އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ބަދަލުކުރުމަށް ދޫކުރާ އައު ގޯތިތައް މިހާރު ހުރީ އާންމުންނަށް ދޫކުރަން ތައްޔާރުވެފައިކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމަތު ދެއްވަމުން ނިޒާރު ވިދާޅުވީ، ގޯތިތައް ދޫކުރަމުން ދާނީ ރަޖިސްޓްރީ ބަދަލުކުރަމުންދާވަރަކަށް ކަމަށެވެ. އަދި ގޯތި ދޫކުރުމާގުޅިގެން، އީދު ދުވަހަށްފަހު އެސަރަހައްދުގެ މަގުތައް ހަދައި ވިނަތަށް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް، ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށް ކައުންސިލުން މިމަހު 12 ވަނަ ދުވަހު ވަނީ ނިންމާފައެވެ.
ކައުންސިލުން މިގޮތަށް ނިންމާފައިވަނީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދަކީ އައްޑޫގެ އިޤްތިޞާދާ ގުޅުންހުރި ކަންކަން މުސްތަގްބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ސަރަހައްދެއް ކަމުގައި ވާތީއެވެ. އަދި މިއީ އައްޑޫގެ އެންމެހާ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ސަރަހައްދެއްކަމުން، ތަރައްގީކުރާއިރު ހޮސްޕިޓަލާ ގުޅުންހުރި ބޭނުންތަކާއި އާއްމު އެހެން ބޭނުންތަކަށް މި ސަރަހައްދުން ބިން ބޭނުންވާކަންވެސް ފާހަގަކޮށްފައިވެއެވެ.
އެހެންވެ މި ސަރަހައްދުން ބިން ލިބެން އޮތީ މިހާރު ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލުކޮށްގެން ކަމަށާއި ގޯތިތައް ބަދަލު ކުރެވޭނީ އަދުލުވެރިކޮށް، ބަދަލު ދިނުމަށްފަހުގައި ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މީގެ އިތުރުން ބަދަލުކުރުމަށް ނިންމާފައިވާ ސަރަހައްދުގެ ގޯތިތަކުގެ ޗާޓާއި އަދި ގޯތިތައް ބަދަލުކުރެވޭ ސަރަހައްދުގެ ޗާޓު ވަނީ އާންމު ކޮށްފައެވެ. އަދި ބަދަލުކުރުމަށް ކައުންސިލުން ނިންމާފައިވާ ގޯތިތައް ހިމެނޭ ސަރަހައްދުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އިމާރާތްކުރުމުގެ މަސައްކަތް ކޮށްފައިވާ ފަރާތްތަކުގެ ގޯތިތައް، ކަނޑައެޅިފައިވާ ސަރަހައްދަށް ބަދަލުކުރުމުގެ ކުރިން އެފަރާތްތަކާއެކު މަޝްވަރާކުރުމަށް ކައުންސިލުން ނިންމާފައިވެއެވެ. އެފަރާތްތަކާ މަޝްވަރާ ކުރުމުގެ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ދާނެކަމަށްވެސް ބުނެފައިވެއެވެ.
އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނިޒާރު ވިދާޅުވީ އިރުމަތީ ފަރާތުން ދޫކުރާ ބަންޑާރަ ގޯތިތައް ބޮޑެތި ވާނެ ކަމަށެވެ. އެގޮތުން 2000 އަކަފޫޓާއި 2500 އަކަފޫޓުގެ ގޯތިތައް 3000 އަކަފޫޓަށް ބޮޑުވާނެކަން މޭޔަރު ފާހަގަކުރެއްވިއެވެ. މި ނިންމުމަކީ އެންމެންނަށް ފައިދާވާނެ ގޮތަށް ބަލާފައި ނިންމި ނިންމުމެއް ކަމަށާއި، މިކަމުން އެއްވެސް ރައްޔިތަކަށް ގެއްލުމެއް ނުލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިއީ ދުރާލައި ރޭވިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ފާހަގަކުރެވެ.