ކޮވިޑުގެ 4 ވަނަ ރާޅު މުޅި ރާއްޖެ ދޮވެލާފައި ދިޔަ އިރު ދޮޅު މަސް ދުވަސް ވަންދެން އެތައް ހާސް ބަޔަކު ތިބީ އަނެއްކާވެސް ހަތަރު ފާރުން އެތެރެވެ މާޔޫސްކަމެއްގެ ތެރޭގައެވެ. ހަފުތާއަކަށްފަހު ހަފުތާއަކަށް އަޅަމުން ދިޔަ ފިޔަވަޅުތަކާއެކު އުއްމީދުގެ ހުޅުކޮޅު ރޯކޮށްލައިގެން އެތައް ހާސް ބަޔަކު ތިއްބެވެ. ލުއި ލިބި ބަންދުން ދޫވާނެ ދުވަހަކަށެވެ.
މާލޭގެ ހާސްކަމުން ބޭރަށް ނުކުމެވި ރަށްރަށަށް ދެވޭނެ ކަމުގެ އުއްމީދުގައެވެ. ވަކިން ޚާއްސަކޮށް ބޮޑު ޗުއްޓީއަށް އާއިލާއެކު ކޮންމެވެސް ތަނަކަށް ދިއުމުގެ އުއްމީދުގައެވެ. ކޮވިޑާއި ގުޅިގެން އަޅަން ފެށި ހަރުކަށި ފިޔަވަޅުތަކަށް އަނެއްކާވެސް ގޮތް ހުސްވެފައި ތިބި އެތަކެއް ރައްޔިތުން ދިޔައީ ބޯލަނބަމުންނެވެ. ގެއިން ނުނުކުންނާށޭ ބުނުމުން ނުނުކުމެ ތިއްބެވެ. ރެސްޓޯރެންޓަށް ނުދާން ބުނުމުން އެކަން ވެސް ކުރިއެވެ. މިހެން ގޮސް ބުނި ހުރިހާ ކަމެއް ކުރިއެވެ.
އެންމެ ފަހުން އުއްމީދުގެ ހުޅުކޮޅު އިތުރަށް އަލިވެގެން ދިޔައީ ބޮޑު ބަންދަށް ލުއިތަކެއް ލިބޭނެކަމުގެ އުފާވެރި ޚަބަރާއެކުއެވެ. ނަމަވެސް ކަރު އެލުވާލަން ޖެހުނީ ވަކި ބަޔަކަށް އެފުރުސަތު ލިބުމުންނެވެ. އެއީ ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލި ޖެހި ރަނގަޅުވިތާ 60 ދުވަސް ނުވާ މީހުންނަށެވެ. ދަތުރުފަތުރު ކުރުމުގެ އުފާވެރިކަން ހޯދުމަށް ދަތި އުނދަގުލުގައި އެތައް ބަޔަކު ވެކްސިން ވެސް ފުރިހަމަ ކުރިއެވެ. ނަމަވެސް މި ބުނި ލުއިތައް ލިބުނީ ޖަލު ގޮޅިތަކުން ގައިދީން ނެރެ އެކި މަސައްކަތް ކުރުމާއި ހިތްހަމަޖައްސާލަން އާންމުކޮށް ނުކުންނަން އޮންނަ މާހައުލަށް ނެރޭފަދަ ގޮތަކަށެވެ.
ލުއިތައް ލިބޭނީ ހަމައެކަނި މި ދެންނެވި ބަޔަކަށް ކަމަށް ބުނުމުން ދެން އިވެން ފެށީ މާ ނުރައްކާތެރި ވާހަކަތެކެވެ. "50 ޑޮލަރު ދީ އެއިރުން ޕޮޒިޓިވް ނުވިޔަސް ޕޮޒިޓިވް ކޮށްލާނަން. އަދި 14 ދުވަސް ފަހުން ރަށަށް ދެވޭ ގޮތް ވެސް ހަދާފާނަން" މި އިބާރާތުންނެވެ. ކިހިނެއްވާ ކަމެއްތޯ ބަލާލަން ދިމަ ދިމާލުން ކޮންނަނަން ފެށުމުން ފެނުނީ ޝަހާދަތް ކިޔޭވަރުގެ އަޖައިބުކުރުވާ ކަމެކެވެ.
ހަމަ 50 ޑޮލަރަށް ޕޮޒިޓިވް ކޮށްލަނީއެވެ. އަދި ކިއެއްތަ އެންމެ 2 ގަޑި އިރު ތެރޭގައި އެކަން ކުރެވެއެވެ. މިދައްކަނީ ޖާދޫގަރަކު ގުޅިއަކުން ނަގާ ކަރުދާސްކޮޅެއްގެ ވާހަކައެއް ނޫނެވެ. މިއީ މާލޭގައި ހުރި ބައެއް އަމިއްލަ ލެބޯޓަރީތަކުން ހިންގަމުން އަންނަ އަޑި ނޭނގޭ ބޮޑު މައްސަލައެއްގެ ވާހަކައެވެ. މި ދެންނެވި 50 ޑޮލަރަކީ ޕީސީއާރު ޓެސްޓް ހަދައިދޭ މީހާ ނުވަތަ ކްލިނިކަށް ވަން ލާރިއެވެ. އެ ކްލިނިކަށް ދިއުމުން ސާމްޕަލް ނަގައި 2 ގަޑި އިރު ތެރޭގައި ޕޮޒިޓިވް ނަތީޖާއެއް ދެއެވެ. ނަމަވެސް އެއީ ހަމައެކަނި ނަމުން ޕޮޒިޓިވްއެވެ. ދެން ޖެހެނީ 14 ދުވަސް ވަންދެން މާލޭގައި މަޑުކޮށްލާށެވެ. އެމީހާކު އުޅޭނެހާ ގޮތަކަށް އުޅޭނީއެވެ.
14 ދުވަސް ފަހުން ބަލިން ރަނގަޅުވިކަމުގެ ލިޔުން ލިބުމުން ދެން ފުރައިގެން ދާންވީއެވެ. 50 ޑޮލަރަށް ޕޮޒިޓިވްވެ ރަނގަޅުވެ ރަށަށް ވެސް ދަތުރުކުރެވުނީއެވެ. ނަމަވެސް މިކަމުގެ ނުރައްކާތެރިކަން އޮތީ ކިހާ މިންވަރަކަށް ކަމެއް ވިސްނާ ނުލައެވެ. މަދު ލާރިއެއްގެ އަވައިގައި އަމިއްލަ ލެބޯޓަރީތަކުން މި ކުޅިގަނޑު ކުޅެމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ނުރައްކާތެރި ހާލަތެއްގައި އަދިވެސް ބައެއް މީހުން ބަލަނީ ޖީބަށް ގިނަކުރެވޭތޯއެވެ.
ނަން ނުޖެހުމަށް ޝަތުރުކޮށް ރާއްޖެއެމްވީއާއި ވާހަކަ ދެއްކި މީހަކު ބުނީ ރަށްރަށުގެ ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިން ވެސް ފުރުވުމަށް ނެގެޓިވް ނަތީޖާތައް ހައްދަނީ މިހެންނެވެ. އަދި މީގެ ކުރިން ޕޮޒިޓިވްވެފައިވާ މީހުން ރާއްޖެއިން ފުރުމަށް ނެގެޓިވް ރިޒަލްޓް ހައްދައި ދެމުން ދިޔަ ކަމަށާއި، ވަގުތާއި ހާލަތަށް ބަދަލު އައިސް މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރުމަށް ޕޮޒިޓިވް ރިޒަލްޓް ވެސް ހައްދައިދޭ ކަމަށެވެ. އަދި މިކަމުގައި ނަން މަޝްހޫރު ލެބޯޓަރީތައް މި ދަށްފަންތީގެ އަމަލު ހިންގަމުން އަންނަ އިރު ފިޔަވަޅު ނޭޅެނީ ވެސް އަޑި ނޭނގޭ ސަބަބުތަކެއް އޮވެގެންނެވެ.
މީގެ ތެރެއިން އެއް ސަބަބަކީ ހެލްތް މިނިސްޓްރީގެ ތެރެއިން ކޮވިޑްގެ ކަންކަން ބަލަހައްޓަމުން އަންނަ ބައެއް އިސް ފަރާތްތަކުގެ އަތް މިކަމުގައި ވުމެވެ. އެމީހުންގެ ނުފޫޒުން މިއިން ކަމެއް ނުހުއްޓުވެއެވެ. ސަބަބަކީ ކޮވިޑްގެ ޕެންޑަމިކާއެކު މުޅި ދުނިޔޭގައި އުފެދުނު "މެޑިކަލް މާފިއާ" ގެ ކުޑަ މިންވަރެއް ނަމަވެސް ރާއްޖޭގައި އޮތުމެވެ. އަމިއްލަ ޖީބަށް ބޮޑުކުރަން ބޭނުން ނުވާނީ ކާކު ހެއްޔެވެ. ކޮވިޑަކީ ބައެއް މީހުންނަށް އަލާއުއްދީން ހޮހޮޅައިން ހޯދި ޚަޒާނާ ކަހަލަ އެއްޗެކެވެ. ކޮވިޑް ސާމްޕަލް ނަގާ ޓެސްޓް ކުރުމަކީ އަލާއުއްދީނުގެ ވޮއް ކަހަލަ އެއްޗެކެވެ. ޓެސްޓް ކުރާ ކިޓަކީ ޖިންނިއެވެ. އަމުރުކުރިހާ ގޮތަކަށް ލާރި އުފައްދަނީއެވެ. ޕޮޒިޓިވްވާން އެދުމުން ޕޮޒިޓިވް އަދި ނެގެޓިވްވާން އެދުމުން ނެގެޓިވްއެވެ.
ސުވާލަކީ މިފަދަ ހަރާން ލާރި ކައިގެން ބޮއިގެން އުޅެން ލަދުގެ ކަންފުޅެއް ވެސް ހަމަ ނެތީތޯއެވެ. ބަލިމަޑުކަމެއްގައި އެތައް ހާސް ބަޔަކު ވަޒީފާ ގެއްލިގެން އެތައް ވޭނެއް ތަހައްމަލު ކުރަމުން ދާއިރު ޖީބަށް ވަންނަ މަދު ލާރިއެއްގެ އަވާގައި ވަބާ ފަތުރަން ހަމަ ހިތަށް ކަހެރުވަކެކޭވެސް ނާރަނީތޯއެވެ. ސިއްހީ ޚިދުމަތެއް ދިނުމުގެ ނަމުގައި ޚިދުމަތް ހޯދަން އަންނަ މީހާ މަރާލަން ހަމަ ޖެހިލުމެއް ވެސް ނުވަނީތޯއެވެ.
ހަމަ 50 ޑޮލަރަކަށް ތިމާގެ ޒަމީރު ވިއްކާލަން ލަދުގެ ކަންފުޅެއް ވެސް ނެތީތޯއެވެ. 50 ޑޮލަރަށްޓަކައި އާބާދީއެއް ހަލާކުވާން ހަމަ ދޫކޮށްލާނީތޯއެވެ.