ކުރިއަތް އޮތްތަނުގައި އިކޮނޮމިކް މިނިސްޓްރީން ކޯޓާ ދޫކުރާނީ ޖޮބްސެންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިހާރު މަސައްކަތްކުރަނީ ޖޮބްސެންޓަރ މެދުވެރިކޮށް ވަޒީފާގެ ކަންތައް ހަމަޖައްސަން ކަމަށާއި އެޕޯޓަލްގައި ވަޒީފާ ބޭނުންވާ ފަރާތްތަކުގެ އިތުރުން ވަޒީފާދޭ ފަރާތްތައް މިހާރު ރަޖިސްޓްރީކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ފާހަގަކޮށް މިނިސްޓަރ ފައްޔާޒު ވަނީ ޖޮބްސެންޓަރުގައި ރަޖިސްޓްރީވުމުން ކޯޓާ ދޫކުރުމަށް ނިންމަން ގަސްތުކޮށްފައިވަނީ މިކަމަށް ހުރިހާ ފަރާތްތަކުން މައިގްރޭޓް ކުރުމަށް ކަމަށް ވިދާޅުވެފައެވެ. އަދި ޖޮބްސެންޓަރ މެދުވެރިކޮށް ކުރެވޭ މަސައްކަތުގެ ދަށުން ވަޒީފާތައް އިއުލާންކުރުމުން އެއަށް އެންމެ އެކަށޭނަ ދިވެހި މުވައްޒަފަކު ހަމަޖެއްސުމުގެ މަސައްކަތްކުރާނެ ކަމަށާއި އެމަގާމަށް ބިދޭސީ މުވައްޒަފަކު ހަމަޖެއްސުމުގެ ފުރުސަތު ދޭނީ ދިވެހި މުވައްޒަފަކު ހަމަނުޖެއްސުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޒު ވަނީ ޖޮބްސެންޓަރ މެދުވެރިކޮށް މިގޮތަށް މަސައްކަތްތައް ރޭވިފައިވީ ނަމަވެސް ޕޯޓަލް މެދުވެރިކޮށް މިގޮތަށް މަސައްކަތްކުރާ މީހުން މަދުކަން ފާހަގަކުރައްވައި މިކަމަށް އިތުރު ތަރުހީބު ބޭނުންވާކަމަށް ވިދާޅުވެފައެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން މިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތައް ނުކުރެވޭ ކަމަށާއި އެހެން ނަމަވެސް ޕޯޓަލް ރަނގަޅަށް ހިނގައިގަންނަން ފެށުމުން ރަނގަޅު ބަދަލެއް ފެނިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ކައުންސިލްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ހުރިހާކަމެއް ކުރެވޭ ގޮތަށް ކުއްލިއަކަށް ނުހަދާ ހުރީ އެހާ ބޮޑު ބަދަލެއް ކުއްލިއަކަށް ގެނަސްފި ނަމަ އިންޑަސްޓްރީއަށް ބޮޑު ޝޮކެއް އައިސްދާނެތީ ކަމަށެވެ. އަދި ވަޒީފާތަކަށް ޒުވާނުން އަހުލުވެރިކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް އެޑިއުކޭޝަން މިނިސްޓްރީ އަދި ވަރލްޑް ބޭންކާއެކު ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.