ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 08:27
ޖުލައި 15 ވަނަ ދުވަހު ނައްތާލި މަސްތުވާތަކެތީގެ ބައެއް
ޖުލައި 15 ވަނަ ދުވަހު ނައްތާލި މަސްތުވާތަކެތީގެ ބައެއް
ޕޮލިސް
މަސްތުވާތަކެތި ނައްތާލުން
ފުލުހުންގެ ބެލުމުގެ ދަށުގައިހުރި 176.55 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި
 
2019 ވަނަ އަހަރުގެ ތެރޭގައި 414 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ވަނީ ނައްތާލާފައި
 
ތަހުގީގުގެ ބޭނުމަށް 8 ގްރާމްގެ ބެހެއްޓުމަށްފަހު ބާކީ ހުންނަ ތަކެތި އެއް މަސްދުވަހުގެ ތެރޭގައި ނައްތާލުމަކީ އަމާޒެއް
 
މިތަކެތި ނައްތާލާފައިވަނީ ޖުލައި 15 ވަނަ ދުވަހު ދޫނިދޫގައި

އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން 176.55 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.

ޖުލައި 15 ވަނަ ދުވަހު ދޫނިދޫގައި ނައްތާލާފައިވަނީ 2006 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 1000 ގްރާމް ކެނަބިސްއާއި، 2016 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 2925.952 ގްރާމް ކޮކޭންގެ އިތުރުން 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޑިސެމްބަރ މަހުގެ ނިޔަލަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން ނައްތާނުލެވިހުރި ތަކެއްޗާ އަދި މި އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 71874.1000 ގްރާމް ހެރޮއިންއެވެ. އެ ތަކެތީގެ ތެރޭގައި ހިމެނެނީ 5418 ރަބަރު ޕެކެޓާއި، 3312 ސެލޯފިންކޮޅާއި، ފިލްމު ހުސްކުރި 351 ދަޅާއި، 193 ބުލެޓާއި، 15 ބިޑިއާއި، 1460 ބޭސް ގުޅަ އަދި އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 3746 އައިޓަމެކެވެ. އެހެނިހެން އައިޓަމްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމަށްޓަކައި ގެންގުޅޭ އާލާތްތައް ހިމެނެއެވެ.

އޭގެ އިތުރުން، ނައްތާލި ތަކެތީގެ ތެރޭގައި 146412.7270 ގްރާމް ހެރޮއިންއާއި، 19003.6029 ގްރާމް ކެނަބިސްއާއި، 36.1817 ގްރާމް އެމްފެޓަމިންއާއި، 714.6503 ގްރާމްގެ މެޓަމްއެމްފެޓަމިން ރެސިމޭޓްއާއި، 596.8731 ގްރާމް އެމްޑީއެމްއޭގެ އިތުރުން 9784.5774 ގްރާމް ކޮކޭން ހިމެނެއެވެ. މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ތަފާތު މައްސަލަތަކުގައި ހޯދާ މަސްތުވާތަކެތީގެ ތެރެއިން ތަހުގީގުގެ ބޭނުމަށް ބަހައްޓަންޖެހޭ 8 ގްރާމްގެ ބެހެއްޓުމަށްފަހު ބާކީ ހުންނަތަކެތި އެއް މަސްދުވަހުގެ ތެރޭގައި ނައްތާލުމަކީ ފުލުހުންގެ އަމާޒެއްކެވެ. މި ސަރުކާރުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރުގެ ތެރޭގައިވަނީ 414 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ނައްތާލާފައެވެ. އެއީ ރާއްޖޭގެ ތާރީޚުގައިވެސް އެހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެއްފަހަރާ ނައްތާލި ފުރަތަމަ ފަހަރެވެ. އެފަހަރު މަސްތުވާތަކެތި ނައްތާލާފައިވަނީ ގިނަ އަދަދެއްގެ އާއްމުންގެވެސް ހާޒިރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް