ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ އިންކުއަރީ ރިޕޯޓުގައިވާ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެދަށުން ކަމަށް އެމްއެންޑީއެފުން އެމްޑީޕީއަށް އަންގައިފިއެވެ.
އެމްއެންޑީއެފުން ފޮނުވި ސިޓީއެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް 06 މޭ 2021 ގައި ދިން ޙަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓް، ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެ ރިޕޯޓާބެހޭ މަޝްވަރާ، 12 ޖުލައި 2021 ގައި ބޭއްވި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި އެޖެންޑާކުރި ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ރިޕޯޓުގައިވާ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެދަށުން ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމާއެކު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ރިކޮމެންޑޭޝަންތައް ތަންފީޒުވަމުން ދާގޮތުގެ މަޢުލޫމާތު ލިބޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުން ކަމަށް ވެސް މި ސިޓީގައިވެއެވެ.
ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 241 ކޮމިޓީން ކުރިޔަށް ގެންދިޔަ އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ރެކޮމެންޑޭޝަންތަކުގެ ދުރު ރާސްތާ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރެވެން އަންނަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ މި ދައުރު ނިމޭ ހިސާބުގައި ކަމަށް ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުން މައުލޫމާތު ދީފައިވާ ކަމަށް މެއި 6 ކޮމިޓީގެ މުޤައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފު ވަނީ ވިދާޅުވެފައެވެ.
ބުދަ ދުވަހު ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ ބޭފުޅުންނާ ބައްދަލުކުރެއްވިކަން ފާހަގަކުރައްވައި ޢަފީފު ވިދާޅުވީ އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތްތަކާއި, ތަންފީޒު ކުރެވޭ މިންވަރު ގާތުން ބައްލަވާނެ ކަމަށެވެ. އަދި މި ރެކޮމެންޑޭޝަންތައް ތަންފީޒުކުރުމަކީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާތީ އެމައުލޫމާތު އޮޅުން ފިލުއްވަން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެމްއެންޑީއެފްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރެއްވި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާކަމަށް ހަސަން އަފީފް ވިދާޅުވިއެވެ.