ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 23:01
އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރ
އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރ
ރޮއިޓަރސް
ހެލްތު ސެކެޓްރީ ކޮވިޑަށް ޕޮޒިޓިވްވުން
އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރ ކޮވިޑަށް ޕޮޒިޓިވްވެއްޖެ
 
ސާޖިދު ހުންނެވީ ކޮވިޑް-19އާ ދެކޮޅަށް ޖަހާ ވެކްސިންގެ ދެ ޑޯޒު ވެސް ފުރިހަމަކުރައްވައިގެން
 
އޭނާ ޕޮޒިޓިވްވީ ހުކުރު ދުވަހުގެ ރޭ ހެދި ލެޓެރަލް ފްލޯ ޓެސްޓަކުން

އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރ ސާޖިދު ޖާވިދު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން މިދިޔަ މަހު ހެލްތު ސެކެޓްރީގެ މަގާމަށް އައްޔަންކުރި ސާޖިދު ހުންނެވީ ކޮވިޑް-19އާ ދެކޮޅަށް ޖަހާ ވެކްސިންގެ ދެ ޑޯޒު ވެސް ފުރިހަމަކުރައްވައިގެންނެވެ.

ސާޖިދު ޕޮޒިޓިވްވެފައި ވަނީ އޭނާގެ ފުށުން ބަލިގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ފެންނާތީ ހުކުރު ދުވަހުގެ ރޭ ހެދި ލެޓެރަލް ފްލޯ ޓެސްޓަކުންނެވެ. އޭގެ ނަތީޖާ ޕޮޒިޓިވްވުމާއެކު މިހާރު ޕީސީއާރް ޓެސްޓަށް ސާމްޕަލް ނަގާފައިވާކަމަށާއި، ހުންނެވީ އާއިލާއާއި އެކު ހޯމް އައިސޮލޭޝަންގައިކަން އޭނާ ކުރެއްވި ޓުވީޓެއްގައި ހާމަކުރައްވާފައިވެއެވެ. އޭނާ ވިދާޅުވީ، ޕޮޒިޓިވްވި ނަމަވެސް ބަލީގެ އަލާމާތްތައް ވަރަށް ކުޑަ ކަމަށާއި، ހާލަތު ރަނގަޅު ކަމަށެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް އެކުލަވާލާފައިވާ ޕްލޭން ހާމަކޮށްފައިވަނިކޮށް އެގައުމުގައި ފާއިތުވި ހަ މަސް ދުވަސް ތެރޭގައި ދުވާލެއްގެ މައްޗަށް ކޭސްތައް ނުފެންނަ މިންވަރަށް ކޭސްތައް ވަނީ ފެންނަން ފަށާފައެވެ.

ފިޔަވަޅުތަކަށް ދޭ ލުއިތަކުގެ ޕްލޭންގައި ހިމެނެނީ ރެސްޓޯރެންޓްތަކާއި ނައިޓް ކްލަބްތަން ދޭ ޚިދުމަތްތަކާއި މާސްކު އެޅުން މަޖުބޫރު ނުވާނެ ގޮތްތަކެވެ. ނަމަވެސް އެގައުމުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ބުރާސްފަތި ދުވަހު ވަނީ 48،553 މީހުންނަށް ކޮވިޑް ޖެހިފައެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ފަހުން މިހާބޮޑަށް ކޭސްތައް މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ކޮވިޑް ޖެހިގެން އިނގިރޭސިވިލާތުގައި މަރުވި މީހުންގެ އަދަދު 128،642ށް އަރައެވެ.

އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެފައިވަނީ ވެކްސިން ޖަހަންޖެހޭ އާބާދީގެ ތިން ބައިކުޅަ ދެބައި މީހުންނަށް ދެ ޑޯޒް ދީފައިވާކަމަށެވެ. އެހެންކަމުން މިއީ ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް އެންމެ ރަނގަޅު ވަގުތުކަމަށް ބޮރިސް ވަނީ ވިދާޅުވެފައެވެ. ލުއިތައް ދޭ އަނެއް ސަބަބެއްކަމަށް ބޮރިސް ވިދާޅުވެފައިވަނީ ބަލި ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދު މަދުވުމާއި މަރުވާ މީހުންގެ އަދަދު މަދުވުމެވެ.

ހުކުރު ދުވަހު ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިނގިރޭސިވިލާތުގައި ވެކްސިން ޖަހަންޖެހޭ އާބާދީގެ 67.5 އިންސައްތަ މީހުންނަށް ވަނީ ދެ ޑޯޒް ދީފައެވެ. އަދި 87.6 އިންސައްތަ މީހުންނަށް ވަނީ އެއް ޑޯޒް ދީފައެވެ. ވެކްސިން ނުޖެހިވާ މީހުންގެ ތެރޭގައި ގިނައީ ޒުވާނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް