ރާއްޖޭގައި ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު 194،802ށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ޖުލައި ހަތަރު ވަނަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 2،481 މީހުންނާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 194،802ށް އަރާފައެވެ. ޖުލައި ހަތަރު ވަނަ ދުވަހު މާލެ ސަރަހައްދުން ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާފައި ވަނީ 2,119 މީހުންނެވެ. އަދި އަތޮޅުތެރެއިން 362 މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ.
ޖުލައި ހަތަރު ވަނަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 82 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 58 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 24 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 317،398ށް އަރާފައެވެ.
ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި، ފައިޒަރ ވެކްސިން، އަދި ސިނޮފާމް ވެކްސިނެވެ. މީގެތެރެއިން ސިނޮފާމްގެ ފުރަތަމަ ޑޯޒް 4 ޖުލައިގައި ޖަހާނީ ވެކްސިން ނުޖަހާ މީހުންގެ ތެރެއިން 18 އަހަރުން މަތީގެ މީހުންނަށް ކަމުގައިވާއިރު، ދެވަނަ ޑޯޒް ޖަހާނީ ވެކްސިން ޖެހިތާ 3 ހަފުތާ ވެފައިވާ މީހުންނަށެވެ.
ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލާފައި އޮތުމަށް ފަހު ޖުލައި 4 ގައި އަލުން ފަށާފައިވާއިރު، އެ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހައިދެނީ އެޕޮއިންމެންޓް ހައްދައިގެންނެވެ. ބައެއް ފަރާތްތަކުން އެޕޮއިންޓްމެންޓް ނުހައްދާ ވެކްސިން ޖަހަންދާ ކަމަށާއި އެގޮތަށް ވެކްސިން ޖަހަން ދިއުމުން ވެކްސިން ޖަހައި ނުދެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި އެޕޮއިންޓްމެންޓް ހެއްދުން ފަސޭހަ ކުރުމުގެ ގޮތުން އޮންލައިންކޮށް ޓޯކަން ދޫކޮށް އެޕޮއިންޓްމެންޓް ހެއްދުމުގެ ކަންތައް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.
ވެކްސިން ޖަހަން ނިންމާފައިވާ ކޮންމެ ސެންޓަރަކުން ވެކްސިން ދޭނެ މީހުންގެ އަދަދެއް ކަނޑައަޅައި، އެ އަދަދުތައް ވަނީ އާންމުކޮށްފައެވެ. އެގޮތުުން މިއިން ކޮންމެ ސެންޓަރެއްގައި ވެސް ދެ ދަންފަޅިއަކަށް ބަހާލައިގެން ވެކްސިން ޖަހަމުންދާއިރު، މިހާރު އޮތް އިންތިޒާމުގެ ދަށުން ހެނދުނު 10:00ގެ ދަންފަޅިއާއި 13:00ގެ ދަންފަޅިއަށް ބަލަން ހަމަޖައްސާފައިވަނީ އެއް ހަމައެއްގައެވެ. އައު ބަދަލުތަކާއެކު ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒުން ކޮންމެ ދަންފަޅިއެއްގައި 200 މީހުންނަށް ޓޯކަން ދޫކުރާނެއެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީއިން ދޫކުރަނީ 120 ޓޯކަންއެވެ. އަދި ނެޝަނަލް އާޓް ގެލައރީއިން ވެސް ދެ ދަންފަޅީގެ ތެރެއިން ކޮންމެ ދަންފަޅިއެއްގައި 70 ޓޯކަން ނަންބަރު ދޫކުރާނެއެވެ. ޓޯކަން ދޫކުރަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00ން 12 ޖެހުމާ ހަމައަށެވެ. ވެކްސިންގެ މައްސަލަ ހައްލުކުރުމަށް މިވަގުތު އެޕޮއިންޓްމަންޓް ދޫކުރާނީ 1 ފެބްރުއަރީ އާއި 15 މާޗާ ދެމެދު ފުރަތަމަ ޑޯޒް ޖެހި މީހުންނަށެވެ.
ވެކްސިން ޖަހަން ދާ ފަރާތްތަކުން ވެކްސިން ކާޑާއި އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިޔުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.