ކ. މާލެ
|
14 ޖުލައި 2021 | ބުދަ 11:38
އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދާފައި،
އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދާފައި،
ރާއްޖެއެމްވީ
ބޮޑު ޖަމާއަތުގައި އީދު ނަމާދުނުކުރުން
އަޟްހާ އީދު ނަމާދު މާލޭ ސިޓީގައި ބޮޑު ޖަމާއަތުގައި ނުކުރާގޮތަށް ނިންމައިފި
 
ކޮވިޑް-19ގެ ހާލަތު ރަނގަޅު ރަށްރަށުގައި ބޮޑު ޖަމާއަތުގައި ނަމާދުކުރެވޭނެ
 
މާލޭގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު އީދު ނަމާދުކުރުން އޮންނާނެ

މި އަހަރުގެ އަޟްހާ އީދު ނަމާދު މާލޭ ސިޓީގައި ބޮޑު ޖަމާއަތުގައި ނުކުރާގޮތަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން މާލެސިޓީގައި ބޮޑު އީދު ނަމާދު ބޮޑު ޖަމާއަތް ހަދައިގެން ނުކުރާނެ ކަމަށެވެ. ނަމަވެސް މާލޭގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު އީދު ނަމާދުކުރުން އޮންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މާލެ ސިޓީގައި ބޮޑު ޖަމާއަތް ހަދައިގެން ބޮޑު އީދު ނަމާދު ނުކުރި ކަމުގައިވީ ނަމަވެސް އަތޮޅުތެރޭގެ ކޮވިޑް-19ގެ ހާލަތު ރަނގަޅު ރަށްރަށުގައި އެ ރަށެއްގެ ރައްޔިތުން ބޭނުންވެއްޖެނަމަ ބޮޑު ޖަމާއަތް ހަދައިގެން އީދު ނަމާދުކުރެވޭނެ ކަމަށެވެ.

ކޮވިޑް-19ގެ ނުރައްކާ ރާއްޖެއަށް ކުރިމަތިވުމުގެ ކުރިން އަޟްހާ އީދާއި، ފިތުރު އީދު ދުވަހުގެ ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާއަތް ހަދައިގެން ނަމާދު ކުރެއެވެ. އަދި މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ރައްޔިތުން ބޭނުންވާ ކަމެއް ކަމުގައިވީ ނަމަވެސް ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައި ވެސް ބޮޑު ޖަމާއަތުގައި ނަމާދުކޮށްފައެއް ނުވެއެވެ. އަދި އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އީދު ނަމާދުގެ ބޮޑު ޖަމާއަތް ގާއިމުކުރުމަކީ އިސްލާމް ދީނުގެ ވަރަށް މަތިވެރި ޝިއާރެއް ކަމަށެވެ. ނަމަވެސް ބޮޑު ޖަމާއަތުގައި ނަމާދުނުކުރާގޮތަށް ނިންމި ނިންމުމަކީ މިއަދު މުޅިދުނިޔެއަށް ކުރިމަތިވެފައިމިވާ ނުރައްކާތެރި އާލަމީ ވަބާއިން ރައްކާތެރިވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް