ކ. މާލެ
|
28 ޖޫން 2021 | ހޯމަ 09:38
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
ހަތަރު ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި ތިން މީހަކު ހައްޔަރުކޮށްފި
 
ހައްޔަރު ކުރެވުނު އެއްމެންނަކީ ވެސް ދިވެހިން
 
ހައްޔަރުކޮށްފައިވަނީ 22 އަހަރާއި 26 އަަހަރާއި 39 އަހަރުގެ ފިރިހެނުން

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއްގައި ހަތަރު ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި 26 އަަހަރުގެ ފިރިހެނެއްގެ އިތުރުން 39 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންނަކީ ވެސް ދިވެހިންނެވެ.

މި ތިން މީހުންގެ ތެރެއިން 22 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 10:46 ހާއިރު، އޭނާ ދިރިއުޅޭ ގެ ކައިރިންނެވެ. އެ އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އެގޭގެ ގޯތިތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއިި ހަތަރު ރަބަރު ޕެކެޓު ހޯދާފައިވެއެވެ.

ގުޅީ ގެއެއްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށި ޕޮލިސް ސްޓޭޝަނާއި ގުޅި ޕޮލިސް ޑެސްކު ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގުޅީ ގެއެއް ބަލައިފާސްކޮށް މި ޖޫން މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 8:17 ހާއިރު 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ހޯދާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެެދު ގޮތެއް ނިންމުމަށް ގުޅީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

އޭގެ އިތުރުން ރ. މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މީދޫ ގެއެއް ބަލައިފާސްކޮށް މިމަހުގެ 25 ވަނަ ދުވަހުގެރޭ 12:10 ހާއިރު 39 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވެއެވެ. މި އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ހޯދާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

އަދި އައްޑޫސިޓީ ހުޅުމީދޫ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހުޅުމީދޫ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 22 ރަބަރު ޕެކެޓު ހޯދާފައިވެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް