މާލެ-ހުޅުމާލެ ޕަވަރ އިންޓަރކަނެކްޝަން މަސައްކަތް ނިންމައި މާލެ, ހުޅުލެ, ހުޅުމާލޭ ކަރަންޓު އެއްވިއުގައަކުން ގުޅާލައިފިއެވެ.
މި މަޝްރޫއުގެ ދަށުން އަޅަން ޖެހޭ 6 ކޭބަލް ވެސް މިހާރު އަޅާ ނިމިފައިވާއިރު، ޑިސްޓްރިބިއުޝަން ސިސްޓަމާއި ޓްރާންސްފޯމަރ ބެހެއްޓުމުގެ މަސައްކަތް ނިންމައި ޖުލައި 9 ވަނަ ދުވަހު ވަނީ ސިނަމާލެ ބުރިޖުގެ މާލެއާ ވީކޮޅުން ކަނެކްޝަން ވަނީ ގުޅާފައެވެ. ސްޓެލްކޯއިން ވަނީ މި މަސައްކަތް ކުރުމަށްޓަކައި ޖޫން 7 ވަނަ ދުވަހު ހެނދުނު 7:00ން ފެށިގެން 9:00އާ ހަމައަށް މުޅި މާލެއިން ކަރަންޓު ކަނޑާލައި ކަނެކްޝަންގެ އެންމެ ފަހުގެ މަސައްކަތްކޮށްފައެވެ. އެއީ ބުރިޖުގެ މާލެއާއިވީ ކޮޅުން ކަނެކްޝަން ޓްރާންސްފޯމަރުތަކާ ގުޅާލުމުގެ މަސައްކަތެވެ. އަންނަ ހަފުތާގެ ހުކުރު ދުވަހު މި ކަނެކްޝަންތަކުގެ އަޖުމަ ބެލުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ. އެއާއެކު ކަރަންޓު ދިނުމުގައި އެއްވެސް މައްސަލައެއް ދިމާވޭތޯ ބަލައި އެކަމެއް ހައްލު ކުރެވޭނެކަމަށާ އޭގެފަހުން މިވިއުގަ ބޭނުންކުރަން ފެށޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
އެއް ވިއުގައަކުން ކަރަންޓު ގުޅާލުމުގެ މަސައްކަތުގެ ދަށުން މާލެއާއި ހުޅުމާލޭގައި ވަނީ 95 މެގަވޮޓްއެމްޕް (އެމްވީއޭ)ގެ ޓްރާންސްފޯމަރު ބަހައްޓާފައެވެ. އަދި ހުޅުލޭގައި ވަނީ 8 މެގަވޮޓްއެމްޕް އެމްވީއޭގެ ޓްރާންސްފޯމަރެއް ބަހައްޓާފައެވެ. 45 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން ހުރިހާ މަސައްކަތެއް ކުރަމުން އަންނަނީ ޗައިނާގެ ކުންފުންޏަކުންނެވެ. އަދި މަސައްކަތް ނިންމައި ޚިދުމަތް ދިނުމަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯއާއެވެ.
މި މަޝްރޫއާއެކު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ލުއިފަސޭހަވެގެން ދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. ވަކިން ޚާއްސަކޮށް ޖަނަރޭޓަރުތައް އޯވަރލޯޑުވެގެން ކަރަންޓު ކެނޑޭ ކެނޑުން ނިމުމަކަށް އައިސް، ޕަވަރ ޝޯޓޭޖެއް އަތުވެއްޖެ ހާލަތެއްގައި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކަރަންޓު އަނބުރާ ފޯރުކޮށްދެވޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.