ކ. މާލެ
|
8 ޖުލައި 2021 | ބުރާސްފަތި 22:05
ރައީސް ނަޝީދު ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުމާ ގުޅިގެން ސިފައިން ހަރަކާތްތެރިވަނީ
ރައީސް ނަޝީދު ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުމާ ގުޅިގެން ސިފައިން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
241 ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީ
ހަމަލާގައި ބައިވެރިވި މީހުން ހަމަލާދިން ސަރަހައްދު ސަރވެއިލްކޮށްފައިވޭ، އައިއީޑީ ހަރުކޮށްފައިވާ ސައިކަލް ހުރީ އެއްރޭ ކުރިން އެމަގުގައި ޕާކްކޮށްފައި
 
އައިއީޑީ ގޮއްވާލުމުގެ ގާތްގަނޑަކަށް 1 ގަޑިއިރު ކުރިން އެއައިއީޑީ ގޮއްވާލިކަމަށް ތުހުމަތުކުރެވޭ އަދުހަމް އެސަރަހައްދަށް ގޮސްފައިވޭ
 
އައިއީޑީ ހަރުކޮށްފައިވާ ސައިކަލް ހަމަލާދިން ރޭގެ އެއް ރޭ ކުރިން އެމަގުގައި ޕާކުކޮށްފައިވާއިރު، ހަމަލާދިނުމާ ހަމައަށްވެސް ސައިކަލް ހުރީ އެމަގުގައި
 
މިއަހަރުގެ މަރޗް މަހުގެ 12 ވަނަ ދުވަހު ބޭއްވި އިވެންޓެއްގައި ރައީސް ނަޝީދުގެ ހަރަކާތްތައް ބަލާ ފޮޓޯ ނަގާހަދާފައިވާކަން އެނގިފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މީހުން އެއް ފަހަރަށްވުރެ ގިނަ ފަހަރަށް ނީލޯފަރު ހިނގުމުގައި ހަރަކާތްތެރިވެ ގ.ކެނެރީގެ ސަރަހައްދު ސަރވެއިލްކޮށްފައިވާކަމަށް އެހަމަލާގައި ރައީސް ނަޝީދުގެ ސެކިޔުރިޓީ ފެއިލްވި ގޮތާއި ގުޅޭގޮތުން އެކުލަވާލި އިންކުއަރީން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ކުރިޔަށް ގެންދިޔަ އިންކުއަރީ ރިޕޯޓް މިހާރު ވަނީ އާންމުކޮށްފައެވެ. މިރިޕޯޓްގައި ރައީސް ނަޝީދަށް ހަމަލާދިނުމުގެ ކުރިން ކަން ހިނގާފައިވާ ގޮތް ބަލާފައިވާއިރު ރިޕޯޓްގައި ބުނެފައިވަނީ އޭގެކުރިން މިއަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހުވެސް ރައީސް ނަޝީދުގެ ހަރަކާތްތައް ބަލައި ފޮޓޯ ނަގާހަދާފައިވާކަން އެނގިފައިވާކަމަށެވެ.

އޭރުވަނީ ރައީސް ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލްގައެވެ. އަދި އެސަރަހައްދުގައި ތިބި ސެކިޔުރިޓީންނަށް އެމީހުން ފެނިފައިވާކަމަށްވެސް ބުނެފައިވެއެވެ.

ރައީސް މުހައްމަދު ނަޝީދަށް މި ހަމަލާ ދިނުމުގެ ކުރިން އެމަނިކުފާނަށް ބަޔަކު ފާރަލާފައިވާކަން އެނގިފައިވެއެވެ. އެގޮތުން 2021 ވަނަ އަހަރުގެ މަރޗް މަހުގެ 12 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާއަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް ރިޒްނާ ޒަރީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބަޔަކު ދުރުގައި ތިބެގެން ރައީސް ނަޝީދުގެ ހަރަކާތްތައް ބަލާ ފޮޓޯ ނަގާހަދާފައިވާކަން އެނގިފައިވޭ
އިންކުއަރީ ރިޕޯޓް

މީގެއިތުރުން ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ރައްޓެއްސެއްގެ ފަރާތުން މޭ 3 ވަނަ ދުވަހު ލިބިވަޑައިގަންނަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީއަށް މޭ 4 ވަނަ ދުވަހު ފޯނުން ހިއްސާކުރައްވާފައިވެއެވެ. އެގޮތުން ހަމަލާދޭ މީހުންނަށް 3 މިލިއަން ޑޮލަރުގެ އަގެއް ހުށަހަޅާފައިވާ ކަމަށާއި އަދި އެޑްވާންސްގެ ގޮތުގައި އަގުގެ 50 އިންސައްތަ ދިނުމަށް މަޝްވަރާކުރަމުންދާ ކަމަށް އެމައުލޫމާތު ދިން މީހާ ބުނެފައިވާކަމަށްވެސް އިލްޔާސް ޑިފެންސް މިނިސްޓަރ އަރިހު ދެންނެވިކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

މީގެއިތުރުން ހަމަލާދިނުމުގައި ބޭނުންކުރި އައިއީޑީ ހަރުކޮށްފައިވާ ސައިކަލް ހަމަލާދިން ރޭގެ އެއް ރޭ ކުރިން އެމަގުގައި ޕާކުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ހަމަލާދިނުމަށްޓަކައި ގޮއްވާލި އައިއީޑީ ހަރުކޮށްފައިވަނީ ސައިކަލެއްގައެވެ. އެ ސައިކަލް ވަނީ މޭ 5 ވަނަ ދުވަހުގެ ރޭ 8:01 ގައި ނީލޯފަރު ހިނގުމާއި މަޖީދީމަގާ ގުޅޭ ކަންމަތީގައި ޕާކުކޮށްފައެވެ. އެއަށްފަހު މެއި 6 ވަނަ ދުވަހުގެ ރޭ 8:27 ގައި އައިއީޑީ ގޮއްވާލުމާއި ހަމައަށް އެސައިކަލް އެތަނުގައި ޕާކުކޮށްފައި ހުރިގޮތަށް ހުއްޓެވެ.
އިންކުއަރީ ރިޕޯޓް

މީގެއިތުރުން މެއި 6 ވަނަ ދުވަހުގެ ރޭ އައިއީޑީ ގޮއްވާލުމުގެ ގާތްގަނޑަކަށް 1 ގަޑިއިރު ކުރިން، އެއައިއީޑީ ގޮއްވާލިކަމަށް ތުހުމަތުކުރެވޭ އަދުހަމް އަޙުމަދު ރަޝީދު އެސަރަހައްދަށް ގޮސްފައިވެއެވެ. އަދި އަދުހަމް ހުއްޓިހުރީ ނީލޯފަރު ހިނގުން ފެންނަގޮތަށް އަތަމާ ޕެލަސް ގޯޅި ތެރޭގައެވެ.

ރިޕޯޓުގައި ރައީސް ނަޝީދުގެ ތްރެޓް ހިސްޓްރީ ހިމަނާފައިވާއިރު 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވިފަހުން އެކި ފަހަރު ތްރެޓްތައް ލިބިވަޑައިގަންނަވާފައިވާކަން ވަނީ އެނިގަފައެވެ.

ނަމަވެސް މިހަމަލާ ދޭން އުޅޭކަމުގެ އިންޓެލް އެއްވެސް މައުލޫމާތެއް އިންޓެލް އިދާރާތަކަށް ލިބިފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
10%
0%
10%
40%
30%
10%
ކޮމެންޓް
9 ޖުލައި 2021 | ހުކުރު 03:27
ފަތަފޮޅި
އިލްޔާސްލަބީބަށް އެމައުލޫމާތު ދިނީ ކާކުހޭ ، ބޮޑުއިންކްއަރީއެއް ނިމުނުއިރު އެނގެންބޭނުންވި ޕޮއިންޓު ނުހިމަނާ.....