ހެއިޓީގެ ރައީސް ޖޮވެނެލް މޮއީސް އަވަހާރަކޮށްލި މައްސަލައިގައި އެ ގައުމުގެ ފުލުހުންގެ ސީނިއަރ ފަސް އޮފިސަރުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ތެރޭގައި ރައީސްގެ ސެކިއުރިޓީގެ ހެޑަކަށް ހުރި އޮފިސަރަކު ވެސް ހިމެނެއެވެ. އެ އޮފިސަރުންގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް އަދި ތުހުމަތެއްކޮށް ދައުވާ އުފުލާފައެއް ނުވެއެވެ. އެކަމަކު ސެކިއުރިޓީ ހެޑަކަށް ހުރި އޮފިސަރާއި ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައިވާކަމަށް ވެއެވެ.
މީގެ އިތުރަށް އޭނާގެ ސެކިއުރިޓީ ޓީމުގައި ހިމެނޭ އިތުރު 20 މެމްބަރުންގެ މައުލޫމާތު ވެސް ބަލާ ސާފުކުރަމުންދާ ކަމަށް އެގައުމުގެ ފުލުހުންނާ ހަވާލާދީ ނުސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން ބައެއް އޮފިސަރުންނަކީ ހާދިސާ ހިނގި ވަގުތު ގޭގެ ޑިއުޓީގައި ތިބި އޮފިސަރުން ކަމަށާއި ބަލަން ބޭނުންވަނީ ގާޑުން ތިއްބާވެސް އެކަން ހިނގައިދިޔަ ގޮތް ކަމަށް ރިޕޯޓުތަކުގައިވެއެވެ.
އެ މައްސަލާގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން އަތުލައިގަނެވުނު 17 މީހަކު ބިޑި އަޅުވައިގެން މީޑިއާތަކުގެ ކުރިމައްޗަށް ގެނެސްފައިވެއެވެ.
އެ ގައުމުގެ ރައީސް އަވަހާރަކޮށްލި ގްރޫޕްގައި ހިމެނެނީ އެކި ގައުމުތަކުގެ އަސްކަރިއްޔާގައި އުޅުމައްފަހު ރިޓަޔަރވެފައިވާ ކޮމާންޑޯއިން ކަމަށް ސިފަކޮށްފައިވެއެވެ.
މި ގްރޫޕްގައި ޖުމުލަ 28 މީހަކު ހިމެނޭކަމަށާއި 17 މީހަކު މިހާތަނަށް ހައްޔަރުކުރެވިފައިވާއިރު 4 މީހަކު މަރާލާފައިވާކަމަށްވެސް ބުނެއެވެ. މި ހަމަލާގެ މުގުލުގައި ހުރި މީހާ ހޯދިފައި ނުވާކަން ހާމަކޮށްފައިވާއިރު އަދިވެސް 8 މީހަކު އަތުލައިގަނެވިފައި ނުވާކަމަށް ހާމަކުރިއެވެ. މިހާތަނަށް އެއްކުރި މައުލޫމާތުން ހަމަލާދިން މީހުންގެ ތެރޭގައި ކޮލަމްބިއާގެ އަސްކަރިއްޔާގައި އުޅުމައްފަހު ރިޓަޔަރވެފައިވާ 26 ކޮމާންޑޯއިންނާއި ހެއިޓީގެ އަސްކަރިއްޔާގައި އުޅުމަށްފަހު ރިޓަޔަރވިފައިވާ 2 ކޮމާންޑޯއިން ހިމެނޭކަމަށް ވަނީ ބުނެފައެވެ.
ހެއިޓީގެ ރައީސް ޖޮވެނަލް މޮއިސް އަވަހާރަކޮށްލާފައިވަނީ އެ ގައުމުގައި ސިޔާސީ ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ވެރިކަން ކުރާ ރަށުގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައިވާ އިރު މި ހަމަނުޖެހުންތަކުގައި އެތައްބަޔަކު ވަނީ މަރުވެފައެވެ. ސިޔާސީ ހަލަބޮލިކަމުގެ އިތުރުން ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން ވެސް އެގައުމަށް އައީ އިތުރު ހަމަނުޖެހުންތަކާއި އުނދަގޫތަކެއް ކުރިމަތިވަމުންނެވެ.