރަހައްދުގައި އިންޓަރނޭޝަނަލް ފެންވަރަށް ސިއްހީ ޚިދުމަތް ދެވޭ ގޮތަށް ތަންތަން ގާއިމުކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން ދަތުގެ ޚިދުމަތާއި ލޮލުގެ ޚިދުމަތަކީ ރައްޔިތުން ވަރަށް ބޭނުންވާނެ ޚިދުމަތްތަކެއް ކަމަށެވެ. އަދި ފުޑް ކޯޓުތައް ވެސް އެސަރައްހަދުގައި ހެދި، އިޤްތިޞާދީ ގޮތުން ފައިދާ ބޮޑު ސަރަހައްދަކަށް ހެދޭނެ ކަމަށެވެ.
ޕްލޭންތައް ކުރުމަށް ކައުންސިލުތަކަށް ފުރުސަތުދޭން ޖެހޭކަން ފާހަގަކުރައްވައި މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫ ޕްލޭން ކުރުމަށް އެފުރުސަތު އައްޑޫ ކައުންސިލަށް ދޭން ޖެހޭ ކަމަށެވެ. އެގޮތުން ބިން ނެތް ތަނެއްގައި ޕްލޭނެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންމެ ބޭފުޅަކު ދަންނަވަނީ ލޭންޑް ޔޫސް ޕްލޭނެއް ނެތި ކިހިނެތްހޭ ކަންކަން ކުރާނީ. އަޅުގަނޑުމެންނަށް ބިން ރީލޮކޭޓް ކުރަން އެބަޖެހޭ. އެކަން ކުރަން ޖެހޭ. ގާނޫނީ ގޮތުން ކައުންސިލްއަށް އެބާރުތައް އެބަ ލިބޭ. ރައްޔިތުންނާ ވާހަކަ ދައްކައިގެން އެކަން ކުރާނީ. ގާނޫނު އަސާސީގައި އަދުލުވެރި ބަދަލެއް ދީފައި އަޅުގަނޑުމެންނަށް ގޯތި ބަދަލުކުރެވޭ. އައްޑޫ-ހިތަދޫއިން ލިބޭނެ އެންމެ ރަނގަޅު ބިން އަޅުގަނޑުމެން މިދެނީ. ބިން ނެގީއެއް ނޫން. އަޅުގަނޑުމެން ބިން ބަދަލުކުރީ. އެސަރަހައްދަކީ މުޅި އައްޑޫއަށް، ރާއްޖެއަށް މިރީޖަންއަށް ކަމުދާ ސަރަހައްދެއްގެ ގޮތުގައި އެތަން ތަރައްގީ ކުރުން. އެހެންވީމަ އެބޭނުމުގައި އެކަން ކުރަނީ.އައްޑޫ މޭޔަރު ޢަލީ ނިޒާރު
ނިޒާރު ވިދާޅުވީ އޭއީއެޗް ސަރަހައްދުން ބަންޑާރަ ގޯތި ލިބުނު މީހުންގެ އަތުން ބިން ނުނަގާ ކަމަށާއި، އެގޯތިތައް އެސަރަހައްދަކަށް ބަދަލުކުރަނީ ކަމަށެވެ. އެ ސަރައްހަދުގެ ބިންތައް ހުސްކުރުމަށް މުއްދަތެއް ދޭއިރު އެއީ އަދުލުވެރި ނިންމުމެއްކަމަށް ގަބޫލުނުކުރާ މީހުން ކޯޓަށް ދިއުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އަދި ކޯޓަށް ދާ މީހުންނަށް ވެސް ކައުންސިލްގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި، ކައުންސިލްގެ ފަރާތުން ލީގަލް ޓީމުން އެކަމުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
ގޯތި ދޫކުރުމުގައި ރައްޔިތު މީހާއަށް ފައިދާ ލިބޭނެ ގޮތަށް ކަންކަން ކުރުމަށް އިސްދޭކަން ފާހަގަކުރައްވައި މޭޔަރު ނިޒާރު ވިދާޅުވީ، އިރުމަތީ ފަރާތުން ދޫކުރާ ބަންޑާރަ ގޯތިތައް ބޮޑެތި ވާނެ ކަމަށެވެ. އެގޮތުން 2000 އަކަފޫޓާއި 2500 އަކަފޫޓުގެ ގޯތިތައް 3000 އަކަފޫޓު ހުންނާނެ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
އޭއީއެޗް ވަށައިގެން ހުރި ބަންޑާރަ ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އައްޑޫސިޓީ ކައުންސިލުން ނިންމާފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.