ކ. މާލެ
|
11 ޖުލައި 2021 | އާދީއްތަ 11:36
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ޝުރުފާ މުހައްމަދު
ރިއަލް އެސްޓޭޓް ޓޫރިޒަމް ފެށުން
ފަތުރުވެރިކަން ވަށައި ޖެއްސުމަށް ރިއަލް އެސްޓޭޓް ޓޫރިޒަމް!
ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ޕްރޮޖެކްޓްތައް ފެށުމަށް އޮގަސްޓް މަހު އިއުލާން ކުރެވޭނެ
އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންތައް ނިމުމުން ރަށްތައް އިއުލާން ކުރެވިގެން ދާނެ
ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރާނެ ރަށްތައް ވަނީ ކަނޑައެޅިފައި

ރާއްޖޭގެ ފަތުރުވެރިކަން ވަށައި ޖެއްސުމަށް ރިއަލް އެސްޓޭޓް ޓޫރިޒަމް ފެށުމަށް އެންމެ ފަހުގެ މަސައްކަތްތައް ކުރައްވަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ހާމަކުރައްވައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މުޅި ޕްރޮޑަކްޓް ވަށައި ޖެއްސުމަށް ރިއަލް އެސްޓޭޓް ޓޫރިޒަމުން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށާއި ރިއަލް އެސްޓޭޓް ޓޫރިޒަމް ވުޖޫދަށް ގެންނަން ބޭނުންފުޅުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިނިސްޓަރ ވަނީ ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ޕްރޮޖެކްޓްތައް ފެށުމަށް އޮގަސްޓް މަހު އިއުލާން ކުރެވޭނެކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން މިހާރު ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރާނެ ރަށްތައް ކަނޑައެޅިފައިވާ ކަމަށާއި އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންތައް ނިމުމުން ރަށްތައް އިއުލާން ކުރެވިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ ރެސިޑެންސީ ވިސާގެ ހުއްދަ މިހާރު ލިބިފައިވުމުން ރިއަލް އެސްޓޭޓް ޓޫރިޒަމް ފަށައިގަންނަން ބޭނުންވާ އެންމެ މުހިންމު އެއް ކަންތައް މިހާރު ފުރިހަމަވެފައިވާ ކަމަށެވެ. އަދި މި ފަތުރުވެރިކަން ރަނގަޅަށް ފަށައިގަނެ އަދި ދުވަސްކޮޅެއް ނެގި ނަމަވެސް ދިވެހިންނަކީ މިފަދަ ކަންކަމަށް ވަރަށް ކުޅަދާނެ ބައެއް ކަމަށާއި މިކަމުގައި އިންވެސްޓްމެންތައްކޮށް ކުރިއަރުވައިދޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ތެރެއަށް ގުޅުވާލެވޭ ތަފާތު އިތުރު މަސައްކަތްތައް އެބަހުރިކަމަށާއި އޭގެ ތެރެއަށް އިންޓަގްރޭޓެޑް ޓޫރިޒަމްގެ މަސައްކަތް ވެސް ވަދެގެން އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފުކުރުމަށް ނިންމާފައި ވަނީ ރާއްޖޭގައި ދިރިއުޅެން ބޭނުންވާ ބިދޭސީންނަށް އިންޓަގްރޭޓަޑް ޓޫރިޒަމް މޮޑެލް އަދި ޕްރައިވެޓް އައިލެންޑް މޮޑެލްގެ ތެރެއިން ސެކަންޑް ހޯމް ޕްރޮގްރާމެއް ހިންގުމަށެވެ. އެގޮތުން ސަރުކާރުން މިހާތަނަށް އެކުލަވާލާފައިވާ ގަވާއިދުތައް ބުނާ ގޮތުން އިންޓެގްރޭޓަޑް ޓޫރިޒަމް މޮޑެލްގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުގެ ސަރަހައްދުތައް ޓޫރިޒަމްގެ ބޭނުންތަކަށް ހާއްސަ ކުރެވޭ އިރު، ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރަން ސަރަހައްދުތައް ދެވޭނީ ދައުލަތުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަންޏެވެ. އަދި ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ސަރަހައްދެއް ކަނޑައެޅުމަށް ހުށަހަޅާއިރު, އެ ސަރަހައްދުގައި ތަރައްގީކުރުމަށް ހުށަހަޅާ އެޕާޓްމަންޓް, ވިލާ ނުވަތަ ކޮޓަރީގެ އަދަދާއި ތަރައްގީކުރެވޭ އިތުރު ހިދުމަތްތަކާއި ވަސީލަތްތައް ހިމަނަން ޖެހެއެވެ. 

ދައުލަތަށް އާމްދަނީ ހޯދުމަށް މި އަހަރު އަލަށް ފަށާ ކަންކަމުގެ ތެރޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ހިމެނޭއިރު، ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި ރިއަލް އެސްޓޭޓް ޓޫރިޒަމުން މި އަހަރު ދައުލަތަށް 150 މިލިއަން ރުފިޔާ ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް