ކޮވިޑް-19އިން ދިފާއުވާން ޖަހާ ވެކްސިންގެ ދެ ޑޯޒު ޖަހައިގެން ދަތުރުކުރުމަށް ހުއްދަ ނުދެވި އޮތީ އަދި އެކަށީގެންވާ ވަރަށް މީހުން ރާއްޖޭގައި ވެކްސިން ޖަހާފައި ނުވާތީ ކަމަށް ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ ދަތުރުކުރުމަށް ހުޅުވާ ނުލެވި އޮތީ އެކަމުގައި ޕޮލިސީ ލެވެލްގައި އެއްބަސް ނުވެވޭތީ ކަމަށެވެ.
އެކަމުގެ އިތުރު ތަފްސީލް ހިއްސާކުރައްވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ، ވެކްސިންގެ ދެ ޑޯޒު ޖަހައިގެން ދަތުރު ކުރެވޭނެ އުސޫލެއް އޮތުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. ނަމަވެސް އެ ފުރުސަތު ހުޅުވާލެވޭނީ ބަލި ފެތުރުމުގެ ފުރުސަތު ކުޑަވާ ވަރެއް ޔަގީން ކުރުމަށް ފަހު ކަމަށް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ އެގޮތަށް ދަތުރުކުރުމުގެ އުސޫލެއް ކަނޑައަޅާ އަމަލުކުރަން ފެށޭނީ ރާއްޖޭގެ އާބާދީގެ 75 އިންސައްތައް މީހުން ވެކްސިންގެ ދެ ޑޯޒު ޖެހުމުން ކަމަށެވެ. މިވަގުތު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި އޮތީ ހަމައެކަނި 38 އިންސައްތައިގެ މީހުން ކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން ވެސް މާލެ ސަރަހައްދުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް އަތޮޅުތެރެއިން އާބާދީގެ 60 އިންސައްތަ މީހުން ދެ ޑޯޒު ފުރިހަމަކޮށްފައިވާ ރަށްރަށަށް ދިއުމުގެ ހުއްދަ ދިނެވެ. އެ އުސޫލަށް އަމަލުކުރުން ހުއްޓާލީ ރާއްޖޭގައި ކޮވިޑް-19 ކޭސްތައް އިންތިހާއަށް އިތުރުވެ އެޅި ފިޔަވަޅުތަކުގެ ތެރެއިންނެވެ.
މިހާރު ރާއްޖެއިން 300،000ށް ވުރެ ގިނަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު ދެވަނަ ޑޯޒު ހަމަވި މީހުން 200،000ށް ވެސް ނާރައެވެ. ރާއްޖެއިން 200،000ށް ވުރެ ގިނަ މީހުން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހިއިރު މިހާރު އެ ވެކްސިން ރާއްޖެއިން ހުސްވެ ވެކްސިންގެ ދެވަނަ ޑޯޒު ޖެހުން ހުއްޓާލާފައި އޮންނަތާ ވަނީ އެއްމަހަށް ވުރެ ގިނަ ދުވަސްވެފައެވެ. ގިނަ ބަޔަކަށް ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަ ނުކުރެވިވަނީ އެ ސަބަބާ ހުރެއެވެ.