އަންނަ އަހަރު އުޒްބެކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ 23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ދެވަނަ މެޗުން ބަހްރޭން އަތުން ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.
ކޮލިފައިންގެ ގްރޫޕް ސީގައި ރާއްޖެ އާއެކު ދެން ހިމެނުނީ ބަހްރޭނާއި އިރާގެވެ. މި ގްރޫޕުގައި އަފްޣާނިސްތާން ހިމެނުނު ނަމަވެސް، ފަހު ވަގުތު އަފްޣާނިސްތާނަށް ބަހްރޭނަށް ދެވޭގޮތް ވަނީ ނުވެފައެވެ. އެހެންކަމުން ކޮންމެ ގައުމަކަށްވެސް ކޮލިފައިންގައި ކުޅެން ލިބުނީ ދެ މެޗެވެ.
މި ފަހަރުގެ ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން އިރާގު އަތުން 4-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވެފައިވާއިރު، ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ވަނީ ބަހްރޭން އަތުން 3-0 ގެ ނަތީޖާއަކުންނެވެ.
ބަހްރޭނުގައި ކުޅުނު މި މެޗުގެ 16 ވަނަ މިނެޓުގައި އެ ގައުމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަދްނާން ފަވާޒެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ލީޑު ފުޅާކުރަން ބަހްރޭނަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ބަހްރޭން ކުޅުންތެރިޔާ ފޮނުވާލި ޕެނަލްޓީ ރާއްޖޭގެ ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ) ވަނީ މަތަކޮށްފައެވެ.
އެކަމަކު އޭގެ އިރުކޮޅެއް ފަހުން މުޙައްމަދު ގައްޔޫމް ވަނީ ލަނޑެއް ޖަހައި، ބަހްރޭނުގެ ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި ބަހްރޭނުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ލިބުނު އިތުރު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އައްބާސް ފަދޭލެވެ.
މި ފަހަރުގެ ކޮލިފައިންގައި ބަހްރޭން އަތުން 3-0 ގެ ނަތީޖާއަކުން ރާއްޖޭގެ ޒުވާން ގައުމީ ޓީމު ބަލިވިއިރު، ރާއްޖޭން ވަނީ 2015 ވަނަ އަހަރުވެސް 23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ބަހްރޭނާ ދެކޮޅަށް ކުޅެފައެވެ. އެ ފަހަރު އޮމާނުގައި ބޭއްވި ކޮލިފައިންގައި ބަހްރޭނާ ވާދަކޮށް ރާއްޖެ ބަލިވީ ހަމަ 3-0 ގެ ނަތީޖާއަކުންނެވެ.
މި ފަހަރުގެ ކޮލިފައިންގައި 11 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށް އޭއެފްސީ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެއެވެ. އަދި އެ 11 ގްރޫޕުން ދެވަނައަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށްވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.