މިއަހަރުގެ ފުރަތަމަ 6 މަސް ނިމުނު އިރު، ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް 1.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިއަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.4 ބިލިއަން ރުފިޔާ އެޕްރޫވްކޮށްފައިވާއިރު، ފާއިތުވި އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ސަރުކާރުން ޚަރަދުކޮށްފައިވަނީ 1.8 ބިލިއަން ރުފިޔާއެވެ.
ޚަރަދުތައް ކޮށްފައިވާ ދާއިރާތަކަށް ބަލާއިރު، ދަތުރުފަތުރުގެ އެކި މަޝްރޫއުތަކަށް 52 މިލިއަން ރުފިޔާ، ބަނދަރުގެ އެކި މަޝްރޫއުތަކަށް 222.9 މިލިއަން ރުފިޔާ، އެއަރޕޯޓްގެ އެކި މަޝްރޫއުތަކަށް 50 މިލިއަން ރުފިޔާ، އަދި ބްރިޖުގެ މަޝްރޫއުތަކަށް 29 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މީގެ އިތުރުން ތައުލީމީ އެކި މަޝްރޫއުތަކަށް ޕީއެސްއައިޕީ ބަޖެޓުން 86.7 މިލިއަން ރުފިޔާ، ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަޝްރޫއުތަކަށް 57.5 މިލިއަން ރުފިޔާ، ފެނާއި ނަރުދަމާގެ އެކި މަޝްރޫއުތަކަށް 295.6 މިލިއަން ރުފިޔާ، ސިއްހީ އަދި އިޖުތިމާއީ އެކި މަޝްރޫއުތަކަށް 214.9 މިލިއަން ރުފިޔާ، ނެޝަނަލް ސެކިއުރިޓީ އެންޑް ޕަބްލިކް އޯޑަރުގެ އެކި މަޝްރޫއުތަކަށް 20.9 މިލިއަން ޚަރަދުކޮށްފައިވެއެވެ.
އޮފީސް އިމާރާތްތަކަށާއި ކައުންސިލްތަކަށް 46.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިމާރާތްކުރުމުގެ އެކި މަޝްރޫއުތަކަށް 62.5 މިލިއަން ރުފިޔާ، ބިން ހިއްކުމާއި މަގު ހެދުމަށް 266.3 މިލިއަން ރުފިޔާ، އަދި މަސްވެރިކަމާއި ދަނޑުވެރިކަަމުގެ އެކި މަޝްރޫއުތަކަށް 30.8 މިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި މަހުގެ 1ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ 13.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އޭގެ ތެރޭގައި ލޯނު ރިޕޭމަންޓްގެ ގޮތުުގައި މިހާތަނަށް ޚަރަދުކުރި 540.9 މިލިއަން ރުފިޔާ ހިމެނެއެވެ. އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 9.2 ބިލިއަން ރުފިޔާއެވެ.