މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ޚިދުމަތް ފެށި އިރު، އެ ކުންފުނީގެ ކޮންޓެއިނަރ ވެސަލް އިން އަމިއްލަ ވިޔަފާރިވެރިންގެ އޯޑަރުތަކާއެކު އުފުލަމުން ދިޔައީ 50 ކޮންޓެއިނަރުގެ މުދާ ކަމަށާއި ނަމަވެސް މިހާރު އެންމެ މަދުވެގެން 300 ކޮންޓެއިނަރު ކޮންމެ ދަތުރެއްގައި ވެސް އުފުލާ ކަމަށް އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރ ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީއާ ވާހަކަދައްކަވަމުން އެމްޑީ ސައީދު ވިދާޅުވީ އެމްއެސްއެސްގެ މަސައްކަތް ފެށިއިރު، މުދާ ގެނެވުނީ ވަރަށް މަދުން ކަމަށާއި އޭރު އެންމެ ބޮޑަށް އިސްކަންދިނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެންނަންޖެހޭ މުދާ ގެނައުމަށް ކަމަށެވެ. އެގޮތުން ފެސިލިޓީތައް ގާއިމުކުރުމަށް ބޭނުންވި އެނދާއި، އެންމެ ބޮޑަށް ޑިމާންޑު އުފުލިގެން ދިޔަ ސަރޖިކަލް މާސްކު، އަންގި އަދި ޕީޕީއީ ގެނައުމަށް ހާއްސަ ސަމާލުކަމެއް ދިން ކަމަށް ކެޕްޓަން ސައީދު ފާހަގަކުރެއްވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ގެންނަން ޖެހުނު ސާމާނުތައް ގެނައުމުގެ އިތުރުން އެމްއެސްއެސްގެ ޝެޑިއުލް މެއިންޓެއިންކޮށް އިންޓަނޭޝަނަލް ޝިޕިން ލައިންތަކާ ގުޅިގެން ކުންފުނީގެ ކޮންޓެއިނަރ ކާގޯގެ ވޮލިއުމް އިތުރުކުރުމުގެ މަސައްކަތް ކުރަންފެށުނު ކަމަށާއި އެންމެ ފުރަތަމަ ފަށައިިގަތް އިރަށް ވުރެ މިހާރު ކޮންޓެއިނަރ ކާގޯގެ ވޮލިއުމް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެމްޑީ ވިދާޅުވިއެވެ. އެގޮތުން 50 ކޮންޓެއިނަރު ހިފައިގެން ކުރި ދަތުރުތައް މިހާރު ވަނީ މަދުވެގެން 300ށް އިތުރުވެފައިވާ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޮންމެ 10 ދުވަހަކުން ރާއްޖެއަށް ކޮންޓެއިނަރ ވެސަލް މިހާރު އަންނަ ކަމަށް ވިދާޅުވިއެވެ.
އޭގެ އިިތުރުން ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ލައިން މަރސްކްއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި ރާއްޖެއަށް މަރސްކް މެދުވެރިކޮށް ގެންނަ ހުރިހާ މުދަލެއް ގެންނާނީ އެމްއެސްއެސް މެދުވެރިކޮށް ކަމަށް އެމްޑީ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެމްޑީ ވަނީ މިޒަމާނުުގައި ޝިޕިންގެ ޚިދުމަތް ތަރައްގީވެގެންދާނީ މިފަދަ ކޮލަބޮރޭޝަންތަކާ އެކު ކަމަށް ވަނީ ވިދާޅުވެފައެވެ.
އެމްއެސްއެސްގެ ޚިދުމަތްތައް ފަށައިގަތުމާ އެކު ކޮވިޑް-19ގެ ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް ކުންފުނީގެ މަސައްކަތްތައް ފުޅާވެ، ކުރިއަރަމުން އަންނަ ކަމަށް އެމްޑީ ސައީދު ވަނީ ފާހަގަކުރައްވާފައެެވެ.