ކ. މާލެ
|
27 ޖޫން 2021 | އާދީއްތަ 10:23
ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި
ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަތައް
މިދިޔަ އަހަރު ރިޕޯޓުކުރި މަސްތުވާތަކެތީގެ މައްސަލަތައް ނިސްބަތުން މަދު
 
2020 ވަނަ އަހަރު ފިޔަވާ އެހެން ހުރިހާ އަހަރެއްގައި ވެސް އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވަނީ މާލެ ސަރަހައްދުން
 
އެންމެ ގިނަ މައްސަލަ ރިޕޯޓުކޮށްފައި ވަނީ 2018ގައި
 
ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި މަސްތުވާތަކެތީގެ 12،000ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

ފާއިތުވެދިޔަ ހަތަރު އަހަރު ތެރެއިން އެންމެ މަދުން މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އަހަރު ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

"އިންޓަނޭޝަނަލް ޑޭ އެގެއިންސްޓް ޑްރަގް އެބިއުސް" އާ ގުޅިގެން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި މަސްތުވާތަކެތީގެ 12،000ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ މައްސަލަ ރިޕޯޓުކޮށްފައި ވަނީ 2018ގައެވެ. އެއީ 2،230އެވެ. ދެން އެންމެ ގިނަ ކޭސް ރިޕޯޓުކުރީ 2019ގައެވެ. އެއީ 2،188އެވެ. މީގެ އިތުރަށް 2017ގައި 2،038 ކޭސް ރިޕޯޓުކޮށްފައިވާއިރު، 2020ގައި ރިޕޯޓުކުރި އަދަދު މި އަދަތުތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ދަށެވެ. އެގޮތުން 2020ގައި ރިޕޯޓުކޮށްފައި ވަނީ 1،425ކޭސްއެވެ.

2017 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ދެމެދަށް ބަލާއިރު، 2020 ވަނަ އަހަރު ފިޔަވާ އެހެން ހުރިހާ އަހަރެއްގައި ވެސް އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން ކޮންމެ އަހަރެއްގައި ވެސް މާލެ ސަރަހައްދުން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ އަދަދި 1،000ން މައްޗެވެ. އެކަމަކު 2020 ވަނަ އަހަރު ރިޕޯތުކުރި ކޭސްތަކުގެ އަދަދު 500ށް ވެސް ނާރައެވެ.

މާލެ ސަރަހައްދުން ރިޕޯޓުކުރި ކޭސްތަކަށް ބަލާއިރު، އެންމެ ގިނަ ކޭސް ރިޕޯޓުކުރީ 2018 ވަނަ އަހަރުއެވެ. އެއީ 1،390 ކޭސްއެވެ. 2017 ވަނަ އަހަރު 1،167ކޭސް ރިޕޯޓުކުރި އިރު 2019ގައި 1،102 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

އަތޮޅުތެރެއިން ރިޕޯޓުކުރި ކޭސްތަކުގެ ތެރެއިން 1،000ން މައްޗަށް ކޭސްތައް އަރާފައި ވަނީ އެންމެ އަހަރަކުއެވެ. އެއީ 2019ގައެވެ. މާލެ ސަރަހައްދުން ރިޕޯޓުކުރި ކޭސްތަކުގެ އަދަދަށް ވުރެ އަތޮޅުތަކުގެ ކޭސްތައް ގިނައީ 2020ގައެވެ. އެއީ 943 ކޭސްއެވެ. މި އަދަދަކީ އެ އަހަރު މާލެއިން ރިޕޯޓުކުރި 482 ކޭސްއާ އަޅާބަލާއިރު ދެގުނައަށް އިތުރު އަދަދެކެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ގިނައީ މީހުންގެ އަތުން މަސްތުވާތަކެތި ފެނުނު މައްސަލަތަކެވެ، އެގޮތުން މިދިޔަ އަހަރު ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ 46 ޕަސަންޓު ކޭސްތަކަކީ މީހުންގެ އަތުގައި މަސްތުވާތަކެތި ހުރި މައްސަލަތަކެވެ. 26 ޕަސަންޓު ކޭސްތަތަކީ މަސްތުވާތަކެތި ވިއްކި މައްސަލަތަކެވެ. އަދި މަސްތުވާތަކެތި ބޭނުންކުރި މައްސަލަތަކަކީ އޭގެ ތެރެއިން 14 ޕަސަންޓަށް ވާއިރު އެތެރެ ކުރި މައްސަލަތަކަކީ 10 ޕަސަންޓެވެ.

މިފަދަ މައްސަލަތަކުގައު 2020 ވަނަ އަހަރު 1،212 މީހުން ހައްޔަރުކޮށްފައިވާއިރު އެންމެ ގިނައިން ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ. އެގޮތުން ހައްޔަރުކުރި މީހުންގެ 70 ޕަސަންޓަކީ އެ އުމުރުގެ މީހުންނެވެ. އަދި 28 ޕަސަންޓު 35 އަހަރުން މަތީގެ މީހުން ހިމެނޭ އިރު ދެ ޕަސަންޓަކީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން 98 ޕަސަންޓަކީ ފިރިހެނުންނެވެ. އަދި ބާކީ ދެ ޕަސަންޓަކީ އަންހެނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
100%
0%
0%
0%
0%
0%
ކޮމެންޓް