ކ. މާލެ
|
13 ޖުލައި 2021 | އަންގާރަ 07:38
އިންކުއަރީ ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރައީސް ޞާލިހް ނެޝަނަލް ސެކިއުރިޓީ ކައުންސިލާ ބައްދަލުކުރައްވަނީ
އިންކުއަރީ ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރައީސް ޞާލިހް ނެޝަނަލް ސެކިއުރިޓީ ކައުންސިލާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
އިންކުއަރީ ރިޕޯޓް
އިންކުއަރީ ރިޕޯޓް ނެޝަލަން ސެކިއުރިޓީ ކައުންސިލާ ހިއްސާކުރައްވައިފި
 
ބައްދަލުވުން ބާއްވާފައި ވަނީ ރައީސް އޮފީހުގައި
 
ރިޕޯޓުގައިވާ ކަންތައްތައް އިތުރަށް ދިރާސާކޮށް އިޞްލާޙުކުރުމުގައި ޢަމަލުކުރާނެ ގޮޮތާމެދު މަޝްވަރާކުރެއްވި
 
ރިޕޯޓުގައިވާ ރިކޮމެނެޑޭޝަންތައް ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވުމާ ގުޅިގެން، ނެޝަލަން ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާ އެމަނިކުފާނު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ މި ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން އިތުރަށް ދިރާސާކޮށް މި ކަންކަން އިޞްލާޙުކުރުމުގައި ޢަމަލުކުރާނީ ކިހިނެތްތޯއާއި، މި ރިޕޯޓުގައިވާ ރިކޮމެނެޑޭޝަންތައް ތަންފީޒުކުރުމާ ގުޅޭގޮތުންނެވެ.

އިންކުއަރީ ރިޕޯޓުގައި ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި ފުލުހުންގެ ޚިދުމަތާއެކު މަޝްވަރާކޮށް ކަންކަމުގައި ހައްލު ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދު ހޯދުމަށް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް އައްޔަން ކުރުމަށް ހިމަނާފައިވެއެވެ. މީގެ އިތުރުން ވެސް ސިފައިންގެ ގާނޫނު އިސްލާހުކުރުމާއި، ހިންގުމަށް ޒަމާނީ ބަދަލު ގެނައުމަށް ވެސް ހިމަނާފައިވެއެވެ.

އެއްފަހަރާ ގިނަ މައުލޫމާތު ރައްކާ ކުރެވޭ ސިސްޓަމްތައް ގެނައުމާއި، އިންޓެލިޖެންސް ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް އެކަށީގެންވާ ބަޖެޓެއް ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.

އިންކުއަރީ ރިޕޯޓު މަޖިލީހުގެ ރައީސަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުވަނީ، ރިޕޯޓުގައި ރަނގަޅުކުރުމަށް ހިމަނާފައިވާ ކަންކަން ރަނގަޅުކުރުމަށް އަވަށް ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް ސާލިހަށާއި، އުއްތަމަ ފަނޑިޔާރަށް ވެސް ގޮވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީގައި 49 ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މި ރިޕޯޓް އެރުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ރައީސް ވަނީ މި ރިޕޯޓް މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެކުލަވާލައްވައި ހުށަހެޅުއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ. މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ވަރަށް ބުރަ އަދި މުހިއްމު މަސައްކަތެއްކަން ރައީސް ފާހަގަކުރައްވާފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން މި ރިޕޯޓު އެކުލަވައިލެއްވުމުގައި ކޮށްދެއްވި ބުރަ މަސައްކަތަށްޓަކައި އެ ކޮމިޓީގެ އެންމެހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ޞާލިހް ވަނީ މި ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވައި، އެކަންކަމުގައި އިޞްލާޙުކުރަން ހުރި ކަންކަން އިޞްލާޙު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް