ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގައި ގާއިމުކުރާ ގޮދަންފުށް ފެކްޓަރީގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި އަންނަ އަހަރުގެ މެދުތެރެއަށް ފެކްޓްރީގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކްލަބްހައުސް ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވަނީ އެސްޓީއޯ އިން ބޮޑެތި ވިޔަފާރިތަކުގެ ތެރެއަށް ވަނުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އެ މަސައްކަތުގެ ދަށުން ރާއްޖޭގައި ގޮދަށްފުން ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ ފެކްޓްރީގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށާއި މިކަންތައް އެސްޓީއޯ އިން މިކުރަނީ ތިން އަމާޒެއް ހާސިލުކުރަން ކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ރާއްޖެއަށް ގޮދަންފުށް ގެނެސް ބަހައްޓާއިރު ރާއްޖޭގެ ތިމާވެށީގެ ސަބަބުން ގިނަ ދުވަހު ގޮދަންފުށް ރައްކާކޮށްފައި ނުބެހެއްޓޭ ކަމަށާއި މީގެ ސަބަބުން ކާނާގެ ބާވަތްތަކުގެ ޔަގީންކަން ކަށަވަރުކުރަން އުނދަގޫކަމަށެވެ. ނަމަވެސް ސީދާ ގޮދަން އެތެރެކުރުމުން އެތަކެތި ގިނަ ދުވަހު ރައްކާކޮށްފައި ބެހެއްޓޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.
އޭގެ އިތުރުން ގޮދަން ރާއްޖެ ގެނެސް ރާއްޖޭގައި ޕްރޮސެސް ކުރުމުން ތާޒާކަންމަތީ ރައްޔިތުންނަށް ފުށް ފޯރުކޮށްދެވޭނެ ކަމަށާއި އަދި ބޭނުންވާ ބާވަތެއްގެ ފުށް ތަނަވަސްކޮށްދިނުމުގެ ފުރުސަތު ވެސް ފަހިވެގެންދާކަމަށް އަމްރު ވިދާޅުވިއެވެ. އަދި މިހާރު އެސްޓީއޯ އިން ފުށް ވިއްކަމުންދާ އަގަށްވުރެ ހެޔޮއަގެއްގައި ރައްޔިތުންނަށް ފުށް ސަޕްލައިކުރެވިގެންދާނެ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް ދިމާވެފައިވާ ކާޑުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ މަގުސަދުގައި ގޮދަންފުށް ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާކަން އަމްރު ހާމަކުރައްވާފައި ވަނީ އެސްޓީއޯގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. އެޖަލްސާގައި ވާހަކަދައްކަވަމުން އަމްރު ވަނީ މިފަދަ ފެކްޓަރީއެއް ކާމިޔާބު ކަމާއެކު ރާއްޖޭގައި ގާއިމު ކުރެވިއްޖެނަމަ، ކާޑުގެ ބާވަތްތައް ހުސްވިޔަނުދީ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ އިތުރުން، ކާޑު އެތެރެކުރުމަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި ދެމެހެއްޓެނެވި ގޮތެއްގައި ފުޑް ސެކިއުރިޓީ ގާއިމުކުރެވޭނީ ރާއްޖެ އެތެރެކުރެވޭ ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި ގޮވާންކޮށް، ދަނޑުވެރިކަމުގެ ބާވަތްތައް އުފައްދައިގެން ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.