ނައިޖީރިއާގައި ކިޑްނެޕްކޮށްފައިވާ އެތައް މަންމައިންނާއި ކުޑަކުދިންނެއް ސަލާމަތްކޮށްފިޢެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އިރުމަތީ ހުޅަނގު ނައިޖީރިއާގެ ކަމާބެހޭ އިދާރާތަކުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވަނީ 100 އެއްހާ މައިންނާއި ތުއްތު ކުޑަކުދިން ސަލާމަތްކޮށްފައެވެ. މި އެންމެން ވެސް ކިޑްނެޕްކޮށްފައިވަނީ ޒަމްފަރާ ސްޓޭޓުން މިދިޔަ ޖޫން މަހުގެ ތެރޭގައި ކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ.
މިހާރު ކުރިއަށްދަނީ ސަލާމަތްކުރި މައިންނާއި ކުޑަކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި އެހެނިހެން ކަންކަން ފުރިހަމަ ކުރުމަށްފަހު އެ މީހުން އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތެވެ.
ޒަމްފަރާގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން މި އެންމެން ވެސް ސަލާމަތް ކޮށްފައިވަނީ ކިޑްނެޕަރުންނަށް އެއްވެސް ފައިސާއެއް ނުދީއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ރިޕޯޓުތައް ބުނާގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ޒަމްފަރާ ސްޓޭޓުގައި ދަނީ ސިލްސިލާކޮށް ކިޑްނެޕްކުރުމުގެ ހާދިސާތައް ފެންމަތިވަމުންނެވެ. އެގޮތުން ޑިސެމްބަރު މަހުން ފެށިގެން ހާހަކަށްވުރެ ގިނަ މީހުން ކިޑްނެޕްކޮށްފައިވެއެވެ. އޭގެ ތެރެއިން ބައެއް މީހުން ފައިސާގެ އެހީއާއެކު ދޫކޮށްލާފައިވާއިރު، ބައެއް މީހުން މަރާލާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެކަން ކުރަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުން ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ.