އަންނަ އަހަރު ބާއްވާ 23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖެއާއެކު އިރާގް، ބަހްރޭން އަދި އަފްގާނިސްތާން އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ.
އޭއެފްސީން މި މުބާރާތް ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 19 ވަނަ ވަނަ ދުވަހުގެ ނިޔަލަށް އުޒްބެކިސްތާނުގައެވެ. އެ މުބާރާތުގެ ކޮލިފައިން މެޗުތައް މި އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުޅޭއިރު، ރާއްޖެ ހިމެނޭ ގްރޫޕް ސީގެ މެޗުތައް ކުޅޭނީ ބަހްރޭނުގައެވެ.
މި ފަހަރުގެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި އިރާގް، ބަހްރޭން އަދި އަފްގާނިސްތާން ހިމެނުނުއިރު، ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. ކޮލިފައިންގެ ދެވަނަ މެޗުގައި އެ މަހުގެ 29 ވަނަ ދުވަހު ބަހްރޭނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި 31 ވަނަ ދުވަހު ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ.
ކޮލިފައިންގައި 11 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށް އޭއެފްސީ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެއެވެ. އަދި އެ 11 ގްރޫޕުން ދެވަނައަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށްވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.
މި ފަހަރުގެ ކޮލިފައިންއާ ކުރިމަތިލާއިރު، މި ވަގުތު ޒުވާން ޓީމުގެ ކޯޗަކަށް ހުރީ ގައުމީ ސީނިއާ ޓީމުގެ ކޯޗު ނެދަލެންޑްސްގެ ރެނޭ ހިޑިންކެވެ. އެކަމަކު 23 އަހަރުން ދަށުގެ ޓީމު ގޮވައިގެން ކޮލިފައިންގައި މަސައްކަތްކުރާނެ ކޯޗެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.
މި ފަހަރުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ވާދަކުރާއިރު، އެންމެ ފަހުން ރާއްޖޭން މި މުބާރާތުގެ ކޮލިފައިންގައި ވާދަކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އެ ފަހަރު ޒުވާން ޓީމުގެ ކޯޗަކަށް ހުރީ ގައުމީ ސީނިއާ ޓީމުގެ ކޯޗުގެ މަގާމުގައި މީގެ ކުރިން ހުރި ޕީޓަ ސެގާޓެވެ. އެ ފަހަރުގެ ކޮލިފައިންގައި ރާއްޖެއިން ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި ލުބުނާނާ ވާދަކުރިއިރު، ކޮލިފައިންގައި ރާއްޖެ ކޮޅަށް ވަނީ ޖުމްލަ 15 ލަނޑު ވަދެފައެވެ.