ކ. މާލެ
|
13 ޖުލައި 2021 | އަންގާރަ 12:20
އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭ
އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭ
ޝުއައިބް މުހައްމަދު އިގްބާލް
ވެހިކަލް ރަޖިސްޓްރީކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ
ގަރާޖު ސިޓީ ދޫކުރުމުގެ ބާރު ކައުންސިލަށް ދޭން މަޝްވަރާ ނުކުރާ ކަމަށް ބުނެ ކުރި ތުހުމަތު ދޮގުކޮށްފި
 
ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްހަކަން ކަށަވަރުކުރަނީ ޓްރާންސްޕޯޓް އޮތޯރިޓީން

މާލެ ސަރަހައްދުގައި ވެހިކަލް ރަޖިސްޓްރީކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ ސިޓީ، މާލެ ސިޓީ ކައުންސިލުން ދޫކުރާ ގޮތަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވަނީ ކައުންސިލާ މަޝްވަރާކުރުމެއް ނެތި ކަމަށް ބުނެ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކުރެއްވި ތުހުމަތުތައް ޓްރާންސްޕޯޓް މިނިސްޓްރީން ދޮގުކޮށްފިއެވެ.

ވެހިކަލް ރަޖިސްޓްރީކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ ސިޓީ، މާލެ ސިޓީ ކައުންސިލުން ދޫކުރާ ގޮތަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ހޯމަ ދުވަހު ބުނެފައެވެ. އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ. މިކަންކަން ބެލުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ޓްރާންސްޕޯޓް އޮތޯރިޓީންނެވެ.

ގަރާޖު ހުއްދަ ސިޓީ، މާލެ ސިޓީ ކައުންސިލުން ދޫކުރާ ގޮތަށް ނިންމާފައިވާ ކަމަށް ބުނެ އެ އޮތީރިޓީން ބުނީ ގްރޭޓަރ މާލޭ ސަރަހައްދުގައި ރަޖިސްޓްރީކުރާ އުޅަނދުތައް ރަޖިސްޓްރީކުރުމަށްޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާނެ ގަރާޖު ޗެކްކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް 01 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުން ފެށިގެން ދެން ކުރިޔަށް ގެންދާނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ.

ގަރާޖު ހުއްދަ ސިޓީ ދޫކުރުމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ތުހުމަތުތައް ކުރަމުންދާއިރު މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މި ނިންމުން އެ އޮތީރިޓީން ނިންމާފައިވަނީ ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.

ނަމަވެސް މިކަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ދޮގު ކޮށްފައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީން ބުނީ މިއީ ކުރީގެ ކައުންސިލާއި މި ދައުރުގެ ކައުންސިލަރުންނާ ވެސް މަޝްވަރާ ކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި މިކަމަކީ އެކަމާ ގުޅިގެން ސިޓީ ބަދަލު ކުރެވިފައިވާ ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. މިކަމާ މެދު އެއްވެސް ވަރަކަށް މަޝްވަރާ ނުކުރާ ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެ ލިޔުން ހުށައެޅުން ލާޒިމު ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދަނީ ދިރާސާ ކުރަމުންނެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި އިސްލާހު ހުށައެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ. އިސްލާހު ހުށައަޅުއްވަމުން މެންބަރު ނަޝީދު ވިދާޅުވެފައިވަނީ މި ބިލަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓަރީކުރާއިރު ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ރަޖިސްޓްރީ ކުރާ ގޮތަށް މިހާރު އޮންނާތީ އެކަމުގެ ނާޖާއިޒް ފައިދާ ބަޔަކު ނަގަމުންދާތީ ހުށަހަޅާ ބިލެއް ކަމަަށެވެ.

މީގެ އިތުރުން ޓްރާންސްޕޯޓު އޮތޯރިޓީން ކުރަމުން އައި މި މަސައްކަތް ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރަން ނިންމާފައިވާއިރު ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ހުށަހަޅާފައިވާ ބިލެއްް ވެސް ރައްޔިތުންގެ މަޖިލީހުން ދަނީ ދިރާސާ ކުރަމުންނެވެ. މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލްޣަނީ ވިދާޅުވެފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

ހަމަދު އަބްދުލްޣަނީ ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ވިސްނުމަކަށް އެންމެ ފުރަތަމަ ދިޔައީ އޮތޯރިޓީ އާއި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ފުށުއަރާ ކަންތައްތަކެއް ހުރުމުން ކަމަށެވެ. ޓްރާންސްޕޯޓް އޮތޯރިޓީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމަށްފަހު އުފެއްދެވި ތަނެކެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް މެމްބަރުން އައްޔަންކޮށް ވަކިކުރުމުގެ ބާރު އެ ގާނޫނުން ލިބިދެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ބޯޑު ހިނގަމުންދާންވާނީ މިނިސްޓަރުގެ ބެލުމުގެ ދަށުންކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް