ހެއިޓީގެ ރައީސް ޖޮވެނެލް މުއީސް އަވަހާރަކޮށްލި މައްސަލައިގައި މިހާތަނަށް އަތުލައިގަނެވުނު އެންމެން މީޑިއާގެ ކުރިމައްޗަށް ގެނެސްފިއެވެ.
މި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެއިޓީގެ އޮފިޝަލުން ވަނީ މައްސަލައިގައި މިހާތަނަށް އަތުލައިގަނެވުނު 17 މީހަކު ބިޑި އަޅުވައިގެން މޑިއާތަކުގެ ކުރިމައްޗަށް ގެނެސްފައެވެ. ނޫސްވެރިންްގެ ބައްދަލުވުމުގައި ހެއިޓީގެ އޮފިޝަލުން ބުނެފައިވަނީ މި 17 މީހުންނަކީ މުއިސް އަވަހާރަކޮށްލައި، ފަސްޓްލޭޑީ ޒަޚަމްކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ކަމަށެވެ. އެ ގައުމުގެ ރައީސް އަވަހާރަކޮށްލި ގްރޫޕްގައި ހިމެނެނީ އެކި ގައުމުތަކުގެ އަސްކަރިއްޔާގައި އުޅުމައްފަހު ރިޓަޔަރވެފައިވާ ކޮމާންޑޯއިން ކަމަށް ސިފަކޮށްފައިވެއެވެ.
މި ގްރޫޕްގައި ޖުމުލަ 28 މީހަކު ހިމެނޭކަމަށާއި 17 މީހަކު މިހާތަނަށް ހައްޔަރުކުރެވިފައިވާއިރު 4 މީހަކު މަރާލާފައިވާކަމަށްވެސް ބުނެއެވެ. މި ހަމަލާގެ މުގުލުގައި ހުރި މީހާ ހޯދިފައި ނުވާކަން ހާމަކޮށްފައިވާއިރު އަދިވެސް 8 މީހަކު އަތުލައިގަނެވިފައި ނުވާކަމަށް ހާމަކުރިއެވެ. މިހާތަނަށް އެއްކުރި މައުލޫމާތުން ހަމަލާދިން މީހުންގެ ތެރޭގައި ކޮލަމްބިއާގެ އަސްކަރިއްޔާގައި އުޅުމައްފަހު ރިޓަޔަރވެފައިވާ 26 ކޮމާންޑޯއިންނާއި ހެއިޓީގެ އަސްކަރިއްޔާގައި އުޅުމަށްފަހު ރިޓަޔަރވިފައިވާ 2 ކޮމާންޑޯއިން ހިމެނޭކަމަށް ވަނީ ބުނެފައެވެ.
ހެއިޓީގެ ރައީސް ޖޮވެނަލް މޮއިސެސް އަވަހާރަކޮށްލާފައިވަނީ އެ ގައުމުގައި ސިޔާސީ ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ވެރިކަން ކުރާ ރަށުގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައިވާ އިރު މި ހަމަނުޖެހުންތަކުގައި އެތައްބަޔަކު ވަނީ މަރުވެފައެވެ. ސިޔާސީ ހަލަބޮލިކަމުގެ އިތުރުން ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން ވެސް އެގައުމަށް އައީ އިތުރު ހަމަނުޖެހުންތަކާއި އުނދަގޫތަކެއް ކުރިމަތިވަމުންނެވެ.
ހެއިޓީގެ ރައީސް އަވަހާރަކޮށްލުމާއެކު އެގައުމުގައި ވެރިކަމުގެ ބާރުތަކާމެދު ވެސް ވަނީ ނުތަނަވަސްކަން އުފެދިއެވެ. ގާނޫނު ހަދާ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާއިރު، އެ ގައުމުގެ ބޮޑުވަޒީރުކަމަށް ދެ މީހަކު ގެންދަނީ ދައުވާ ކުރަމުންނެވެ.
ގާނޫނުގައި ބުނާ ގޮތުން، ރައީސެއް ނެތް ހާލަތެއްގައި ގައުމުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވާނީ ސުޕްރީމް ކޯޓުގެ ރައީސެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ރައީސް ވަނީ ކޮވިޑްގައި ނިޔާވެފައެވެ.